އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދިނުމަށް މުޖުތަމައު ތައްޔާރެއް ނޫން: ސައުދީ

ސައުދީ ޑެޕިއުޓީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން

އަންހެނުންނަށް ކާރާއި އެހެނިހެން އުޅަނދުތައް ދުއްވުމުގެ ހުއްދަ ދިނުމަށް ސައުދީ އަރަބިއްޔާގެ މުޖުތަމައު އަދި ތައްޔާރު ނޫން ކަމަށް، އެގައުމުގެ ވަލީ އަހުދުގެ ނައިބު، އަމީރު މުހައްމަދު ބިން ސަލްމާން އަލް ސައުދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުން، ސައުދީ ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވީ، އަންހެނުން ކާރު ދުއްވުމުގެ މައްސަލައަކީ ދީނީ މައްސަލައެއް ނޫން ކަމަށެވެ.

"މިއީ ދީނީ މައްސަލައެއް ނޫން. މިކަން ގުޅެނީ، މުޖުތަމަޢުގައި މިކަން ބަލައިގަތުމާއި ބަލައިނުގަތުމާ. ދީނަކާ ނޫން،" ޕްރިންސް މުހައްމަދު ބިން ސަލްމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ސަގާފީ މައްސަލައެއް ކަމަށާއި، އެކަމަށް ހައްލެއް ހޯދަން ޖެހޭނީ ސައުދީ އަރަބިއްޔާގެ އެތެރެއިން ކަމަށެވެ. އަދި ކަންކަން މިވަގުތު ހުރި ގޮތުން، އަންހެނުން އެގައުމުގައި ކާރު ދުއްވައި ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ގޮތުގައި ގިނަ ބަޔަކަށް ނުބެލެވޭ ކަމަށް ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.

ވަލީއަހުދުގެ ނައިބުގެ މަގާމުގައި ހުންނަވާ އަމީރު މުހައްމަދު ބިން ސަލްމާނަކީ، ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވާ ބޭފުޅާ އެވެ. އަދި އެގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ދަރިކަލުންގެ ތެރެއިން، ސަރުކާރުގެ އެންމެ މަތީ މަގާމެއްގައި ހުންނެވި ދަރިކަލުންނެވެ.

comment ކޮމެންޓް