ބަޔާން ކޮޅަށް ޖެހުނު ގޯލަކީ ކެރިޔަރުގެ އެންމެ މުހިންމު ގޯލު: ސައުލް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑަށް ލީޑު ހޯދައިދިނުމަށް ފަހު ސައުލް އުފާފާޅުކުރަނީ: ބަޔާން މިއުނިކް އަތުން އެތުލެޓިކޯ މޮޅުވީ 1-0 ލަނޑުން-- ފޮޓޯ: އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް ކޮޅަށް ޖެހި ގޯލަކީ އެތުލެޓިކޯ މެޑްރިޑްގެ ސްޕެއިން މިޑްފީލްޑަރު ސައުލް ނިގޭޒްގެ ކެރިޔަރުގައި ޖެހުނު އެންމެ މުހިންމު ގޯލު ކަމަށް އޭނާ ބުނެފި އެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި އުމުރުން 21 އަހަރުގެ މިޑްފީލްޑަރު ސައުލް ލަނޑު ޖަހާފައިވަނީ ބަޔާންގެ ޑޭވިޑް އަލަބާ އާއި އާޓުރޯ ވިޑާލް އޭނާ އަތުން ބޯޅަ ހޯދުމަށް މަސައްކަތް ކުރަނިކޮށެވެ. ބަޔާންގެ އިތުރު ކުޅުންތެރިންތަކެއް ކައިރިން ކަޓުވާލުމަށްފަހު ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަދެފައި ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

"އަހަރެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަން އިރު، އަހަރެެންނަށް ދެ ކުޅުންތެރިއެއް ކައިރިން ކަޓުވާލެވުނު ކަން އެނގުނު. އެ ވަގުތު އަހަރެންގެ ވައަތު ފައިން ހަމަލާ އުފެއްދިން. އެއީ ހަމަގައިމު ވެސް އަހަރެންގެ ކެރިޔަރުގެ އެންމެ ރީތި އަދި އެންމެ މުހިންމު ގޯލު،" ސައުލް ބުންޏެވެ.

އޭނާ ބުނީ، ބަޔާންއަކީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި އެތުލެޓިކޯއަށް ދިން ހިތްވަރަށް ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެތުލެޓިކޯއިން ދެން ވިސްނަންވީ ސްޕެނިޝް ލަލީގާއަށް ކަމަށް ވެސް ސައުލް ބުންޏެވެ.

ލަލީގާގައި މާދަމާ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ނުކުންނަ އިރު، އެތުލެޓިކޯ އޮތީ ބާސެލޯނާގެ ފަހަތުން ދެ ވަނައިގައެވެ. އެއް ވަނައިގައި އޮތް ބާސާއާއި ދެވަނައިގައި އޮތް އެތުލެޓިކޯއަށް ވެސް 35 މެޗުން ލިބިފައިވަނީ 82 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

comment ކޮމެންޓް