އައްޑޫގައި 800 އަށް ވުރެ ގިނަ މީހުން ކެންސަރަށް ސްކްރީންކޮށްފި

އައްޑޫގައި ކުރިއަށް ދިޔަ ކެންސަރު ސްކްރީނިން އެންޑް އެވެއާނެސް ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ: ކެންސަރ ސޮސައިޓީ (ޓުވިޓާ)

މޯލްޑިވްސް ކެންސަރު ސޮސައިޓީ އާއި ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލް ގުޅިގެން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި އެ ސިޓީގެ 800 އަށް ވުރެ ގިނަ މީހުން އުރަމަތީގެ ކެންސަރަށް ސްކްރީން ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ތިން ދުވަހަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ ކެންސަރު ސޮސައިޓީ އިން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަމުން އަންނަ ޕްރޮގްރާމެކެވެ.

ކެންސަރު ސޮސައިޓީގެ ކޯ ފައުންޑަރު ހުސައިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުން ކެންސަރު ބައްޔަށް ސްކްރީންކޮށް، ބައްޔާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމަށް ކާމިޔާބު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމުގައި އެންމެ ބޮޑު ހާއްސަކަމެއް ދިނީ އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކޮށް ސްކްރީން ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުރަމަތީގެ ކެންސަރަށް މުޅި އަތޮޅުން ގާތްގަނޑަކަށް 800 އަށް ވުރެ ގިނަ މީހުން އަޅުގަނޑުމެންނަށް ސްކްރީން ކުރެވިއްޖެ،" ރަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ކެންސަރަށް އާންމުން ހޭލުންތެރި ކުރުވުމަށް ވެސް ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އަނގައިގެ ކެންސަރާއި ސަވައިކަލް ކެންސަރު އަދި އުރަމަތީގެ ކެންސަރަށް މީހުން ވަނީ ހޭލުންތެރިކޮށްފަ އެވެ.

މި އަހަރުގެ ދެވަނަ ޕްރޮގްރާމް އަންނަ އޯގަސްޓު މަހުގެ ތެރޭގައި ބޭއްވުމަށް ނިންމާފައި ވާއިރު، އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެންސަރު ބަލި އެންމެ ގިނައިން ފެންނަ ހިސާބުތަކަށް ކަމަށް ކެންސަ ސޮސައިޓީ އިން ބުނެ އެވެ.

"އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ގދ. ނޫނީ ގއ. ސިންގަޕޫރު ޓީމުން ވެސް ބޭނުން ވަނީ ކެންސަރު ގިނަ ހިސާބުތަކުގައި ޕްރޮގްރާމް ކުރިއަށް ގެންދަން." އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ޕްރޮގްރާމުގައި ސިންގަޕޫރުގެ އަށް މެޑިކަލް އޮފިސަރުން ހިމެނޭ ގޮތުން 13 މީހުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ނާރުގެ ހާއްސަ ޑޮކްޓަރުން ވެސް ހިމެނެ އެވެ.

comment ކޮމެންޓް