ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު ހުޅުމާލޭގައި

މީގެ ކުރިން ބޭއްވި ޝަރަފުގެ ހިނގާލުމެއްގައި ސިފައިންގެ ލަޝްކަރު: މިއަހަރުގެ ޝަރަފުގެ ހިނގާލުން އޮންނާނީ އަންނަ ހުކުރު ދުވަހު --- ސަން ފައިލް ފޮޓޯ

ވިއްސާރަ ވުމުގެ ސަބަބުން ފަސްކުރި 124 ވަނަ ސިފައިންގެ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހުޅުމާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

މާދަމާ ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހުނު ނަމަވެސް، އެންމެ ފުރަތަމަ އެ ހިނގާލުން ބޭއްވުމަށް ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މޫސުމް ގޯސް ވުމުގެ ސަބަބުން އެ ދުވަހުގެ ހިނގާލުން ވަނީ ނުބާއްވާ ގޮތަށް ނިންމާފަ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 04:40 ގައި ކަމަށެވެ.

މާދަމާ ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަގުތައް --- ފޮޓޯ: އެމްއެންޑީއެފް

އެގޮތުން އެ ހިނގާލުން ކުރިއަށް ދާނީ، ހުޅުމާލޭގެ އެމްޕީއެލް ސަރަޙައްދުން ނުކުމެގެން އަސުރުމާ ހިނގުމުން އިރަށްގޮސް، ނިރޮޅުމަގަށް ނިކުމެ، ނިރޮޅުމަގުން އުތުރަށް ގޮސް، ފިނިފެންމާ ހިނގުމުން ހުޅަނގަށް އަޅައި، ފިނިފެންމާ ހިނގުމުން ފެރީ ޓާމިނަލްއާ ދިމާއަށް ނިކުންނަ ގޮތަށް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އަދި ފެރީ ޓާމިނަލް ކައިރިން ފިތުރޯނުމަގުން ދެކުނަށް ގޮސް އެމްޕީއެލް ސަރަހައްދަށް ހިނގާލުން ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ، މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޝަރަފުގެ ހިނގާލުމުގެ ލަޝްކަރު ތިން ސަރަހައްދެއްގައި ހުއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ހުއްޓޭނީ އަސުރުމާ ހިނގުމާއި ނިރޮޅު މަގުގެ ކަންމަތީގައި ކަމަށާއި ދެވަނައަށް ހުއްޓޭނީ ނިރޮޅުމަގާއި ފިނިފެންމާ ހިނގުން ގުޅޭ ހިސާބަށް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

ހަމައެއާ އެކު، ތިން ވަނަ އަށް ހުއްޓޭނީ ފިނިފެންމާ ހިނގުމުގައި ފެރީ ޓާމިނަލް ކައިރީގައި ކަމަށާއި ކޮންމެ ހުއްޓުމެއްގައި ވެސް ސިފައިންގެ ބްރާސް ބޭންޑުގައި ރީތި ރާގުތައް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

comment ކޮމެންޓް