ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން ދިރުވޭތޯ އެމެރިކާ މަސައްކަތް ކުރަނީ

ހަލްގެ ހަނގުރާމަ

ވޮޝިންޓަން (އެޕްރީލް 30): ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން ދިރުވޭތޯ ރަޝިޔާއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށް އެމެރިކާ ބުނެފިއެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޯޝް އާނެސްޓް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން ދިރުވައިގެން މެނުވީ ސޫރިޔާގައި މިހާރު ހިނގަމުންދާ އާންމުން މެރުމުގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގައެވެ. ސޫރިޔާގައި މިހާރު އެންމެ ބޮޑަށް ހަނގުރާމަ ހިނގަމުންދަނީ އެގައުމުގެ އުތުރުގެ ރަށެއްކަމަށްވާ ހަލަބްގައެވެ. ހަލަބްގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތައް އަލުން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ސަރުކާރު ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ހަލަބްގެ އާންމުން ޑަޒަން ޑަޒަނަށްދަނީ މަރުވަމުނެވެ.

ސޫރިޔާ ސިފައިންގެ ހަމަލާތަކުގައި ފާއިތުވި ހަތްދުވަހުގެ ތެރޭގައި ދުއިސައްތައަށްވުރެ ގިނަމީހުން މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސޫރިޔާގެ ސިފައިންގެ ހަމަލާތައް ހަލަބްގެ ހޮސްޕިޓަލްތަކަށް އަމާޒުވެ ހޮސްޕިޓަލްތަށް ހަލާކުވެފައިވާތީ ހަލަބްގެ ހާލަތު ވަނީ އިންސާނީ ކާރިސާއެއްގެ ތެރޭގައި ކަމަށް އދ. ން ވަނީ ސިފަކޮށްފައެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށް އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުގައެވެ. އެއެއްބަސްވުމާއެކު ހަލަބްއާއި ސޫރިޔާގެ އެހެން ސަރަހައްދުތަކުގައި ޙަމަލާތައް ވަރަށް ބޮޑަށް ހުއްޓުމަކަށް އައެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރު ސިފައިން މަޑުމަޑުން އަނެއްކާވެސް ހަމަލާތައް ބަދަލުކުރަމުންގޮސް މިހާރުވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ރޫޅިފައެވެ.

މިއެއްބަސްވުން އެންމެ ބޮޑަށް ރޫޅިގެންދިޔައީ ހަލަބްގައި އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދުތައް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އަލަށް ގެނައުމަށް ސަރުކާރު ސިފައިން ފެށި އަސްކަރީ އޮޕަރޭޝަނާ ގުޅިގެންނެވެ.

ސޫރިޔާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އަލުން ދިރުވޭތޯ ރަޝިޔާއާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށް އެމެރިކާ ބުނެފައިމިވަނީ ސޫރިޔާ ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގޭނެކަމަށް ބެލެވޭ މައިގަނޑު ގައުމަކީ ރަޝިޔާކަމަށްވާތީއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވުޖޫދަށްއައީވެސް ރަޝިޔާ އިސްނަގައިގެން މެދުވެރިއެއްގެ ބައި އަދާކޮށްގެންނެވެ. (ރޮއިޓާސް)

comment ކޮމެންޓް