ފުރަތަމަ ތިންމަހު ދިރާގަށް 255 މިލިއަން ރުފިޔާގެ ފައިދާއެެއް!

ދިރާގު ހެޑްއޮފީސް ހިންގާ އިމާރާތް: އެ ކުންފުންޏަށް ފުރަތަމަ ތިންމަހު 255 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު

މުއާސަލާތީ ކުންފުނި، ދިރާގަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 255 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މިދިޔަ ތިންމަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުން އިއްޔެ އާންމު ކުރި މިއަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިރާގަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އާމްދަނީގެ ގޮތުގައި 664.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 57 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޖުމްލަ 664.8 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ވިޔަފާރީގެ ހަރަދުތަކާއި އިންވެސްޓްމަންޓްގެ ހަރަދުތައް ކެނޑުމަށް ފަހު ޓެކުހަށް ކެނޑުމުގެ ކުރިން ދިރާގަށް ވަނީ ފައިދާގެ ގޮތުގައި 299.1 މިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކްސް ކެނޑުމުން 255.5 މިލިއަން ރުފިޔާ ދިރާގަށް ފައިދާ ޖެހިފައިވެ އެވެ.

ދިރާގުން ބުނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުން އެ ފައިދާ ލިބުމުގެ މައިގަނޑު ސަބަބަކީ މޯބައިލް ޑާޓާ އާއި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް އަދި ހައި ސީޒަނަލް ރޯމިން ގެ ސަބަބުން އާމްދަނީއަށް ލިބިފައިވާ ކުރިއެރުން ކަމަށެވެ.

ދިރާގުން ބުނީ ރަނގަޅު ފައިދާއެއް ހޯދުމުގެ އިތުރަށް ހިދުމަތް ރަނގަޅު ކުރުމަށް އިންވެސްޓްމަންޓްތަކެއް ވެސް މިދިޔަ ކުއާޓާގައި ކުރި ކަމަށެވެ.

comment ކޮމެންޓް