ދަށު ކޯޓުން ގޭބަންދުގައި ބަހައްޓަން އަމުރު ކުރި މީހަކު ހައި ކޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓް --

ކްރިމިނަލް ކޯޓުން ގޭ ބަންދުގައި ބަހައްޓަން އަމުރު ކުރި މީހަކު، މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުންގެ ބަންދަށް ބަދަލު ކުރުމަށް ހައި ކޯޓުން އަމުރުކޮށްފައި ވަނީ ހ.ބިއުޓީސައިޓް ޝާއިފް އަބްދުލްޣަފޫރު އެވެ.

ޝާއިފް އަކީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި ވިޔަފާރިކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ މީހެކެވެ.

އެއީ ޝަރުއީ އަދި ހަމަތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށްބުނެ ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.

ދައުލަތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު، ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ޝާއިފު ގޭބަންދުގައި ބަހައްޓަން އަމުރު ކޮށްފައި ވަނީ އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ފަނޑިޔާރަށް ފެނިވަޑައިގަންނަވާތީ ކަން އެނގެން އޮންނަ ކަމަށެވެ.

އޭގެ އިތުރުން ޝާއިފް ހައްޔަރު ކުރި އރު އޭނާ ހުރި ކޮޓަރި ފުލުހުން ބަލައިފާސްކުރި އިރު އެކޮޓަރީގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއްހުރި އެކި ބުރޭންޑުތަކުގެ 15 ފުޅި އާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއްހުރި 10 ލީޓަރުގެ ދެ ހަމާއި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 44 ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ހަތަރު ސެލޯފިންކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައިހުރި ފިލްމުހުސްކުރި ދެ ދަޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތާ އެއްކޮށްފައިވާ ދުންފަތްގަނޑެއް ހުރި ތަށްޓަކާއި ވަޅިއެއް ފެނިފައިވާކަން، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދި ފުލުހުން ހުށަހެޅި ފޯމުން އެނގެން އޮންނަކަން ހައި ކޯޓުގެ އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި ޝާއިފުގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރި އިރު އޭނާ މަސްތުވާތަކެއްޗަށް ޕޮޒިތިވް ވެފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ޒާތާ ބާވަތުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް ޝާއިފް ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ސަބަބެއް މައުޖޫދުވެފައިވާކަމަށް ވަނީ ނިންމާފަ އެވެ.

އަދި ޝާއިފް ބަންދުގައި ބަހައްޓަންވާނީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅައި ތަނެއްގައިކަމަށް ނިންމައި އޭނާ ގޭބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ޝާއިފް ބަންދުކޮށްފައި ބެހެއްޓުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ވަނީ އަމުރުކޮށްފަ އެވެ.

comment ކޮމެންޓް