ހުޅުމާލޭ ޓާމިނަލް ތޮއްޖެހުން ހައްލުކުރަން އިތުރު ތިން ފެރީ އޮޕަރޭޝަންއަށް ނެރެފި

ހުޅުމާލޭ ޓާމިނަލް ފުރިފައި-- މިއަދުވަނީ އޮޕަރޭޝަންއަށް އިތުރު ތިން ފެރީ ނެރެފައި-- ފޮޓޯ: އަހުމަދު ސައީދު

ހުޅުމާލެއާއި މާލެއާއި ދޭތެރޭ ދެމުން އަންނަ ދަތުރުތަކުގެ ބާރު ބޮޑުވުމުގެ ސަބަބުން ހިދުމަތައް އިތުރު ތިން ފެރީއެއް މިއަދު އިތުރުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް "ސަން"އަށް މިއަދު ވިދާޅުވީ، ބަންދެއް އައުމާއި ގުޅިގެން ފެރީދަތުރަށް ބާރުބޮޑުވެފައިވާ ކަމަށާއި އެހެންކަމުން މިއަދު އިތުރު ތިން ފެރީއެއް އޮޕަރޭޝަންއަށް ނެރިފައިވާ ކަމަށެވެ. އެއީ ވަގުތީގޮތުން ހިދުމަތައް ނެރުނު ތިން ފެރީކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބަންދުވީމަ ފުދޭވަރަކަށް ގިނައިން މީހުން ދަތުރުކުރަމުންދޭ، އަޅުގަނޑުމެން އިތުރުފެރީ ނަގައިގެން ކޭޓާ ކުރަމުން ދަނީ." ނާޒިމް ވިދާޅުވިއެވެ.

މާދަމާ އިތުރު ފެރީއެއް އޮޕަރޭޝަނަށް ނެރޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

މިއަދު ވަނީ ފެރީޓާމިނަލް ފުރި ބޭރުގައިވެސް އެތައް ބަޔަކު ކިޔޫހަދާފައެވެ.

އެމްޓީސީސީ ފެރީގެ ނިޒާމަށް ބާރުބޮޑުވެފައިވާއިރު ބާރު ސްޕީޑުގައި ހިދުމަތް ދެމުން އަންނަ އޭސީ ދެ ފެރީގެ ދަތުރުތައް މިހާރުވަނީ މަރާމާތައް މެދުކަނޑާލާފައެވެ.

comment ކޮމެންޓް