އެތައް ބައެއްގެ ދިރިއުޅުން އަނދައި ހުލިވަނީ ފަރުވާކުޑަކަމުން!؟

ކޯސްޓު ލައިން ހާޑުވެއާގެ ފިހާރާގައި އަލިފާން ރޯވެފައި ---- ސަން ފޮޓޯ:

ގޭސް ފުޅިގުޅުން ބިދޭސީ މީހާއާ އެހަވާލުކޮށްލަނީ ފަރުވާލެއްނެތި އެވެ. އަލިފާން ގެންގުޅުން މަނާތަނެއްގައި ސިނގިރޭޓް ބުއިމެވެ. ސިނގިރޭޓު ބުއިމަށް ފަހު، ބެލްކަނިތަކުގައި ހުރެ ފިލްޓާ އެއެއްލާލަނީ ހިޔާލެއް ފިކުރެއްނެތި އެވެ. ސޮކެޓަކަށް ބައިވަރު އެއްޗެހި ގުޅާފާނެ އެވެ. ބަތްކައްކަން އުދާފައި ސްކޫލު ދޮށަށް ނުވަތަ ކެއިން ބޭރަށް ހިނގައިދާނެ އެވެ. އިސްތިރި ކުރަން އުޅެފައި ނުވަތަ ޓޯސްޓާ އަށް ޕާން ލާފައި ނުނަގާ ހިނގައިދާނެ އެވެ. ބޭނުންނުކުރާ ސޮކެޓުތައް ނިވާނުލައި ބޭރަށް އެދަނީ ހިޔާލެއް ފިކުރެއްނެތި އެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ވެސް އާދަ އެވެ. ނަމަވެސް އެނގޭ ހެއްޔެވެ. މިއީ އެތައް ހާސްބައެއްގެ ފުރާނަ އެއްފަހަރާ ހިނގައިދާނެ ފަދަ އަލިފާނުގެ ހާދިސާތަކެވެ.

ސިފައިން ގަބޫލު ކުރާ ގޮތުގައި އަލިފާނުގެ ބޮޑެތި ހާދިސާތައް ފަހަކަށް އައިސް ހިނގަމުން މިދަނީ އަލިފާނަށް މީހުން އަހުލުވެރިވެފައި ހުންނަ މިންވަރު ކުޑަވުމުގެ ސަބަބުންނެވެ. އެކަމަށް މީހުންގެ ހޭލުންތެރިކަން ވެސް ކުޑައީ އެވެ. އަދި ހަމަ އެހެންމެ ފަރުވާ ވެސް ކުޑައީ އެވެ.

ކޯސްޓްލައިން ހާޑުވެއާގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ

"އަޅުގަނޑުމެންނަށް ފާހަގަވާ ބައެއް މައްސަލަތަކުގެ ތެރޭގައި ކުދިކުދި ކަންތައްތަކާއި އަޅައިނުލެވިގެން ބޮޑު އަލިފާނެއް ހިނގަން މި މެދުވެރިވަނީ. ކަރަންޓު ލައިފައި ހުންނަ ގޮތް ގޯހެކޭ ނުދެއްނެވޭނެ، ކަރަންޓު ލައިފައި މި ހުންނަނީ ހުއްދަ ދީފައިވާ ފަރާތްތަކުން، ކަރަންޓް ވޭރީ ވެއްޖެއްޔާ ފުރުސަތު އޮންނާނެ ރޯވުމުގެ، ކަރަންޓު ޝޯޓްވުމަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މީހުން އެތަކެތި ބޭނުންކުރާގޮތް،" ކަމާބެހޭ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާތަކަށް އިންތިހާއަށް ފަރުވާ ކުޑަވުމަކީ ވެސް އެފަދަ ހާދިސާތައް ބޮޑުވާން ދިމާވާ ސަބަބުތަކެވެ. އެގޮތުން ގޭބިސީތަކުގައި އެއްވެސް ތައްޔާރީއެއް ނެތް މައްސަލަ ފާހަގަވެ އެވެ. ކުދިއަލިފާނުގެ ހާދިސާތައް ބޮޑުވާ ސަބަބުތަކުގެ ތެރޭގައި ގޭގޭގައި އަލިފާން ނިއްވޭނެ ގޮތެއް ނެތުން ފާހަގަކުރެވެ އެވެ. އަލިފާން ނިއްވަން ބޭނުންކުރާތަކެތި ގޭގޭގައި ނެތްކަން ފާހަގަކުރެވެ އެވެ. އެހެންކަމުން ކަމާ ބެހޭ ފަރާތްތަކުގެ އިލްތިމާސަކީ އަލިފާން ނިއްވާ ފުޅި ނުވަތަ އަލިފާން ނިއްވަން ބޭނުންކުރާ ވަސީލަތްތައް ގޭގޭގައި ބޭނުން ކުރުމެވެ.

އަލިފާން ނިއްވަން ބޭނުންކުރާ ފުޅިއެއް--

އިމާރާތް ހެދުމުގައި ރައްކާތެރިކަމަށް ނުބަލާ!

އަލިފާން ރޯވެއްޖެ ނަމަ ގޭގެއިން މީހުން ނުކުތުމަށް "ފަޔާ އެކްޒިޓެއް" ހުރެއެވެ. ބޭނުން ކުރަން މި ޖެހެނީ އެންމެ ސިޑިއެކެވެ. އަލިފާން ރޯވެގެން ބިރުވެރި ހާލަތުގައި އެކި އުމުރުގެ އެކި ހާލަތުގެ ގެއެއްގެ އެންމެން އެއް ސިޑިން ފައިބަން ޖެހުނީމަ ދެންވާނެގޮތް ވިސްނަވާށެވެ. ނުވަތަ އަލިފާން ރޯވެފައިވާ ފުލޯމަތީ ބައިގަ އުޅޭ ފަރާތްތަކުން އެސިޑި ހުރަސްކޮށް ފައިބާނެގޮތެއް ވިސްނާށެވެ. އަދި އެއީ ލަކުޑި ސިޑިއެއް ނަމަ ދެން ވާނެގޮތް ވެސް ވިސްނަވާށެވެ.

އަނެއްކޮޅުން އިންތިހާއަށް ތޮއްޖެހި ފިތިބާރުވެފައިވާ މާލޭގެ އެއް އިމާރާތުން އަނެއް އިމާރާތައް ވެސް އަލިފާން ދިއުމަށް ވެސް މަގުއޮންނަނީ ފަހިވެފަ އެވެ. އަދި މާލޭގައި ގުދަންތައް އެހާގިނައިރު އެ ގުދަންތަކުގައި ވެސް އަލިފާން ނިއްވާނެ ރަނގަޅު އުސޫލެއް އެކުލަވާލާފައެއްނުވެ އެވެ. އަދި މީހުން އުޅޭ ތަނެއްގެ މެދުގައި ހުންނަ ގުދަންތަކުގައި އަލިފާންރޯވާ ފަދަ ނުރައްކާތެރި ތަކެތި ގުދަން ކުރުމުގެ ފުރުސަތު ވެސް އެބައޮވެ އެވެ.

"ގުދަންތަކުގައި ވަރަށް ފަރުވާ ކުޑަކޮށް ކަރަންޓް ބޭނުންކުރަނީ، ފަރުވާތެރިވުން މީގެ އެންމެ ރަނގަޅު އަސާސަކަށް ވާނީ އަލިފާނުގެ ހާދިސާތަކުން ސަލާމަތްވުމަށް." އޮފިޝަލް ވިދާޅުވި އެވެ.

ކަންއޮތީ އިސްވެ މިފާހަގަ ކުރި ހާލަތުގަ އެވެ. އުސޫލެއް ހަމައެއްނެތެވެ. ރައްކާތެރިކަމަށް ނުބަލައި ލިބޭ އާމްދަނީ އަށް ބަލައި ހަދާނެއެއްޗެއް ހަދަނީ އެވެ. ނަމަވެސް މިއީ އެތައް ބައެއްގެ ފުރާނަ އާއި އެތައް މިލިއަން ރުފިޔާ އަށް އޮތް ބޮޑު ނުރައްކަލެކެވެ.

ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބާ؟

އަލިފާން ރޯވެގެން ނުކުމެވޭނެ ގޮތެއް ހެދުމަށް ސިޑިގޮޅިއަކީ އަލިފާން ނުހިފާގޮތަށް ހަދާފައި ހުންނަ އަދި މީހުންނަށް ފޭބޭނެ ތަނަކަށް ހަދަންޖެހެ އެވެ. އެއް ގަޑިއިރު ނުވަތަ ދެ ގަޑިއިރު ތެރޭގައި އަލިފާން ނުހިފާ ކަހަލަ މައުދަންތައް ހުންނަ އިރު އެތަކެތި ބޭނުންކޮށްގެން ސިޑިތައް ހަދަންޖެހެ އެވެ. އަލިފާން ނުހިފާވައްތަރުގެ ތަށިމުއްޓާއި ލަކުޑީގެ އިތުރުން ސުޕްރޭ ފަދަ ތަކެތި ހުންނައިރު ގެތައް އިމާރާތްކުރުމުގައި އެތަކެތި ބޭނުން ކުރުން މުހިންމެވެ.

"އެބަހުރޭ ގިނައިރުތަކެއް ވަންދެން އަލިފާން ނުހިފާން ހުންނަ ފަދަ މެޓީރިއަލްތައް، އިމާރާތްތައް ކުރުމުގައި އެފަދަ މެޓީރިއަލް އެބަޖެހޭ ބޭނުން ކުރަން،." ތަޖުރިބާކާރު ވިދާޅުވި އެވެ.

ގުދަންތަކަކީ ޓިނުން ހަދާފައި ހުންނަ ތަންތަން ވީމަ އެއީ ވަރަށް ފަސޭހައިން އަލިފާން ހިފައި ހުލިވެދާނެ ކަމަކެވެ. އެހެންކަމަށްވާ ނަމަ ގުދަންތައް ހަދާއިރު ގިނައިރު އަލިފާން ނުހިފާ ހުންނާނެ ފަދަ ލަކުޑި ނުވަތަ ސްޕްރޭފަދަ ތަކެތި ބޭނުން ކުރުން މުހިންމެވެ.

އޮފިޝަލް ވިދާޅުވާ ގޮތުގައި މާލޭގެ ޓުރެފިކާއި ބައެއް ގޯޅިތައް ހުންނަ ގޮތުން އެސަރަހައްދަށްވަނުމަކީ ފަޔާ މަނުންނަށް ވަގުތު ނަގާކަމަކަށްވާތީ މީހުންނަށާއި މުދަލަށް ލިބޭ ގެއްލުން ކުޑަކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ އިމާރާތްތައް ހެދުމުގައި ގިނައިރު އަލިފާން ނުހިފާނެ ފަދަ ތަކެތި ބޭނުން ކުރުމެވެ.

ދުނިޔޭގެ ތަރައްގީ އެހެންގައުމުތަކެކޭ އެއްފަދައިން ޑްރައިރައިޒާ ސިސްޓަމްތަކާއި ފަޔާ އެލާމް ސިސްޓަމްތަކުގެ އިތުރުން އަމިއްލަ ޒާތުގައި އަލިފާން ނިއްވާލުމަށް މަސައްކަތްކުރާ ފަދަ ސިސްޓަމްތައް ހަރުކުރުން އެއީ މަޖުބޫރުކަމަކަށް ހަދަންޖެހެ އެވެ.

ސިފައިން އަލިފާނަށް ތައްޔާރު، އެކަމަކު ގޮންޖެހުން އެބަހުރި

އަލިފާނުގެ ހާދިސާތަކަށް ސިފައިން ތައްޔާރު ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ އިރު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ ސިފައިންގެ އަތުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފޯމް ވެސް ހިމެނޭ ކަމަށެވެ. ސިފައިން ތިބީ އާލާތްތަކާ އެކު އަލިފާނުގެ ހާދިސާތަކަށް ތައްޔާރީ ހާލަތުގައިކަމަށް ޒުހުރީ ވިދާޅުވި އެވެ.

އަލިފާން ނިއްވުމަށް ބޭނުންކުރުމަށް އެތައް ވެހިކަލެއް ސިފައިން ގެންގުޅެ އެވެ. އެ ވެހިކަލްތަކުގެ ތެރޭގައި ހަ ޓަނުގެ ފެން ރައްކާކުރެވޭ އަދި 500 ލީޓަރުގެ ފޯމު ރައްކާކުރެވޭ ވެހިކަލްތައް ހިމެނެ އެވެ. އޭގެ ތެރޭގައި ބޮޑު ޓުރެއިލާއެއް ހަރުކޮށްފައިވާ ވެހިކަލެއް ވެސް ހިމެނެ އެވެ. ހަމައެއާ އެކު ރެޕިޑް އިންޓަވެންޝަން ވެހިކަލް (އާރުއައިވީ) އެއްވެސް ހިމެނެ އެވެ.

މިހާރު ސިފައިންގެ ގެންގުޅޭ ވެހިކަލްތައް ދުއްވުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ސިފައިން ބުނެ އެވެ. ހަމައެއާ އެކު އަލިފާން ނިއްވުމަށް ބޭނުންވާ ފެން ހޯދުމަކީ ސިފައިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މާލޭގެ ބައެއް ސަރަހައްދުތަކުގެ އަޑީގައި ފެންރައްކާކޮށްފައި ހުރި ނަމަވެސް އެމްޑަބްލިޔުއެސްސީން ބަލަހައްޓާ ހައިޑުރަންޓް ސިސްޓަމުތައް މަސައްކަތް ނުކުރާތީ ބޭނުންވާ ވަރަށް ފެން ނުލިބޭކަމަށް ސިފައިން ބުނެ އެވެ. ހައިޑުރަންޓު ސިސްޓަމަކީ އަލިފާން ނިއްވުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް މާލޭގެ މަގުތަކުގައި އަޅާފައި ހުންނަ ހޮޅިތަކެކެވެ. ނަމަވެސް އެހޮޅިތަކުން ބޭނުންވާ ޕްރެޝަރުގައެއް ފެނެއް ނާދެ އެވެ.

"މިހާރު ފަޔާފައިޓު މިކުރަނީ މޫދުން ގެންނަ ފެނުން، މާލޭގައި އަޅާފައި އެބަހުރިހޮޅި، އެކަމަކު އޭތިން ބޭނުންވާ ޕްރެޝަރު ނުހުރޭ." އޮފިޝަލް ވިދާޅުވި އެވެ.

ސިފައިން އާންމުންގެ އެހީއަށް އެދޭ

ކޯސްޓްލައިން ހާޑުވެއާ ގައި ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ސިފައިން އާންމުންގެ ކިބައިން އެދެނީ ފަޔާ ފައިޓަރުން އަންނަންވާއިރަށް މަގުތަކުގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތައް ނަގައި ފަޔާލޮރީއަށް ވެދޭނެ ގޮތްގޮތް ހަދައިދިނުމެވެ. އަދި ގޭ ކައިރިތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ގެއިން ކަރަންޓު ކަނޑާލުން ފަދަ ކަންކަން ކުރުމަށް އިލްތިމާސްކުރެ އެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތެރެއިން ކުރެވޭ މިފާހަގަކުރި ފަދަ ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އެވަނީ ހާލުގައިޖެހިފަ އެވެ. އެތައް ލައްކަ ރުފިޔާއެއްގެ މުދާ ދެތިން ގަޑިއިރު ތެރޭ އެވަނީ އަނދާހުލިވެފަ އެވެ. ފަރުވާ ކުޑަނުކުރާށެވެ.

comment ކޮމެންޓް