ޔުނައިޓެޑުން ލެސްޓާގެ ޕާޓީ ފަސްކުރާނެ: ހެރާރާ

ލެސްޓާ ސިޓީގެ ކުޅުންތެރިން އަދި އެ ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ: ޔުނައިޓެޑް އަތުން ލެސްޓާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ލީގު ކަށަވަރުވާނެ --- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށް، ލެސްޓާ ސިޓީގެ އުފާފާޅުކުރުމުގެ ޕާޓީ ފަސްކުރާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ސްޕެއިން މިޑްފީލްޑަރު އެންޑާ ހެރާރާ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ އެންމެ ކުރީގައި ލެސްޓާ އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކު އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑު، އޯލްޑް ޓްރެފަޑްގައި އަންނަ އާދީއްތަ ދުވަހު ކުޅޭ މެޗުން މޮޅުވެއްޖަނަމަ، ލެސްޓާއަށް ލީގު ކަށަވަރުވާނެ އެވެ.

ލީގު ކަށަވަރުކުރުމަށް އެ މެޗަށް ލެސްޓާ ނުކުންނައިރު، ޔުނައިޓެޑުން މެޗަށް ނުކުންނާނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ. ޔުނައިޓެޑް އޮތީ މެންޗެސްޓާ ސިޓީ އާއި އާސެނަލްގެ ފަހަތުން ލީގުގެ ފަސް ވަނައިގައެވެ.

"އަހަރެމެން މި މަސައްކަތްކުރަނީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނެން. އެއީ ވަރަށް މުހިންމު ކަމެއް. ލެސްޓާއަކީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންދާ ޓީމެއް. އެމީހުންނަށް ލީގުގެ ތަށި ލިބުން ހައްގު. އެކަމަކު އަހަރެމެން ބޭނުމެއް ނޫން އޯލްޑް ޓްރެފަޑްގައި އެމީހުން ލީގު ޗެމްޕިއަންކަން ކަށަވަރުކުރާކަށް،" ސްކައި ސްޕޯޓްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެރޭރާ ބުންޏެވެ.

އޭނާ ބުނީ، މެންޗެސްޓާ ޔުނައިޓެޑުން ހަމައެކަނި ވިސްނަނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކަމަށާއި ލެސްޓާއާ ދެކޮޅަށް ކުޅޭ މެޗުން ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށެވެ.

އޯލްޑް ޓްރެފަޑްގައި ޔުނައިޓެޑާއި ލެސްޓާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ އާދީއްތަ ދުވަހު އިރުއޮއްސި 6:05 ގައެވެ.

comment ކޮމެންޓް