ގެނބިގެން ނުދަަނީސް

"މަންމަމެންނަށް އޮޅުވާލާފައި މެރީކުރުން ރަގަޅުވާނެތަ؟ ސާރާގެ ކަންތައްވެސް ސިއްރުކޮށްފައެއް ނުބޭއްވޭނެއްނު ބޭބީ. އޭނައަކީ ކޮންމެ ގޮތެއްވިޔަސް މަގޭ ފުރަތަމަ އަންހެނުން، ކައިވެނީގެ ރަސްމިއްޔާތުގައިވެސް ބައިވެރިވާން ޖެހޭނެއްނު......" އައްމާރު ފެށި ވާހަކައަކުން ކާއިއާގެ މޫޑު ސަކަރާތްވިއެވެ. ކުއްލިއަކަށް ސާރާގެ މަތިން ހަނދާންވިއެވެ. އޭނައާއި ކިޔަން އުޅެން "ނަބީލާވިލާ" ތައްޔާރުކުރާއިރު އޭނަ ފަހަރެއްގައިވެސް ސާރާއާއިމެދު ޚިޔާލުކޮށްފައެއް ނުވެއެވެ. މަންމައާއި ދިމާލަށް ބަލައިލިއިރު މަންމަ އިނީ އަނގޮޓިތަކަށް ބަލާށެވެ.

"ނޯ ނޯ ނޯ......" ކާއިއާއަށް ބުނެވުނެވެ.

ޝުވޭކާރު ގަސްތުކުރީ ކާއިއާއާއި އައްމާރުއަށް އެކަނިވެރި ވަގުތުކޮޅެއް ދިނުމަށެވެ. އޭނަ އިނީމަ އައްމާރުއާއި ވާހަކަދައްކާކަށް ކާއިއާއަކަށް ފަސޭހައެއް ނުވާނެއެވެ. މަޚުމާ ފޮށްޓަށް އަނގޮޓިތައް ލައިގެން އޭނަ ކާއިއާ ކައިރީ ނަބީލާވިލާގައި މަސައްކަތް ހިނގާގޮތް ބަލާލާފައި އަންނާނަމޭ ކިޔާފައި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ.

"ލިސެން އިމީ. އޭނައާއި އިމީގެ ކައިވެނީގެ ދުވަހު ކައި ވެސް ބައިވެރި ނުވަމެއްނު، ސޯ ބޭނުމެއްނޫން އަހަރެމެންގެ ސްޕެޝަލް ދުވަހު އޭނަ ބައިވެރިވާކަށް، އޭނައަކީ ނަމެއްގައި އިމީގެ ވައިފް، ނޫންތަ؟ އިމީއަކީ އެކަނި މަގޭ މިލްކެއް، މަގޭ އެކަނި، އެހެން މީހަކު ބަލައިލިޔަސް ގައިގާ އަލިފާން ރޯވާހެން ހީވޭ. އެހާ ރުޅިގަދަވޭ، އަދި އަތްލައިފިއްޔާ މަގޭ އަތުން އެމީހެއްގެ ގަޔަށް ވަޅިވެސް ހެރިދާނެ، އިމީ، ރިއަލީ ކައިއަކަށް ކެތެއް ނުކުރެވޭނެ. އިމީއަކީ އެކަނި އަހަރެންގެ، އެހެން މީހަކު އަތުގައި ބީހިލިޔަސް އައި ހޭޓް އިޓް....." ކާއިއާގެ ހިތަށް ނުބައިގޮތެއްވިއެވެ. ސާރާއަކީ ކާކުހެއްޔެވެ؟ އޭނައާއި އައްމާރުގެ ދޭތެރެއަށް ވަންނަން އެމީހާގަނޑު އައީ ކޮންތާކުން ހެއްޔެވެ؟ ބައެއްފަހަރު ސާރާ ދެކެ ލޯބިވެވެއެވެ. ބައެއްފަހަރު ސާރާ ދެކެ އަރާ ރުޅިގަނޑެއްގެ ބޮޑުކަމުން އެދިޔަގޮތަށްގޮސް މަރާލަންވެސް އޭނަގެ ޟަމީރު ބުނާފަހަރު އާދެއެވެ.

"ލިސެން ކައި. އަހަރެން ކުރިންވެސް ކައި ގާތު ބުނީމެއްނު އަހަންނަށް ސާރާ ޑިވޯސްއެއް ނުކުރެވޭނެއޭ، ވީމަ އެކަން މައްސަލައަކަށް ނަހަދާ، ކައި ބޭނުން ނެތިއްޔާ ހެޔޮ މަންމަމެންނަށް ނޭންގިޔަސް، އިޓްސް އަޕް ޓު ޔޫ. އެކަމަކު ބޭބީ އަދި ބޭނުން ކައިވެނީގެ ކުރިން ކޮންމެހެން ޑިސްކަން ކުރަން ޖެހޭ ކަންތަކެއް ހުރީމަ މީޓްކޮށްލަން އޯކޭ؟ " އައްމާރު ހުއްދައަށް އެދުނެވެ. ބައެއްފަހަރު ކާއިއާ އުޅޭ ޅަގޮތަކުންނާއި ވާހަކަދައްކާ ގޮތުން ފޫހިވާން އުޅެއެވެ. ނަމަވެސް ހަތް އަހަރުގެ ލޯތްބެއް އެހާ ފަސޭހައިން ހިތަކުން ނެރެފަ އެއްލައެއް ނުލެވޭނެއެވެ.

ކާއިއާ ފޯނު ބާއްވާފައި ފޯނުގައިވެސް ބޮސްދިނެވެ. އުފަލުންގޮސް އޭނައަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭގެއެވެ. އެންމެފަހުން ބެލްކަނީގެ ރެއިލިން މައްޗަށް އަރައިގެން އެދިމާލަށް ލެނބިފައިވާ ގަހެއްގެ އޮފިގަނޑެއްގައި އެއްއަތުން ހިފަހައްޓައިލިއެވެ. އޭނަ ލައިގެން ހުރި ސްކިނީއާއި ރީދޫކުލައިގެ ޓޮޕްގެ ސަބަބުން މޫނުގެ ދޮންކަން އިތުރުކަމަށް ދައްކައެވެ.

"އިމީއަށް މި ސެލްފީ ވަރަށް ކަމުދާނެކަން ޔަގީން....." ކާއިއާގެ އަތުގައި އައްމާރު އަޅުވާދިން ކެވެލިކޮޅު ފެންނަގޮތަށް އަތް ހިއްލައިލިއެވެ.

"ޑެއަރޑެވިލް. ކޮންކަމެއް ތިއީ؟ ވެއްޓިދާނެ......." ކާއިއާ ކިރިޔާ ބެލެންސް ގެއްލުނަސް ކަނޑާލި ރުކެއްހެން ގޮސް ބިންމަތީގައި ޖެހޭނެއެވެ. ކާއިއާ އެކަނި ޑިޕްރެޝަން ހުންނަނީއެއް ނޫނެވެ. އަމިއްލަ ނަފުސާއިމެދު އެއްވެސް ވަރަކަށް އަޅާލާކަމަކަށް ނުވެއެވެ. އައްމާރު ނޫން އެހެން އެއްޗެއް މީހެއް މުހިއްމެއްނުވެއެވެ.

"ވެއްޓުނަސް ބިންގަނޑު ފަޅާލާފައި އަޑިއަކަށް ނުދާނެ، ސެލްފީއެއް ނެގީއޭ. ޔޯގާ ކްލާހަށް ދާތީ މިހާރު ބެލެންސް ބައި ވަރަށް މޮޅު، އެހާ ފްލެކްސިބަލް. އެންޑް ޔޫ ނޯ ވަޓް؟ މިހާރު ވަރަށް ކެއަރފުލް އޭ.............." ކާއިއާ ރެއިލިން މަތިން ފުންމާލިއެވެ. ކިޔަން ބަލަން ހުރީއެވެ.

"ކީއްވެގެންހޭ ނާހާނަންތަ؟ " ކާއިއާ ބުމަ ހިއްލައިލިއެވެ.

"އިމީ ބުނީ ބަލައިގެން އުޅެއްޗޭ...." ކިޔަން ވިސްނާފަދަ ގޮތަކަށް ބޮލުގައި އިނގިލި ޖައްސާލަމުން ކިޔާލިއެވެ.

"ނޫން، މަރުވެދާނެތީ ބިރުގަނޭ، ބޭނުމެއްނޫން މިހާރު މަރުވާކަށް......" ކާއިއާ ބުނެލިއެވެ.

"މޮޔަ ކުއްޖާ. ތިގޮތަށް ވާހަކަ ދައްކަން ނުވާނެކަން ނޭގެނީތަ؟ ބޭނުން ވިޔަސް ނުވިޔަސް މަރުވާ ވަގުތު ޖެހުނީމަ މަރުވާނެ........." ކިޔަން ކޮއްކޮގެ ވާހަކަތަކުން ބައެއްފަހަރު ހާސްވާގޮތްވެއެވެ.

"އިމީ އާއި މެރީނުކުރެވެނީސް މަރުނުވުމަށް ދުޢާވެސް ކުރަން. އެކަނި ދިރިމިހުންނަނީ އިމީއަށްޓަކާ، މިހާރު ޑްރީމް ފުރިހަމަވާން މިއުޅެނީ؟ ޑިޑް ޔޫ ސީ ދަ ރިންގްސް؟ މަންމަ ނުދައްކާތަ؟ އެބްސޮލުޓްލީ މެގްނިފިޝެންޓް......." ކާއިއާ އެކި ވާހަކަތައް ދައްކަމުންގޮސް ސާރާގެ ވާހަކަ ފެށިއެވެ. ސާރާގެ ވާހަކަ އިވިގެން މަންމަމެން އައްމާރުއާއި ގަބޫލުނުވެ ކައިވެނި ހުއްޓުވާފާނެތީ ބިރުގަންނަކަމުގައި ބުނެ ކިޔަންގެ ޚިޔާލަކަށް އެދުނެވެ. ދެބެންގެ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ހުރިހާކަމެއްހެން ހިއްސާކުރެއެވެ. ކިޔަން ބުނީ އިހަށް މަންމަމެންނަށް ނާންގާ މަޑުކޮށްލުމަށެވެ. ކޮއްކޮއަށްޓަކާ އޭނަ މިހިރީ ސާރާ މަގުން އެއްފަރާތްކޮށްލަން އަތުކުރި އޮޅާލާފައެވެ. ސާރާއަށް ހަދަންވީ ކިހިނެއްހެއްޔެވެ؟ ތިމާގެ އިއްޒަތާއި އަބުރަށް ހުތުރު ނުވާގޮތަށް އެކުއްޖާއަށް ގޮތެއް ހެދޭނެ ގޮތަކީ ކޮބާހެއްޔެވެ؟ އެއް ދޮނުގައި ދެބުޅި ޖަހަންވާނެއެވެ. އައްމާރުވެސް ސާރާދެކެ ފޫހިކުރުވުން ވަރަށް މުހިއްމެވެ.

އައްމާރުގެ ޒަމާންވީ ލޯބި މިލްކުކުރެވޭގޮތް ވުމުންވެސް ހިތަކަށް މާ ބޮޑު ތަސައްލީއެއް ނުލިބުނެވެ. އޭނަ ކުރިން ހީކުރީ ދެއަނބިން ގެންގުޅުމަކީ ނިކަން ފަސޭހަކަމެއް ކަމުގައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ އިސްލާމްދީނުގައި ހަތަރު އަނބިން ގެންގުޅުން ހުއްދައެވެ. އިންސާފުވެރިކަމާއި ހަމަހަމަކޮށް ކަންތައް ކުރެވެން ޖެހޭނެއެވެ. އޭނަ ސާރާއާއި ކާއިއާ ދެކެ ލޯބިވަނީ އެއްވަރަށެވެ. ދެކުދިންނަށް ހަމަހަމަޔަށް ކަންތައް ކޮށްދެވިދާނެއެވެ. އެއްވަރަށް ލޯބި ދެވިދާނެއެވެ. އޭނަ ހީކުރީ ސާރާ "މެޗުއަރ" ކުއްޖަކަށްވުމުން ވަރަށް އޮމާންކޮށް ދެއަނބިގެން ގެންގުޅެވޭނެކަމަށެވެ. މައްސަލަ ޖެހެން ފެށީ ކާއިއާގެ ޝަރުތުތަކުންނެވެ. އަދި ކާއިއާ އައްމާރު ހިއްސާކުރަން ދެކޮޅުހެދުމުންނެވެ. ގެއާއި މުދަލާއި ކާރު އަދި ހުރިހާ އެއްޗެއް ސާރާއާއި ހިއްސާކުރިޔަސް އައްމާރު އެހެން މީހަކަށް ދޭކަށް އޭނަ ނެތެވެ. ކާއިއާ ބުނާގޮތުން ހުރިހާ ރޭތަކެއްގައި އައްމާރު އޮންނަން ޖެހޭނީ އޭނަގެ އެނދުގައެވެ. ދުވާލު ސާރާއަށެވެ. އެވެސް ކާއިއާ ފެންނަ ހިސާބުގައެވެ. އެއްގޮތަކަށްވެސް އަތްލުމެއް އޮވެގެން ނުވާނެއެވެ.

"ޓެންޝަން ބޮޑުނުވާންވީ ކީއްވެތަ؟ ފެމިލީގެ މައްސަލަ އެހާ ބޮޑު، މަންމަ މިހާރުއްސުރެ ފައިސާ ހޯދަން އެކިޔަނީ، ލިބޭވަރަކުން ބުނާނެނަމަ، އަނެއްކޮޅުން ކައި އާއި ސާރާގެ މައްސަލަތައް. ކައިވެސް ދައްކަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތައް. އެކަމަކު ކައި ކުށްވެރިކުރެވޭކަށްވެސް ނެތް. ކުށްވެރިއަކީ އަހަރެން. އަދި މަންމަމެން މާމައާއިމެދު ކަންތައް ކުރާގޮތުން ބޯ ފަޅައިގެން ދާހާވަރުވޭ، އެކަމާއި އަޅާނުލާ ހުރެއްޖެއްޔާ އަހަރެން ފާފަވެރިވާނެ، މާމަ ބަލަން ސާރާއާއި ހަވާލުކޮށްފިއްޔާ އެއީވެސް ސާރާ ވެދޭނެ ކޮންފަދަ ބޮޑު އިހުސާންތެރިކަމެއް، އެހެން މީހަކު ތިމާގެ ޔަންގް ވައިފް ލައްވާ ގެ މަންމަވެސް ނުބަލުވާނެ، އަދި އެއީ މާމަ.........އެކަމަކު ކޮން ޗޮއިސް އެއް މަށަށް އޮތީ....." އެކަނިމާ އެކަނި ރެސްޓޯރެންޓެއްގެ މޭޒުގައި ކަޅު ކޮފީއެއް ބޯންއިންއިރު އޭނަގެ ވިސްނުން ހުރީ އެހެން ދިމާލެއްގައެވެ.

މާމަ އެގެއިން ގެންދާނެ ގޮތަކާއިމެދުވެސް އޭނަ ޕްލޭންކުރަމުން ދިޔައެވެ.

އައްމާރު ބިލަށް ފައިސާ ދައްކާފައި ހިނގައިގަތްތަނާ ޖެހިގެން ހުރި ގޭތެރެއިން މީހަކު ބާސްމަތީ ހަނޑޫ އަޅާކަހަލަ ގޯނިގަނޑެއް މަގާއި ދިމާލަށް ހޫރުވާލުމުން ގައިގާ ނުޖެހުނީ ހަމަކިރިޔާއެވެ. އެގޯނިގަނޑުގެ ތެރެއިން ކުޑަ ކުޑަ ހަރަކާތެއްކޮށްލިހެން ހީވެފައި ބަލައިނުލާ ދާކަށް އޭނަ ހިތް ހަމައެއް ނުޖެހުނެވެ. އޭރު ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އައްމާރު ގުދުވެފައި ގޯނީގެ ތުން މޮހާލިއެވެ.

ބޯކޮށް ވާރޭ ވެހެން ފެށުމުން ސާރާ ކައްކަން ހުރެފައި ކުޑަދޮރުތަކާއި ދިމާލަށް ބަލައިލިއެވެ. ދޮރުތަކުގެ ފޮތިތައް ކަހާލާފައި ހުރުމުން ދުރުދުރަށްދާންދެން ބޭރު ފެންނާތީ ވަރަށް ރީއްޗެވެ. ވާރޭގެ ބޮޑެތި ތިކިތަކުން ފަޒާވަނީ ފުސްވެލާފައެވެ. ވާރޭވެހޭ އަޑު މިއުޒިކަށްވުރެ ހިތްގައިމެވެ. ދޮރުގައި ޓަކިދިން އަޑު އިވުމާއިއެކު ހިތް އަވަސްވެފައި ހުރި ސާރާ އަވަހަށް ދުއްވައިގަތެވެ. އޭނަގެ ފުރާނަ ފަދަ ލޯބިވާ އައްމާރު އައީއެވެ.

ސާރާ ދޮރު ހުޅުވާލިއިރު އައްމާރު ހުރީ ތެމިފޯވެގެންނެވެ. އެކަޅު އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތައް މޫނުގައި ވިދަނީ ކުދި ޖަވާހިރުފަދައިންނެވެ. އެރީތި މޫނަށް ބަލަން ހަދައިގެން އައްމާރު މޭގައި ޖައްސާލައިގެން ހުރި އެއްޗެއްވެސް ސަމާލުކަމަށް އައީ އިރުކޮޅެއްފަހުންނެވެ.

"އޯ މައި ގޯޑް، ކުޑަ ކުޑަ ކަފަ ބޯޅަގަނޑެއް....." ސާރާ ކިޔާލިއެވެ. ކުރިން ބުޅާދެކެ ބިރުގަތަސް ފަހަކަށް އައިސް ސާރާގެ ބިރުފިލަންފެށީ އައްމާރުގެ ހުންނަ މިޒާޖަކުންނެވެ. އެއީ ވައިރަލް ކަމެއްފަދައެވެ. އައްމާރު އެފަދަ ދިރޭތަކެއްޗަށް ލޯބިކުރާވަރު ފެނިފައި ސާރާގެވެސް އެ އާދަ ހިފަންފެށީއެވެ.

"ބޭބީއަށް ހަދިޔާއަކަށް ގެނައި އެއްޗެއް...." އައްމާރު ބުޅާ ސާރާގެ އަތުތެރެއަށް ލެއްވުމުން ކުޑަކޮށް ޖެހިލުންވެފައި ހުރެ ހިފިއެވެ.

"ކޮން ނަމެއްތަ ކިޔާނީ؟ " އައްމާރު އަހާލައިފިއެވެ.

"ސްނޯބޯލް. ތެންކިއު އިމީ. ހީޒް ކިއުޓް..........." ސާރާގެ ހިތުގައި އެ ބުޅަލަށް ޚާއްސަކަމެއް ދެވުނީ އައްމާރު އޭނައަށް ގެނެސްދިން ހަދިޔާއަކަށް ވުމުންނެވެ. ހުދުކަމުން ކަފަކޮޅެއްފަދައެވެ. ދެލޮލުގައި އެހެރަ ފެހިކުލައަކުން ބުޅަލުގެ ތެރެއިންވެސް ހޮވާލެވޭފަދަ ރީތި އެއްޗެއްކަމުގައި ވެއްޖެއެވެ. އައްމާރު އޮޅުވާލާކަށް ނޫޅުނެވެ. މީހަކު ރަހުމް ކުޑަގޮތަކަށް މަގަށް އެއްލާލި ބުޅަލެއްކަމުގައި ބުނުމުން ސާރާ ކުޑަކޮށް މޮޅިވެރިވި ނަމަވެސް އެކަމެއް ނުދައްކައެވެ. ބުޅާ ދޫކޮށްލުމުން ދުވެފައިގޮސް ސޯފާގެ ދަށަށް ވަދެ ފިލިގޮތުން ހީވީ ލަދުން އުޅޭހެންނެވެ.

"ބޭބީ، އައި ނޯ މިހާރު ދެރަވެފައިކަން ތިހިރީ، ޑޯންޓް ބީ ލައިކް ދިސް ބޭބީ، އަހަރެންދެކެ ސާރާ ލޯބިވާ ވަރާއި ކެއަރކުރާވަރު އަހަންނަށްވެސް ފެނޭ، ކޮންމެ ދުވަހަކު އެނދު ތަންމަތި އަޅާ ކޮޓަރި ސާފުކޮށް ރީތިކޮށްލާތަން ފެނޭ، ގަވާއިދުން މީރު އެއްޗެހި ހަދާފައި ގަޑިން ގަޑިއަށް ކާންދޭ، ހުރިހާ ހެދުންތައް ދޮވެ އިސްތިރިކޮށް ހަރުގައި އަޅުވާފައި އެހުންނަނީ، ބޫޓު އޮފްއަރުވާފައި. އަހަރެންގެ ކޮންމެ ކަމަކާއި އަޅާލާ، ތިކަހަލަ ވައިފެއް ބޭނުންނުވާނީ ކާކު؟ އަހަރެންގެ ނަސީބު ކިތަންމެހާވެސް ރަގަޅު، އަބަދުވެސް ހަނދާންކުރަންވާނެ، ތިއީ ހަޔާތުގެ އެއްބައި، އަބަދަށްވެސް ސާރާއާއިއެކުގައި ވާނަން، މަރުވަންދެންވެސް.........މަރަށް އެކަނި ދެމީހުން ވަކިކުރެވޭނީ، ވީމަ ދެރަވެފައި ނުހުންނައްޗޭ. އަބަދަށް އުފަލުގައި ހުރެދީ. ތިހާ ރަގަޅު އަންހެންކުއްޖަކު ދެރަވެގެން ހުންނާކަށް ނުވާނެ. ހޫމް ދެން އެވާހަކަ ބާއްވާ. ކިހާ ފިނި ދުވަހެއް؟ ހީފިލުވާލަދެންތަ؟ " އައްމާރު ސަމާސާ ގޮތަކަށް ސާރާގެ ނޭފަތުގައި ހިފާލަމުން ގާތަށް ދަމާލިއެވެ.

"މިހިރީ އަދި ފެންވެސް ނުވަރާ......" ސާރާ އައްމާރުގެ އަތުތެރެއިން ނުކުންނަން ގަދަހެދިއެވެ.

"ހޫމް ބަބުރުވަސް ދުވަނީ، އައްޗި........" އައްމާރު ނޭފަތް ގުރުޑުކޮށްލާފައި ހޭންފެށިއެވެ. އައްމާރު އުދަގޫކުރަމުން ދިޔައެވެ. އިސްތަށިގަނޑުވެސް ނިއުޅުވާލައިފިއެވެ. އެދޮން ކަނދުރާގައި ތުންފަތް ޖެއްސިއެވެ. ހަރުވާޅަކާއި ރަތްކުލައިގެ ޓޮޕެއްލައިގެން ކިތަންމެ އާދައިގެ ކޮށް ހުއްޓަސް ސާރާއަކީ ރީތި އަންހެންކުއްޖެކެވެ. އަބަދު މީރުވަސް ދުއްވާލައިގެން ހުންނަކަން އައްމާރުއަށް ފާހަގަކުރެވެއެވެ. ފެންނުވަރާ ހުއްޓަސް އަގު ބޮޑު އެއްޗެހި ބޭނުންނުކުރިޔަސް އަބަދު ލުއި މީރުވަހެއް އެކުއްޖާގެ ގައިގާ ހިފާލާފައިވެއެވެ. އެއީވެސް ސާރާގެ ރީތިކަމުގެ އެއްބަޔެވެ.

އައްމާރު ފެންވަރަން ވަނުމުން ސާރާ ގަސްތުކުރީ މި ވިއްސާރަރޭ ތަންކޮޅެއް އިޝްގީ މާހައުލެއްގައި ރޭގަނޑުގެ ކެއުން ބޭއްވުމަށެވެ. މިފަހަކަށް އައިސް އައްމާރު ލޯބިވާ ވާހަކަ ބުނުން މަދުކުރުމުން އޭނަގެ ހިތްވަނީ ބިރުގެންފައެވެ. ވަރުގަދަ ވާދަވެރިޔަކު ހުރިއިރު އޭނަ މަޑުން ހުރެގެން އައްމާރު އެކޮޅަށް ދީލައިގެން ގޮސްފިއްޔާ އޭނަގެ ހިތް ހަލާކުވެދާނެއެވެ. ވާދަކޮށްގެން ކުރި ހޯދަން މިހާ ބޭނުންވި ފަހަރެއް ނާދެއެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ........" ސާރާ އަމިއްލަ ނަފުސަށް ހިތްވަރުލައިދިނެވެ.

"އެކަނި ހުރެ ވާހަކަ ދައްކަންޏާ މޮޔަވެދާނެ އިނގޭ. ނޫނީ ޖިންނި ބިޓެއް ގެންގުޅެނީތަ؟" އައްމާރު ފަހަތުން އައިސް ބައްދާލިއެވެ. މިއަދު އައްމާރު މާ އުފަލުން ހުރީ ކީއްވެބާވައެވެ. މާ ލާނެތްވެގެން އުޅޭއިރު ބައެއްފަހަރު ކޮންމެވެސް ވާހަކައެއް ބުނަން އުޅުނުހެން ހީވި ފަހަރުވެސް އައެވެ. ކޮންމެ ފަހަރަކު އޮޅުވާލަނީއެވެ. ދެމީހުންވެގެން ކައްކާފައި އައްމާރު ނަމާދަށް ދިޔުމުން ސާރާވެސް ފެންވަރާލައިގެން ނަމާދުކުރިއެވެ. އައްމާރު އައިއިރު ސާރާ ހުރީ ވަރުގެ ކޮޅަށް ނަލަހެދިލައިގެންނެވެ. ސެންޓުގެ މީރުވަހުން ހިއްސުތަކާއި ކުޅެލިއެވެ. އުއްބައްތީގެ ހިތްގައިމު އަލީގައި ކާން ހަދާފައި ހުރިއިރު މޭޒުވެސް ހުރީ ނިކަން ފާޑުވެރިކޮށް ތައްޔާރުކޮށްފައެވެ. ވާސްގައި ރަތްކުލައިގެ ފިނިފެންމާތަކެވެ. ވާރޭވެހެމުންދާތީ ސާރާ ވަކިން އުފާވިއެވެ. ނިދާ ކޮޓަރިވެސް މިރޭ އޭނަ ތައްޔާރުކޮށްފައިވަނީ އައްމާރުގެ އިހުސާސްތައް ހޭލައިގަންނާނެފަދަ ގޮތަކަށެވެ. ނިދާހެދުންވެސް ލީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދެމުންނެވެ. ޓެންޝަނުގައި ދުވަސްކޮޅަކު އުޅުމުގެ ސަބަބުން ސާރާއާއި ދުރުން އުޅުނެއްކަމަކު މިރޭ ސާރާގެ ޖާދޫގައި ނުޖެހި އައްމާރުއަކަށްވެސް ސަލާމަތެއް ނުވިއެވެ.

އުއްބައްތިތައް ވިރި ހުސްވެ ބޭރުގައި އުތުރިއަރަމުން ދިޔަ ތޫފާން މައިތިރިވީއިރު އައްމާރުއާއި ސާރާވެސް އެކަކު އަނެކަކުގެ އަތުތެރޭގައި އަރާމުކޮށް ނިދިފައި ތިބިތަން ފެނުނެވެ.

ފަތިސްނަމާދުގަޑިއަށް އެލާމްވާން ފެށުމުން ލޯ ހުޅުވާލާފައިވެސް ސާރާ އައްމާރުގެ އަތުތެރެއިން ދުރަށް ދާހިތެއްނުވިއެވެ. ނަމަވެސް ޝައިތާނާގެ ވަސްވާހުގައި ޖެހުމުން ކުރިން އައްމާރުއަށް ގޮވާ ހޭލައްވާފައި ދެމީހުން އުޅެގަތީ ނަމާދުކުރާށެވެ. އޭރު ސާރާގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއްގެ އަސަރުވިއެވެ.

"އިމީ ރޭގައި ހަނދާނެއްނެތް އަންސޭފް ދުވަސްކޮޅުކަމަށް، އެހާ ބަލައިގެން އުޅެނިކޮށް......." ސާރާ ނަމާދުކޮށްގެން ދުޢާކުރިއެވެ. އޭނައާއި އައްމާރުގެ ލޯބީގެ ބަގީޗާގައި މަލެއް ފޮޅުމަކީ ހާދަ ބޮޑު އުފަލަކަށްވާނެއެވެ. މިހާރު ފުރިހަމަނުވާ އެކަނި ހުވަފެނަކީ އެއީއެވެ. އޭރުން ކާއިއާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ކާއިއާއަށްޓަކާ ދަރިއެއް ނުހޯދާ އޭނަ އަބަދަށްޓަކާ ހުރުމަކީ އިންސާފެއްކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

"ނޯ ކިސިން، ނޯޓަޗިން ނޯ........" އެއީ މިހާރު ސާރާގެ ސިކުނޑީގައި އިރުއިރުކޮޅާ ގުގުމާލާފައިވާ ލަފުޒުތަކެއްކަމުގައި ވެއްޖެއެވެ. އެކުއްޖާ ހީކުރަނީ ކީކޭކަމަށްހެއްޔެވެ؟ އެގޮތަށް އޭނަގެ ހަޔާތް ކޮންޓްރޯލްކުރަން ކާއިއާގެ އަތުގައި ރިމޯޓްއޮތްކަމުގައި ހީކުރަންޏާ އެއީ ކުށްހީއެކެވެ. ކާއިއާ އަނދިރީގައި ބަހައްޓާގައި އައްމާރު އޭނައާއިއެކު އުޅޭލެއް ލޯބިކަން އެނގޭނެނަމައެވެ. އެގެއެއްގައި އުޅެން ފަށާއިރަށް އެކަން ކާއިއާއަށް ފެންނާނެއެވެ. އޭނައަކީ އެކަނި ނަމެއްގައި ހުރި އަންބެއް ނޫންކަމާއި އެހެން ދެމަފިރިން ފަދައިން ކައިރިވާކަން އެނގޭނެއެވެ. ނޫނެކެވެ. އެހެން ހަދާކަށް ނުވާނެއެވެ. އައްމާރު އޭނައަށް ހާދަ އިތުބާރުކުރެއެވެ. އޭނައަކީ ވިސްނޭ ކުއްޖެއްކަމަށް އައްމާރު ގަބޫލުކުރެއެވެ. ކާއިއާ ކިތަންމެ ވަރަކަށް ބޮޑާ ދައްކާފައި ޝަރުތުކުރިޔަސް އައްމާރު ކިޔަމަންވަނީއެއް ނޫނެވެ. އަމިއްލަ ނަފުސަށް ގެއްލުމެއް ދީފާނެތީ ނޭންގީއެވެ. ނުވިސްނޭ މޮޔަކުއްޖަކީ ކާއިއާއެވެ. އަމިއްލައަށް މަރުވާން އުޅުނީވެސް އެކުއްޖާއެވެ. އޭނަގެ ސަބަބުން އެއްވެސް އިންސާނަކަށް ދެރަގޮތެއްވާކަށް އޭނަ ނޭދެއެވެ.

އައްމާރުއާއި ކާއިއާގެ އެންގޭޖްމެންޓަށްޓަކާ ގޭތެރެ ހަލަބޮލިވެފައިވާއިރު ބޯވިލާތައް ނަގަމުންގޮސް އުޑުމަތި ބައްދާލާފާވެއެވެ. ތޫފާނީ ރެއަކަށް ވެދާނެކަމުގެ އިންޒާރު ދެނީ ބާރު ވައިރޯޅިތަކާއި ދޭތެރެ ކައިރިކޮށް ގުގުރާތީއެވެ. އެއަށްވުރެ ބިރުގަތީ އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެންނެވެ.

"މިރޭ ވާން މިއުޅެނީ ވަރަށް ސުންޕާ ރެއަކަށް. އަހަރެންގެ ހިތަށް ބިރުވެރިކަން ވަންނަންވީ ކީއްވެތަ؟ އަހަންނަކީ ޑޮކްޓަރެއް، ކުރިން ކަންތަކާ ޕެނިކީވާ މީހެއްވެސް ނޫން. އަދި ސުޕަސްޓިޝަސް މީހެއްވެސް ނޫން، އެކަމަކު އިމީ އާއި ކައިގެ އެންގޭޖްމެންޓް ރޭގައި މިހާ ވިއްސާރަވެފައި ބިންހެލުމެއް އައުމަކީ ހެޔޮފާލެއް ނޫނޭ ހިތް ބުނަނީ ކީއްވެ؟ މެޓާރނަލ އިންސްޓިންކްޓްގެ ސަބަބުން ފާޑުފާޑުގެ ވަހުމާއި ޝައްކުތައް ހިތަށް ވަންނަނީތަ؟ ނުބަޔެއް ވާން އުޅެއޭ މި ހިތް ހަމަ ބުނަނީ. އެހެނެއް ނުވާނެ، އިރާދަކުރެއްވިއްޔާ އެދެކުދިންގެ ކައިވެނި ބާއްޖަވެރިވާނެ، ކިހާ ގުޅޭ ޖޯޑެއް، މަގޭ ކިޔަންއެކޭ އިމީ އެކޭ ތަފާތެއްނެތް. އެކުއްޖާދެކެ ވަރަކަށް ލޯބިވެވިއްޖެ، ހުރި އެންމެ އަންހެންދަރީގެ ފިރިމީހާވެސް ވާނީ ހަމަ ދަރިއަކަށްނު........" ޝުވޭކާރު ލޮލުގައި އަނދުން އަޅަން ހުރިއިރު އިރުއިރުކޮޅާ ބެލްކަނީގެ ދޮރުގެ ފަރުދާތައް ވަޔާއި ތަޅަމުންދާ މަންޒަރަށް ބަލައިލެވެއެވެ.

ކުއްލިއަކަށް ބާރުއަޑަކާއިއެކު އެންމެންގެ ހަޅޭކުގެ އަޑު އިވުމުން ޝުވޭކާރުގެ ހަށިގަނޑުން ހީބިހިނަގައިގެންގޮސް ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލިއެވެ.

"މަގޭ ދަރިން ރައްކާތެރިކުރައްވާށި....." ޝުވޭކާރު ވިދުވަރެއްހާ ހަލުވިކޮށް އެއަޑުއައި ދިމާލަށް ދުއްވައިގަތްއިރު މީހުން އެއްދިމާލަކަށް ބޮނޑިވެފައިވާތަން ފެނުނެވެ.

(ނުނިމޭ)

comment ކޮމެންޓް