ބިޒްނެސް އިމޭޖަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިފި

މާލެ ސިޓީ ކައުންސިލްގެ މެމްބަރުން: ސަން ފައިލް ފޮޓޯ

މާލޭ ސިޓީ ނަލަކުރުމަށް ބިޒްނެސް އިމޭޖް ގްރޫޕު ޕްރައިވެޓް ލިމިޓެޑާ އެކު މާލޭ ސިޓީ ކައުންސިލުން ހެދި އެއްބަސްވުން މިހާރު ބާތިލުވެފައިވާ ކަމަށް ކަނޑައަޅައި އެ އެއްބަސްވުމުގެ ބަދަލު ހޯދުމަށް ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު ބިޒްނަސް އިމޭޖަށް ލިބިގެންވާ ކަމަށް ބުނެ ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން މިދިއަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދަށް ބަދަލުގެނެސް މާލޭގެ މަގުތައް ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބިޒްނެސް އިމޭޖް ގްރޫޕާ އެކު މާލޭ ސިޓީ ކައުންސިލުން ތިނެއް އޮކްޓޫބަރު 2011ގައި ހަދާފައިވާ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މާލެ ނަލަކުރުމަށް ކަމަށް ބުނެ ބިޒްނެސް އިމޭޖުން މާލޭސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުގެ މައްޗަށް ދައުވާ ކުރުމުގެ ފުރިހަމަ އިހުތިޔާރު އެ ގުރޫޕަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

ވަޒީރުންގެ މަޖިލީހުން ބަދަލު ގެނެސްފައިވަނީ ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ) އަށެވެ. އެބަދަލާ ގުޅިގެން މާލޭ ސިޓީކައުންސިލުގެ ދަށުގައި ހުރި ގިނަ ބާރުތަކެއް ވަނީ ހައުސިންގް މިނިސްޓްރީގެ ދަށަށް ބަދަލުވެފަ އެވެ.

comment ކޮމެންޓް