މޯލްޑިވްސް ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް ހުޅުވައިފި

މޯލްޑިވްސް ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް އެޑިއުކޭޝަން މިނިސްޓަރު ހުޅުއްވައިދެއްވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މޯލްޑިވްސް ޕޮލިޓެކްނިކުން ގއ. ވިލިނގިލީގައި އެ އިދާރާގެ ކެމްޕަހެއް ހުޅުވައިފި އެވެ.

އެ ކެމްޕަސް ހުޅުއްވައި ދެއްވީ ގއ. އަތޮޅުގެ ހުރިހާ ސްކޫލަކަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ވިލިނގިލި އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ވިލިނގިލީ ކެމްޕަސް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކުގައި ތިބި ޒުވާނުންނަށް އެކިއެކި ހުނަރު ދަސްކޮށްދޭ ތަފާތު ކޯސްތަކާއި ޕްރޮގްރާމްތައް ހިންގުމަށްޓަކައި މާލެ ފިޔަވައި ރާއްޖޭގެ ހަ ސަރަހައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެގޮތުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަހަކީ ރަސްމީކޮށް ހުޅުވި ހަތަރު ވަނަ ކެމްޕަހެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

ވިލިނގިލީ ކެމްޕަހުގައި ޑިޕްލޮމާ އާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެ އެވެ. އަދި އެ ކެމްޕަހުގައި އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ އާ ކޯސްތަކަކަށް ކުރިމަތިލުމަށް އިއުލާންކޮށްފައިވާ އިރު، ކައިރިއަށް އޮތްތަނުގައި ޑިގްރީ ފެންވަރުގެ ކޯސްތައް ފެށިގެންދާނެ ކަމަށް މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް މިވަގުތު ހިންގަމުންދަނީ އެރަށު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި އިމާރާތެއްގަ އެވެ. ނަމަވެސް އެ ކެމްޕަހުގެ ދާއިމީ އިމާރާތެއް ގާއިމްކުރުމަށް ވިލިނގިލީ ކައުންސިލުން މޯލްޑިވްސް ޕޮލިޓެކްނިކަށް ރަސްމީކޮށް ބިމެއް ދީފައިވާ ކަމަށާއި އެތަނުގައި ޒަމާނީ ކެމްޕަހެއް އެޅުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

ވިލިނގިލީ ކެމްޕަހުގައި ހިންގަމުން ގެންދާ ކޯސްތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ ގިނަ ވަސީލަތްތަކާއި ޓެކްނިކަލް ބޭފުޅުން ހަމަޖައްސަވައިދެއްވަމުން ގެންދަވަނީ ފެލިވަރު އައުޓްރީޗް ސެންޓަރުންނެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ވިލިނގިލީ ކެމްޕަސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ބޮޑު ޕަސެންޓެއް ހިއްސާކުރާ، ދިވެހި ޒުވާނުންނަކީ މުހިންމު އަދި ބޭނުންތެރި ބައެއްގެ ގޮތުގައި ބަލައިގަނެވި އެމީހުންނަށް ބޭނުންވާ އެހީތެރިކަމާއި އަޅާލުން ދެވިއްޖެ ނަމަ ދުނިޔޭގެ އެހެން ގައުމުތަކުގެ ޒުވާނުންނަށް ވުރެ ކުރީގައި ތިބޭ ބައެއްކަން އެ ޒުވާނުން މިހާތަނަށް ސާބިތުކޮށްދެމުންދާ ކަމަށެވެ.

އެގޮތުން، ދިވެހި ޒުވާނުންނަކީ ހުނަރުވެރި ފަންނީ މަސައްކަތްތަކެއް ކުރާ، އެހެން މީހުންގެ އިހްތިރާމް ލިބިފައިވާ ގަދަރުވެރި ބަޔަކަށް ހެއްދެވުމަށް ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވެސް މަސައްކަތެއް ނެތި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ ގައުމަށް ފައިދާ ހުރި ބަޔަކަށް ހެދުމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ތަފާތު ދާއިރާތަކުން ގިނަ ފުރުސަތުތައް ހުޅުވާލާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުން، އެކިއެކި ސިނާއަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމަށްޓަކައި، ހިންގޭ ތަމްރީނު ޕްރޮގްރާމްތަކަކީ ހަމައެކަނި މާލޭގައި ހިންގޭ ޕްރޮގްރާމްތަކަކަށް ވުމުގެ ބަދަލުގައި އެފަދަ ޕްރޮގްރާމްތައް އަތޮޅުތަކަށް ފުޅާ ކުރުމުގެ މަސައްކަތްތަކެއް މިވަނީ ފެށިފައި،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

comment ކޮމެންޓް