ފުލުހުންނާއި ހައުސިން މިނިސްޓްރީން ގޮސް ހާބަރު ކަޑަތައް ބަންދުކޮށްފި

މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގެ ކަޑަތައް ބަންދުކޮށްފައި ----- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ފުލުހުންނާއި ހައުސިން މިނިސްޓްރީން ގޮސް ހާބަރު ކަޑަތައް ބަންދުކޮށްފި އެވެ.

މިއަދު ހެނދުނު ސަންގެ ނޫސްވެރިން ހާބަރު ކަޑަތަކަށް ދިޔައިރު އެ ސަރަހައްދުގައި ހުރި ހުރިހާ ކަޑަތަކެއް ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި 41 ކަޑައާއި ދެ ފިހާރަ ހުރެއެވެ.

ހާބަރު ކަޑައެއްގެ ވެރިއަކު މިއަދު ބުނީ ކަޑަތައް ބަންދުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީ އާއި އެސްއޯ ފުލުހުންގެ ޓީމެއް ގޮސް ކަމަށެވެ.

އޭނާ ބުނީ ހައުސިން މިނިސްޓްރީގެ ބޭފުޅުންނާ އެކު ކަޑަތަކަށް ގޮސް ފުލުހުން ކުރި ސުވާލަކީ މަނާކޮށްފައި ވަނިކޮށްފައި ވަނިކޮށް ކަޑަތައް ހިންގަނީ ކީއްވެގެންތޯ ކަމަށެވެ.

މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގެ ކަޑަތައް ބަންދުކޮށްފައި ----- ސަން ފޮޓޯ: އަހްމަދު ޝަރުވާން

އޭނާ ބުނީ، ސަރުކާރުން ކުރިން އެމީހުންނަށް ދޫކުރި ލިޔުމެއްގައިވާގޮތުން އެތަން ބަންދުކުރާނީ ތިން މަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކަމަށެވެ. އަދި އެ ލިޔުމަށް ރިއާޔަތްކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ތިން މަސް ދުވަހުގެ ނޯޓިސް ދިނުމަށްފަހު ނޫނީ ކަޑަތައް ބަންދު ނުކުރެވޭނެ ކަމަށް އަމުރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ބާތިލްކޮށްފައިވާ ކަމަށާއި މިހާރު އެ މައްސަލަ އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އެ މައްސަލާގައި ވަކި ގޮތެއް ކަނޑަނާޅަނީސް ކަޑަތައް ބަންދު ކުރެވޭނެ ކަމަށް ގަބޫލުނުކުރާކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގެ ކަޑަތައް ބަންދުކޮށްފައި ----- ސަން ފޮޓޯ: އަހްމަދު ޝަރުވާން

"އަޅުގަނޑުމެންނަކީ ސަރުކާރަށް ދައްކަންޖެހޭ ޓެކްސް ބަރާބަރަށް ދައްކަމުން އަންނަ ބައެއް. ބަރާބަރަށް ކަރަންޓާއި ފެނުގެ ބިލް ދައްކަމުން އަންނަ ބައެއް. އެހެންވީމަ ސުޕްރީމް ކޯޓުގައި މައްސަލަ އޮއްވައި އެ ކޯޓުން ވަކިގޮތަކަށް ހުކުމް އިއްވުމުގެ ކުރިން މި ކަޑަތައް ނެގިދާނެ ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" އޭނާ ބުންޏެވެ.

ހާބަރުގެ ހުރިހާ ކަޑަތަކުގައި ވެސް ބޭނުންކުރަމުންދިޔަ ތަކެތި ހުސްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އެތަކެތި ހުސްކުރަނީ އެ ކަޑަތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ހައުސިން މިނިސްޓްރީން ބުނީ ހާބަރު ކަޑަތައް ހުސްކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހާއި 18 ވަނަ ދުވަހު އެ މިނިސްޓްރީން ހުރިހާ ކަޑަތަކަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ އެންގުމަށް އަމަލުނުކުރުމުން ދާދިފަހުން އަނެއްކާވެސް އެތަންތަން ހުސްކުރާން ތިން ދުވަހުގެ ނޯޓިސް އެއް ދީފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހައުސިން މިނިސްޓްރީން ހާބަރު ކަޑަތަކުގައި ހަރުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެ ސަރައްދުގައި ޒަމާނީފެންވަރުގެ ފުޑް ކޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއަށް އެތަނުގެ ސްޓޯލްތައް ހުސްކުރުމަށް ދީފައިވާ މުއްދަތު އިއްޔެ ހަވީރު 4:00 އަށް ހަމަވެފައިވާ ކަމަށެވެ. އެހެންކަމުން ހާބަރު ސަރަހައްދުގެ އެއްވެސް ސްޓޯލެއްގައި އެއްވެސް ވިޔަފާރިއެއް ކުރުމަކީ މަނާކަމެއް ކަމަށް އެ އިއުލާނުގައި ވެއެވެ.

މާލޭ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގެ ކަޑަތައް ބަންދުކޮށްފައި ----- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ހާބަރު ކަޑަތައް ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާކަމަށް ރޭ އެތަނަށް ދިޔަ ހައުސިން މިނިސްޓްރީގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ފުޑް ކޯޓްތައް ތަރައްގީކުރަން ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެސްޓީއޯއާ ހަވާލުކޮށްފައެވެ.

comment ކޮމެންޓް