ބަންގްލަދޭޝްގައި އެއްޖިންސުން ގުޅުންހިންގުމުގެ އަމަލު ޕްރޮމޯޓްކުރާ އެކްޓިވިސްޓަކު މަރާލުމުން އެމެރިކާ ރުޅިގަދަވެއްޖެ

ވޮޝިންޓަން (އެޕްރީލް 30): ބަންގްލަދޭޝްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލު ޕްރޮމޯޓްކޮށް އެކަންކުރާ މީހުންނަށް ހިއްވަރުދިނުމަށް ހުޅަނގުގެ އެހީތެރިކަމާއެކު މަސައްކަތްކުރި އެކްޓިވިސްޓަކު މަރާލުމުން އެމެރިކާ ރުޅިގަދަވެ ބަންގްލަދޭޝްއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެކްޓިވިސްޓް މަރާލުމުން އެއީ ޖަރީމާއެއް ކަމަށް ސިފަކުރައްވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވިދާޅުވީ އެކަން ބަލައި ތަހްގީގްކޮށް ގާތިލުންނަށް އަދަބު ދިނުމުގައި ބަންގްލަދޭޝްގެ ސަރުކާރު ނުކުޅެދިފައިވާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމުގައެވެ. އަދި ބަލައި ތަހްގީގްކޮށް ގާތިލުންނަށް އަދަބު ދިނުމަށް ކެރީ ބަންގްލަދޭޝްގެ ސަރުކާރަށް ގޮވާލެއްވިއެވެ. އަދި މިކަމުގައި އެމެރިކާގެ ފަންނީ އެހީވެސް ބަންގްލަދޭޝްއަށް ލިބޭނެކަމަށް ކެރީ ވިދާޅުވިއެވެ.

ނަމަވެސް އެމެރިކާއަކީ ބަންގްލަދޭޝްގައި ސާފުބޯފެނާއި ސިއްޙީ ޚިދްމަތާއި ތައުލީމު ފަދަ އިންސާނީ ހައްގުތަކުން މަހްރޫމްވެފައިވާ އެތަށް މިލިޔަން ބައެއްގެ ހައްގުތަކަށް އެއްވެސް ވަރަކަށް ގޮވާލާ ގައުމެއްނޫނެވެ. އަދި އެމެރިކާއަކީ ބަންގްލަދޭޝްގެ އިންސާނީ ހައްގުތައް ގެއްލިފައިވާ ފަގީރުންގެ ހާލަތު ރަނގަނޅުކޮށްދީ ބަންގްލަދޭޝްގެ ތަރައްގީއަށް އެހީ ދޭ ގައުމެއްވެސް ނުމެނޫންމެއެވެ.

އެމެރިކާގެ ޔޫއެސް އެއިޑް ޖަމާއަތުން ބަންގްލަދޭޝްގެ ފަގީރު ސަރަހައްދުތަކަށް ދޭ މަދު އެހީތަކަކީވެސް އެމެރިކާގެ ލާދީނީ ފިކުރާއި އަމިއްލަ އައިޑިއޮލޮޖީ ފެތުރުމަށްޓަކައި ދެމުން ގެންދާ އެހީތަކެކެވެ.

ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުތައް ބަންގްލަދޭޝްގައި ޕްރޮމޯޓްކުރި މީހަކު މަރާލުމުން އެމެރިކާގެ އިސްވެރިންވަނީ އާދަޔާ ޚިލާފަށް ކަންބޮޑުވެ ވަޑައިގެންފައެވެ. ބަންގްލަދޭޝްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުތައް ޕްރޮމޯޓްކުރަނީ ހުޅަނގުގެ ސަރުކާރުތަކުން ހިއްވަރުދީގެން ހަރަކާތްތެރިވާ އެކްޓިވިސްޓުންނެވެ. މީގެ ވަރަށްގިނަ އެކްޓިވިސްޓުން ބަންގްލަދޭޝްގައި ހަރަކާތްތެރިވެއެވެ. އެނުބައި އަމަލު ހުޅަނގުން ސިފަކުރަނީ އިންސާނީ ހައްގެއްގެ ގޮތުގައެވެ. އަދި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުތަކަށް ގާނޫނީގޮތުން ފުރްސަތު ނުދޭ ގައުމުތަކަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަ ގައުމުތަކެއްކަމަށް އެމެރިކާއާއި ޔޫރަޕުން ސިފަކޮށް އެގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށްވެސް ގޮވާލަމުން ގެންދެއެވެ.

ބަންގްލަދޭޝްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލު ޕްރޮމޯޓްކުރަން މަސައްކަތްކުރަނިކޮށް މަރާލި އެކްޓިވިސްޓަކީ އެގައުމުގައި ހުންނަ އެމެރިކާގެ އެންބަސީގެ މުވައްޒަފެކެވެ. ބަންގްލަދޭޝްގައި އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި އަމަލުތައް ޕްރޮމޯޓްކުރަނިކޮށް މަރާލި ގުލްހާސް މަންނާނަކީ އެމެރިކާއާއި ޔޫރަޕްގެ ހިމާޔަތް ލިބިގެން ހަރަކާތްތެރިވަމުން ދިޔަ އެތަށް ބައެއްގެ ތެރެއިން އެކެކެވެ.

ހުޅަނގުގެ ހިމާޔަތުގައިވާ މަންނާނު މަރާލުމުން ބަންގްލަދޭޝްގައި ހުޅަނގުގެ ބާރާއި ނުފޫޒު ކުޑަކަމުގެ އިހްސާސާއި ހުޅަނގުގެ އަމިއްލަ ގޮތްތަކާއި އައިޑިއޮލޮޖީ ބަންގްލަދޭޝްގައި ފަތުރާމީހުންނަށް އޮތް ނުރައްކާތައް ހާމަވުމުން ހުޅަނގުގެ ސަރުކާރުތައް ވަނީ ކަންބޮޑުވެފައެވެ.

ހުޅަނގުގެ ގައުމުތަކަކީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އެގައުމުތަކުގެ އަމިއްލަ ފިކުރާއި އައިޑިއޮލޮޖީ ފަތުރައި ގައުމުތަކުގައި ހަމަނުޖެހުން އުފައްދައި އެތެރޭގެ ސުލްހަ ނަގާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިފައިވާ ގައުމުތަކެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް