ކްލިކް ކޮލެޖުގެ ހަތަރު ދަރިވަރަކު އޭބީއީ "ޓޮޕް ޕޭޕަރ ޕްރިއިޒް" އެވޯޑް ހާސިލްކޮށްފި

އޭބީއީގެ އިމްތިހާނުން ޓޮޕް ޕޭޕަރ ޕްރިއިޒް ހޯދި އިބްރާހިމް މުހައްމަދު -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވްސް (އޭބީއީ) "ޓޮޕް ޕޭޕަރ ޕްރިއިޒް" ކްލިކް ކޮލެޖުގެ ހަތަރު ދަރިވަރަކު ހޯދައިފި އެވެ.

އެ ކޮލެޖުން މިދިޔަ އަހަރުގެ ދަސްވެނިވި ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި، މިދިޔަ އަހަރުގެ ޖޫން އަދި ޑިސެމްބަރު މަހުގެ ބޭއްވި އޭބީއީގެ އިމްތިހާނުން "ޓޮޕް ޕޭޕަރ ޕްރިއިޒް" ހާސިލް ކުރި ދަރިވަރުންނަށް ވަނީ އެވޯޑު ދީފަ އެވެ.

ޓޮޕް ޕޭޕަރ ޕްރައިޒް އަކީ އޭބީއީގެ އިމްތިހާނުން ދުނިޔެ އިން އެއްވަނައަށް ދާ ދަރިވަރަކަށް ދޭ އެވޯޑެވެ. މިދިޔަ އަހަރު އެ އެވޯޑު ހޯދި ދަރިވަރުންނަކީ:

އިބްރާހިމް މުހައްމަދު: ހިއުމަން ރިސޯސް މެނޭޖްމަންޓު - ޑިސެމްބަރ 2015

ލައިސާ އަހުމަދު: ޓްރެވަލް ޓުއަރިޒަމް ހޮސްޕިޓާލިޓީ - ޑިސެމްބަރ 2015

އޭބީއީގެ އިމްތިހާނުން ޓޮޕް ޕޭޕަރ ޕްރިއިޒް ހޯދި ލައިސާ އަހުމަދު -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

އައިޝަތު ލީން އަބްދުﷲ އާމިރު: އިންޓްރޮޑަކްޝަން ޓު ޓްރެވަލް، ޓުއަރިޒަމް ހޮސްޕިޓަލިޓީ - ޖޫން 2015

އައިޝަތު ނަސީރު: އިންޓަގްރޭޓެޑް މާކެޓިންގ ކޮމިއުނިކޭޝަން - ޑިސެމްބަރ 2015

މިރޭގެ ރަސްމިއްޔާތުގައި ޓޮޕް ޕޭޕަރ ޕްރައިޒް ހާސިލްކުރި ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ސްކޮޓްލޭންޑުގެ އެންމެ މަޝްހޫރު ޔުނިވާސިޓީ، ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރު ކެވިން އޯގޯރމަން އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ކެވިން އޯގޯރމަން ވަނީ ކޮލެޖުން ގްރެޖުއޭޓްވުމަށްފަހު ފަހު މަސައްކަތުގެ ދާއިރާއަށް ނުކުންނަ އިރު ބަލަން ޖެހޭ ކަންކަމަށް އަލިއަޅުވާލެއްވި އެވެ. އަދި މަސައްކަތުގެ ހުނަރާއި އިލްމީ ހުނަރުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފަ އެވެ.

ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބިޒްނަސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޕްރޮފެސަރު ކެވިން އޯގޯރމަން ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކްލިކް ކޮލެޖުގެ ރައީސް ނައުޝާދު މުހައްމަދު ވިދާޅުވީ ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ 10 އެލައިން ޕާޓްނަރުންގެ ތެރޭގައި ރާއްޖެ ފަދަ ކުޑަ ގައުމެއްގެ ކޮލެޖެއް ހިމެނުމަކީ ރާއްޖެއަށް ލިބޭ ފަހުރެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ތަނުގައި ހެރިއެޓް-ވޮޓްގެ އަށް ޑިްގރީ ޕްރޮގްރާމަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. އެއީ ބެޗްލަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހަކާއި ބީބީއޭ ގެ ސްޕެޝަލައިޒޭޝަންގެ ގޮތުގައި މާކެޓިން، ހިއުމަން ރިސޯސް މެނޭޖްމަންޓު، އެކައުންޓިން، ފައިނޭންސް، ޓުއަރިޒަމް އެންޑް ހޮސްޕިޓަލިޓީ މެނޭޖްމަންޓު އަދި އެންޓަޕްރައިޒްގެ ކޯސްތަކެވެ.

ދަރުބާރުގައި ބޭއްވި ރަސްމިއްޔާތުގައި 124 ދަރިވަރަކު ވަނީ ދަސްވެނިވެ ސަނަދު ހާސިލްކޮށްފަ އެވެ. އަދި މި އަހަރު 26 ދަރިވަރަކު ހެރިއެޓް-ވޮޓް ޔުނިވާސިޓީގެ ބެޗްލާރސް ޑިގްރީ ކޯސް ފުރިހަމަކޮށްފައިވެ އެވެ.

ކްލިކް ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން ރަޝީދު

މި އަހަރު 17 ދަރިވަރަކު ހެރިއެެޓް-ވޮޓް ޔުނިވާސިޓީގެ ޑިގްރީ ފުރިހަމަކޮށްފައި ވާއިރު އޭގެ ތެރެއިން ތިން ދަރިވަރަކު ވަނީ ބެޗްލަރ އާރޓްސް އިން މެނޭޖްމަންޓް ހާސިލްކޮށްފަ އެވެ. އަދި 14 ދަރިވަރަކު ވަނީ ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފަ އެވެ.

ކްލިކް ކޮލެޖުގައި ކިޔަވައިދެއްވާ ލެކްޗަރުންގެ ތެރެއިން އެންމެ އަގުހުރި ހިދުމަތްތަކެއް ކްލިކް ކޮލެޖަށް ކޮށްދީފައިވާ ދެ ލެކްޗަރަކަށް ވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ "އެވޯޑް ފޯ އެކްސެލެންސް އިން ޓީޗިން" އެވޯޑް ދީފަ އެވެ. އެގޮތުން އެ އެވޯޑް ހޯދާފައިވާ ދެ ލެކްޗަރުންނަކީ މުހައްމަދު ފާރިޒް އަދި އިސްމާއިލް އިދްރީސް އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި 2001 ވަނަ އަހަރު ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކްލިކް ކޮލެޖަކީ އިނގިރޭސި ވިލާތުގެ މަތީ ތައުލީމުގެ ގިނަ ކޯސްތަކެއް ހިންގަމުން އަންނަ މަޝްހޫރު ކޮލެޖެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ހެރިއެޓް-ވޮޓް ޔުނިވާސިޓީ އާއި އެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން ކްލިކް ކޮލެޖުގައި އެ ޔުނިވާސިޓީގެ ޑީގްރީ ޕްރޮގްރާމްތަކެއް ދަނީ ކިޔަވައިދެމުން ނެވެ.

comment ކޮމެންޓް