ސޯނަމްގެ "ނީރްޖާ" އާއެކު އަނިލް ފަހުރުވެރިވެފައި!

އަނިލް އަދި އޭނާގެ އަންހެން ދަރިފުޅު، ނީރްޖާ ---

ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ނީރްޖާ" ގައި ދަރިފުޅު، ސޯނަމް ކަޕޫރު ދައްކާފައިވާ ހުނަރާމެދު ފަހުރުވެރިވާ ކަމަށް އަނިލް ކަޕޫރު ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި، 59 އަހަރުގެ އަނިލް ބުނީ، ފިލްމު އުފެއްދުމަށް އައިސްފައިވާ ބަދަލާމެދު އުފާވާ ކަމަށާއި ދަރިފުޅު ސޯނަމް ކުޅެފައިވާ "ނީރްޖާ" ފިލްމާމެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.

"ފިލްމު އުފެއްދުމަށް ބަދަލުތަކެއް ވަނީ އައިސްފަ. ކުޅިވަރު ކުޅުންތެރިންނާއި އެޓްލީޓުންގެ މައްޗަށް މީހުން އަންނަނީ ފިލްމު ހަދަމުން. ފިލްމު، "ނީރްޖާ" ރިލީޒްކުރުމުގެ ކުރިން އެ ފިލްމު ބިނާކޮށްފައިވާ ފްލައިޓް އެޓެންޑެންޓް ނީރްޖާ ބަނޮޓްއަކީ ވެސް މީހުންގެ މެދުގައި އެހާ މަގްބޫލު ކުއްޖެއް ނޫން. ނަމަވެސް މިހާރު އެންމެންނަށް އޭނާ އިނގޭ،" އަނިލް ބުނެފައިވެ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހައެއްގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހު ޕޭން އޭމްގެ ފްލައިޓު 73، ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓުގައި ހައިޖެކް ކުރި ހާދިސާގައި، އެ ފްލައިޓުގެ ފްލައިޓު އެޓެންޑަންޓްގެ ގޮތުގައި މަސައްކަތްކުރި ނީރްޖާ ބަނޮޓްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ނީރްޖާ" އަށް ރިލީޒްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ރާމް މަދްވާނީ ޑައިރެކްޓްކޮށްފައިވާ އަދި ގިނަ ބައެއްގެ ތައުރީފް ލިބިފައިވާ އެ ފިލްމަށް މިހާތަނަށް 20 މިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ.

ބޮލީވުޑްގައި 40 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަނިލް ބުނީ، އޭނާގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ފެނިގެންދާ ފުރަތަމަ ފިލްމު، "މިރްޒާ ސާހިބާ" ބެލުމަށް ކެތްމަދުވެފައިހުރި ކަމަށެވެ.

comment ކޮމެންޓް