ޖިންސީ ގޯނާ ހުއްޓުވާ ކޮމެޓީތައް ނަމެއްގައި!

އޮފީސް މާހައުލުގައި ޖިންސީ ގޯނާއެއް ކުރަން މަސައްކަތްކުރަނީ--

ވެރިންގެ ފެންވަރުން ފެށިގެންގޮސް އާދައިގެ މުވައްޒިފުންގެ ފަރާތުން ވެސް ޖިންސީ ފުރައްސާރައާއި ގޯނާ ކުރަމުންދާ ކަމުގެ ޝަކުވާއަކީ މިމުޖުތަމައު އިން އަބަދުހެން އިވި ފެންނަމުން އަންނަ ކަންކަމެވެ. އާއެކެވެ. އެކަންހަމަ އެހާ ވެސް އިތުރީ އެވެ. އޮފީސް ލޯބި ނުވަތަ މަސައްކަތު މާހައުލުގައި ޖިންސީ އެތަކެއް ފުރައްސާއެއް އެތައް ބަޔަކަށް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް ޖިންސުއްލަތީފުންނަށެވެ.

އެކަން އެގޮތަށް ހިނގަމުންދާ އިރު އެކަންކަމުން ސަލާމަތްވުމުގެ އުސޫލުތަކެއް ވެސް ވަނީ ކަނޑައެޅިފަ އެވެ. އެގޮތުން 2014 ވަނަ އަހަރު ފާސްކުރި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު" އަކީ އޭގެ އެއް މިސާލެވެ. އެގާނޫނު ބުނާ ގޮތުން ދައްކާ ޖިންސީ ވާހަކައަކުން ނުވަތަ ލިޔާލިޔުމަކުން ނުވަތަ ކުރާއިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ވެސް ގޯނާއެއް ކަމަށްބެލެ އެވެ.

އެގާނޫނުން އެފަދަ މައްސަލަތައް ފަސޭހައިން ހުށަހެޅި ބެލޭނެ އިންތިޒާމްތައް ވަނީ އެކުލަވާލާފަ އެވެ. އޭގެ ތެރޭގައި ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ބަލާނެ ކޮމެޓީއެއް އެކުލަވާލުން ހިމެނެ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެކަންކަން ތަންފީޒު ވޭބާ އެވެ؟ މުވައްޒިފުން އެކަމަށް ހޭލުންތެރިބާ އެވެ؟

ކޮމެޓީ އެކުލަވާލަން ޖެހޭ، އެކަމަކު އެކަން ނުކުރޭ

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ‏‏ހުއްޓުވުމުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދަން ޖެހޭ އެ ކޮމިޓީ އެކުލެވިގެން ވާންވާނީ އެ އޮފީހެއްގެ ނުވަަތަ ތަނެއްގެ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ވެރިންގެ މައްޗަށް އެކުލެވޭ ތިން މެމްބަރުން ހިމަނައިގެންނެވެ. އެ ކޮމިޓީގައި އަންހެން މުވައްޒަފަކު އިންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ. އެކޮމެޓީގެ ބޭނުމަކީ ހުށައެޅޭ ޖިންސީ ފުރައްސާރަ ނުވަތަ ގޯނާގެ މައްސަލަތައްބެލުމެވެ.

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރާ ކަމުގެ ޝަކުވާއެއް ހުށަހެޅިފައިވާ އަދި އެފަދަ އަމަލެއް ހިނގި ކަމަށް ސާބިތުވެ ފިޔަވަޅު އަޅާފައިވާ ފަރާތެއް ވެސް އެ ކޮމިޓީގައި ހިމެނިގެން ނުވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އެކޮމެޓީއަކީ 40 މުވައްޒިފުންނަށް ވުރެ ގިނަ މުވައްޒިފުންތިބޭ ކޮންމެތަނެއްގައި އޮންނަން ޖެހޭ ކޮމެޓީއަކަށްވި ނަމަވެސް ހަގީގަތަކީ އަދި ވެސް ބައެއް އޮފީސްތަކުގައި އެކޮމެޓީ އުފައްދާފައިނެތްކަމެވެ. މިއީ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރައަށް ފުރުސަތުއޮތްކަމުގެ ހެއްކެކެވެ.

ޖެންޑާ މިނިސްޓްރީގެ ކޯޑިނޭޓަރު އާމިނަތު ނާދިރާ ވިދާޅުވި ގޮތުގައި އަދިވެސް ބައެއް ތަންތަނުގައި އެ ކޮމެޓީނެތްކަން ފާހަގަކުރެވެ އެވެ. އެ ކޮމެޓީ ނެތުމުމުގެ ސަބަބުން އެކަން ރަނގަޅުކުރުމަށް ވަރަށް ފަހުން މަޝްވަރާ ކުރެވުނު ކަމަށާއި އެހެންކަމުން އަލުން ހުރިހާ ތަނަކަށް އެކޮމެޓީގެ މައުލޫމާތު އެންގުމަށް އަންގަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އޭރުގައި އަޅުގަނޑުމެން ފޯނުން ޗެކެއް ޖެހި އިރު ބައެއް މުވައްޒިފުންނަށް ނޭނގެ އެކަން އެގޮތަށް ހިންގާ ކަމެއް، ދެން އަޅުގަނޑުމެން ސިޓީއެއް ޓުރެބިއުނަލްއަށް މީހުންނަށް މިކަން އަންގާލަ ދިނުމަށް އެދި [ފޮނުވިން]." ނާދިރާ ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިން ސަލާމަތްވުމަށް މަސައްކަތް ކުރާ އިދާރާގައި ކޮންމެހެން އުފައްދަން ޖެހޭ ކޮމެޓީތައް ބައެއް އޮފީސްތަކުގައި މިވަނީ ނުއުފައްްދައިފަ އެވެ. ނަތީޖާއެއްގެ ގޮތުން މިފަދަ ގޯނާތަކަށް އަދިވެސް ފުރުސަތު އޮތްކަން ހާމަވެ އެވެ.

އެފަދަ ކޮމެޓީ ނޫފައްދާ އޮފީހެއް ނަމަ އަވަހަށް އެމައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅާށެވެ. އޭރުން އެއިދާރާއެއް 5000 ރުފިޔާ އިން ޖޫރިމަނާކުރެވޭނެ އެވެ. ހަމައެއާ އެކު ކޮމެޓީ އުފައްދަން މަޖުބޫރު ކުރެވޭނެ އެވެ. މިހާތަނަށް މަދުން ނަމަވެސް ޖޫރިމަނާކޮށްފައި ވެސް އެބަހުއްޓެވެ.

ފުރައްސާރަކުރުމުން ދެން ހަދަންވި ގޮތެއް ނޭނގެ

އޮފީހުގެ ވެރިޔާ ނުވަތަ އެހެން މުވައްޒިފަކު ވެސް ޖިންސީ އަމަލުތަކަށް ދައުވަތުދީ ނުވަތަ ޝަހުވާނީ އުފަލެއް ލިބޭގޮތްގޮތަށް ފޮށޭކަމުގެ ޝަކުވާ ހަމަ އިންތިހާއަށް ބޮޑެވެ. ނަމަވެސް އެމައްސަލަ ހުށައަޅަންޖެހޭ ތަނެއް ހުށައަޅަންހަދަންވީ ގޮތެއް މުވައްޒިފުންނަކަށް ނޭނގެ އެވެ.

ނަމަވެސް އެގާނޫނު ބުނާ ގޮތުން ފުރައްސާރަ ހުއްޓުވުމަށް އޮފީހުގައި އެކުލަވާލާ ކޮމިޓީން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ. އެގޮތުން ވަޒީފާ އަދާކުރާ ތަންތަނާއި ހިދުމަތް ހޯދާ މަރުކަޒުތަކާއި ކުޑަކުދިންނާއި މީހުން ބަލަހައްޓާ މަރުކަޒުތަކުގައި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަން އާއްމުންނަށް ފެންނާނެ ގޮތަށް ބަހައްޓަން ޖެހެ އެވެ. ނަމަވެސް ގިނަ އިދާރާތަކުގައި މިކަން ވެސް ނުވެ އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި އެކޮމެޓީ އުފައްދާފައި ހުންނަ އޮފީސްތަކުގެ އެ ކޮމެޓީތައް ވެސް އަހުލުވެރިއެއް ނޫނެވެ. ޖިންސީ ފުރައްސާރައަކީ ކޮބައިކަމެއް، ކަންކުރަންވީ ކިހިނެއްކަމެއް މުވައްޒިފުންނަށް ބުނެދީ އަންގައިދެވިފައެއްނުވެ އެވެ.

"މުވައްޒަފުންނަކަށް ވެސް ނޭނގެ ކޮބާކަމެއް ހެރެސްމެންޓަކީ، ކިހާހިސާބަކަށް ވާހަކަ ދިޔައީމަކަމެއް ކޮން ގޮތަކަށް ބެލީމާ ކަމެއް ހެރިސްމެންޓަކަށް ވަނީ، އަންހެން ސްޓާފުންނަކަށް ނޭނގެ ފިރިހެން ސްޓާފުންނާ ދޭތެރޭ މިހެން ކަންތައްކުރުމަކީ ރަނގަޅުކަމެއް ނޫންކަމެއް، ފިރިހެން ސްޓާފުންނަކަށް ނޭނގެ އަންހެން ސްޓާފުންނާ ދޭތެރޭ ކަންތައް ކުރަންޖެހެނީ ކިހިނެއް ކަމެއް." ނާދިރާ ވިދާޅުވި އެވެ.

އެހެންކަމުން އެކަންކަން ހުއްޓުވުމަށް މުވައްޒިފުން ހޭލުންތެރިވާންޖެހެ އެވެ. ފުރައްސާރައަކީ ކޮބާކަން އެނގެން އެބަޖެހެ އެވެ.

ގާނޫނު ބުނާ ގޮތުން ފުރައްސާރަތަކަށް ފިޔަވަޅުއެޅޭ

ޖިންސީ ފުރައްސާރަ އާއި ގޯނާ ލިބެމުންދާ މީހުންނަށް އެކަންކަން ތަހައްމަލް ކުރުން ނޫން ގޮތެއް ނެތި މިއަދު ތިބި ނަމަވެސް އެ ގާނޫނު ބުނާ ގޮތުން އެފަދަ ގޯނާތައް ހިންގާ މީހުންނާ މެދު ފިޔަވަޅުއެޅުމުގެ ޖާގަ ވަނީ ތަނަވަސްވެފަ އެވެ. އެކޮމިޓީ އަށް ހުށަހަޅާ މައްސަލައަކީ ބެލޭނެ މައްސަލައެއް ކަމުގައިވާ ނަމަ އެ މައްސަލައެއް 60 ދުވަހުގެ ތެރޭގައި ބަލައި ނިންމަން ޖެހެ އެވެ.

އެފަދަ ގޯނާތައް ކުރާ ފަރާތްތަކުގެ މައްސަލަތައް ބަލައި އެ ޝަކުވާތައް ބެލުމަށް ފަހު ޖިންސީ ގޯނާކުރި ފަރާތަށް ނަސޭހަތް ދިނުމާއި ސަސްޕެންޑު ކުރުމުގެ އިތުރުން ވަޒީފާ އިން ވަކިކުރުމުގެ ބާރު ވެސް ކޮމެޓީ އަށް ލިބިގެންވެ އެވެ.

އެއީ ވެރިމީހާގެ ފަރާތުން ކަމަށް ވިޔަސް ނުވަތަ އެހެން މުވައްޒިފެއްގެ ފަރާތުން ވިޔަސް ލިބޭ ގޯނާތަކަށް ނުވަތަ ފުރައްސާރަތަކަށް ކެތްނުކުރާށެވެ. އެކަންކަމަށް ކެތްކުރަންހަދައިގެން އަމިއްލަ ދިރިއުޅުން އަނދަވަޅަކަށް ވައްޓާނުލާށެވެ. ގާނޫނުގައި އެއޮތީ ކަންކުރަންޖެހޭ ގޮތެވެ. ގާނޫނީ ބާރު ހޯދާށެވެ.

comment ކޮމެންޓް