ރޮނާލްޑޯ ނެތި، ރެއާލްއިން މާ ރަނގަޅަށް ޑިފެންސް ކުރޭ: ބާޗިޗޭ

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ --- ފޮޓޯ: އޭޕީ

ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި، އެ ޓީމުން މާ ރަނގަޅަށް ޑިފެންސް ކުރާ ކަމަށް ރެއާލް ސޮސިއެޑާޑުގެ ޑިފެންޑަރު ޔޫރީ ބާޗިޗޭ ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި މާދަމާ ސޮސިއޭޑާޑްއާ ދެކޮޅަށް ރެއާލް ނުކުންނަ އިރު، އަނިޔާގެ ސަބަބުން ރޮނާލްޑޯއަށް އެ މެޗުގައި ނުކުޅެވޭނެ އެވެ. އޭގެ އިތުރުން އޭނާއަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ، 0-0 ލަނޑުން އެއްވަރުވި މެޗުގައި ވެސް ބައިވެރިވެވިފައެއް ނުވެ އެވެ.

މި ސީޒަނުގައި ރެއާލްއަށް 44 މެޗުން 47 ލަނޑު ކާމިޔާބުކޮށްދިން ރޮނާލްޑޯއަށް މާދަމާގެ މެޗުގައި ނުކުޅެވުނަސް، ސޮސިއެޑާޑްއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ ކަަމަށް ބާޗިޗޭ ގަބޫލުކުރެ އެވެ.

"ރޮނާލްޑޯ ކުޅޭއިރު ވަކި ރަނގަޅު އަދި ގޯސް ކަމަކާ ކުރިމަތިލާކަށް ނުޖެހޭ. އެކަމަކު އޭނާ ނެތި، އެ ޓީމު އިތުރަށް ވާދަވެރިވެ، މާ ރަނގަޅަށް ޑިފެންސް ކުރޭ. ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ އަދި ގެރެތު ބޭލްއާއެކު އެ ޓީމުން މާ ބޮޑު ތަފާތެއް ނުފެނޭ،" ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާކާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ސޮސިއެޑާޑްއާ ދެކޮޅަށް ނުކުންނައިރު، ލީގުގައި އެ ޓީމު އޮތީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގެ ފަހަތުން ތިން ވަނައިގައެވެ. އެއް ވަނައިގައި އޮތް ބާސާއާއި ދެވަނައިގައި އޮތް އެތުލެޓިކޯއަށް ވެސް 35 މެޗުން ލިބިފައިވަނީ 82 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ދެ ޓީމާއި ތިން ވަނައިގައި އޮތް ރެއާލްއާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.

ސްޕެނިޝް ލަލީގާގައި ސޮސިއޭޑާޑްއާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މާދަމާރޭ 7:00 ގައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައެވެ.

comment ކޮމެންޓް