ތިން ޕޮއިންޓް ގެއްލުނީ ކުޅުންތެރިންގެ ފަރުވާ ކުޑަ ކަމުން: ސުޒޭން

ސުޒޭން: އޭނާ ބުނީ މޯހަން ބަގާން އަތުން މާޒިޔާއަށް ތިން ޕޮއިންޓު ގެއްލުނީ ކުޅުންތެރީންގެ ފަރުވާކުޑަކަމުން ކަމަށް --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ މާޒިޔާ އަށް ތިން ޕޮއިންޓް ގެއްލިގެންދިޔައީ ކުޅުންތެރިންގެ ފަރުވާ ކުޑަކަމުން ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ހާފުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲގެ ގޯލުން މާޒިޔާ ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް އިތުރު ވަގުތުގެ އެންމެ ފަހު ވަގުތު ކޮޅުގައި މޯހަން ބަގާންގެ ޖޭޖޭ ލާލްޕެކްލުއާ ކާމިޔާބްކުރި ގޯލާއި އެކު އެ މެޗު ނިމުނީ 1-1ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.

"މާޒިޔާ އަށް މި މެޗުގަ ޕޮއިންޓެއް ލިބިގެން ދިޔައީ މާޒިޔާގެ ފަރުވާ ކުޑަކަމުން. ކުޅުންތެރިންގެ ފަރުވާ ކުޑަކަމުން. އެހެން ނޫންނަމަ ތިން ޕޮއިންޓް ލިބިގެންދާނެ. ވަރަށް މުހިންމު ތިން ޕޮއިންޓް ގެއްލިގެން މިދިޔައީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

މާޒިޔާ އަތުން ހޯދި ޕޮއިންޓާއި އެކު މޯހަން ބަގާން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރީ ގްރޫޕްގެ އެއް ވަނައިގައި ކުޅުނު ފަސް މެޗުން ލިބުނު 11 ޕޮއިންޓާއެކު އެވެ. ދެ ވަނައިގައި އޮތް ސައުތު ޗައިނާއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޔަންގޮންއަށް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ގްރޫޕުގެ ފުލުގައި އޮތް މާޒިޔާއަށް ވެސް ފަސް މެޗުން ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ޔަންގޮން ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.

"މާޒިޔާ އަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގާތްގަޑަކަށް ގެއްލިގެން މިދިޔައީ. ފަހު ވަގުތު ގޯލެއް ވަދެގެން ދިއުމުން ވަރަށް އުނދަގޫ ނަތީޖާ އަކަށް ވެގެން މިދިޔައީ. ނަމަވެސް ސްކޯ ކުރަން ދެން މާޒިޔާގެ ކުޅުން ރަނގަޅު،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މުޅި މެޗުގައި ވެސް މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ ކަމަށާއި ފުރަތަމަ ހާފްގައި ރަތް ކާޑަކުން ސަލާމަތް ވުމަށް ޑިފެންޑަރު ޒިފްކޯ ބަދަލު ކުރަން ޖެހުމުން ދެވަނަ ހާފްގައި އެޓޭކް ވަރުގަދަ ކުރުމަށް އަހުމަދު ނާޝިދު (ނައްޓޭ) އަރުވަން ޗާންސް ނުލިބުނީ ކަމަށެވެ.

މިއަދުގެ އެ ނަތީޖާއާއެކު މޯހަން ބަގާންއަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައިވާ އިރު މާޒިޔާއަށް ވަނީ ދެވަނަ ބުރަށް ދިއުމުގެ އަމިއްލަ ބާރު ކެނޑިފައެވެ. މާޒިޔާ އަށް ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ހޮންކޮންގެ ސައުތު ޗައިނާ އަތުން މޯހަން ބަގާން މޮޅުވެގެންނެވެ.

comment ކޮމެންޓް