ޖިންސީ "ސަމާސާ" އިން ދިރިއުޅުން އަނދަވަޅަކަށް!

އައިޝަތު ރިޔާޝާ،21، ފެނުމާ އެކު އޮފީހުގައި މަސައްކަތް ކުރާ ނުވަތަ އެކުގައި ކިޔަވަންއުޅޭ ނުވަތަ ރައްޓެހިންގެތެރެ އިން ބައެއް ފިރިހެންވެރިން ކޮންމެވެސް ޖިންސީ ވާހަކައެއް ބުނެލާނެ އެވެ. ނޫނީ ޝަހުވާނީ ވައްތަރަކަށް އޭނާ އާ ދިމާލަށް ބަލާނެ އެވެ. އޮފީހުގެ ވެރިން ފެށިގެން އެކުގައި މަސައްކަތް ކުރާ މުވައްޒިފުންގެ ހާލަކީ ވެސް އެއީ އެވެ. ރަހުމަތްތެރިކަން އުފެދުނު ހިސާބުން މިއަދާ ހަމައަށް ހާލަކީއެއީ އެވެ.

"ހަމަ ފެންނައިރަށް ބުނެދާނެ މިވެނި ގުނަވަނެއް ތިހިރީ މިހެނެއްނޭ، ނޫނީ އެކިއެކި ނުބައި އެއްޖިސް [ޖިންސީ ވާހަކަ] ދައްކަފާނެ. ލަދުން ވެސް ހަލާކުވާވަރުވޭ." ރިޔާޝާ ބުންޏެވެ.

ކޮންމެ އަންހެން ކުއްޖަކު ވެސް ސަމާލުކަން ބޭނުންވާނެ އެވެ. އަދި އެއީ ރީތި މީހެއް ކަމަށް އެމީހުން ބުނުމަށް ވެސް ބޭނުންވާނެ އެވެ. ނަމަވެސް އެކަން ހައްދު ފަހަނަ އެޅުމުން އޭގެ ނަތީޖާ ވަރަށް ވެސް ހިއްޗެވެ. އެފަދަ އަމަލުތަކަކަށް ފުރަތަމަ އޭނާ މާކަ ބޮޑަކަށް އަޅައެއްނުލަ އެވެ. ނަމަވެސް ފަހުން ފަހުން އެކަންކަން ބޮޑުވަމުންގޮސް ކަންކަމަށް ސަމާލުކަން ދިނުމަށާއި އުފާވެރިކޮށް ދިރިއުޅުމަށް އުނދަގޫވާ ވަރަށް މިވަނީ ގޮސްފަ އެވެ. އާއެކެވެ. މީހާގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރުމިވަނީ ކޮށްފަ އެވެ.

މިއީ މިމުޖުތަމައުގައި އާކަމެއް ނޫނެވެ. އޮފީސް މާހަލައުގައި ޖިންސީ ޝިކާރައަކަށް ވެފައިވާ އެތައް ޖިންސުއްލަތީފުންނެއް އެބަތިއްބެވެ. ހަމައެއާ އެކު ކިޔަވަންދާ މަރުކަޒުތަކާއި އެކުގައި އުޅޭ ރައްޓިހިންގެ ފަރާތުން ދިމާވާ މިފަދަ މައްސަލަތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ތަހައްމަލްކުރަމުންދާ އެތައް ކުދިންނެއް އެބަތިއްބެވެ. ސަމާސާއެއްގެ ގޮތުގައި ދައްކަންފަށާ ޖިންސީ އެކިއެކި ވާހަކަ ތަކުގެ ސަބަބުން އެކަންކަން ގޯހުންގޯހަށް ގޮސް އެތައް ބަޔަކު އެވަނީ އޭގެ ތެރޭގައި ބަނދެވިފަ އެވެ.

ދިރިއުޅުން މަތިން ފޫހިކޮށްލާ

ނަފްސާނީ އިލްމުވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި ޖިންސީ މިފަދަ ދިމާކުރުންތަކުގެ ނޭދެވޭ އަސަރުކޮށްފައިވާ ފަރާތްތަކަށް އެމީހުންގެ ދިރިއުޅުމުގައި އުފަލެއް ނުލިބެ އެވެ. ހަމައެއާ އެކު މީހުން އެއްވާ ތަންތަނަށް ދިއުމާއި އޮފީސް ނުވަތަ ރައްޓިހިން ބާއްވާ ކަންކަމުގައި ބައިވެރިވުމަށް ޖެހިލުންވާނެ އެވެ. ހަމައެއާ އެކު ކެއުމާ ދުރުވުމާއި ދިރިއުޅުމުގައި އުންމީދު ނުކުރުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.

އެފަދަ މައްސަލަތަކުގެ ސަބަބުން ދިރިއުޅެން ދިމާވެފައިވާ ފަރާތްތަކަށް އެއް ވަޒީފާއެއްގައި ގިނަ ދުވަހެއްގައެއް ނޫޅެވެ އެވެ. އެފަދަ ގޯނާތަކުގެ ސަބަބުން ވަޒީފާ އަށް ދިއުމަށް ނުވަތަ ކިޔަވަން ދިއުމަށް ވެސް ބޭނުންނުވެ އެވެ. އަބަދު ވެސް ހީވަނީ އެންމެންގެ ފަރާތުން ވެސް އެގޯނާއާ ކުރިމަތިވެދާނެ ކަމަށެވެ.

އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ޓެކްނިކަލް ޑިރެކްޓާ އަދި ނަފްސާނީ ބަލިތަކަށް ތެރަޕީ ދެއްވާ ފާތިމަތު ސައުދާ ވިދާޅުވާ ގޮތުގައި އެފަދަ މައްސަލަތަކުގެ ސަބަބުން ޝައްކުބަލީގެ ޝިކާރައަކަށް އެކުދިން ވެގެންދެ އެވެ. ގާތް މީހުންނާ ދޭތެރޭ ވެސް އެނަޒަރުން ބެލެން ފެށެ އެވެ.

"އެހާހިސާބުން މީހާގެ ސޯޝަލް ލައިފް ދާނެ، އަދި ބައެއް ފަރާތްތަކަށް މިއީ ވަރަށް ބޮޑުކަމަކަށް ވެދާނެ، އެހިސާބުން މީހާދާނެ ޑިޕްރެޝަން ސައިކަލް ތެރެއަށް." ސައުދާ ވިދާޅުވި އެވެ.

ޖިންސީ ފުރައްސާރައިގެ ޝިކާރައިގައިވާ ފަރާތްތަކަށް ނަފްސާނީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި އިންތިހާއަށް ރުޅިގަދަވުމާއި މީހާ ފިކުރުބޮޑުވެ ގޮތްހުސްވުމުގެ ތެރެއަށް ވައްޓާލުމާއި ކުދިކުދި ކަންތައްތަކާ ހާސްވުމާއި އެކަން ބައްޔަކަށް ބަދަލުވެ އެންޒައިޓީ އަށް ބަދަލުވެ އެވެ. ފިކުރުކުރުން ބައްޔަކަށް ބަދަލުވަނީ އެކަމުގައި ހޭދަވާ ވަގުތު އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ.

"މިގޮތަށް އޯވާ ތިންކިންވީމާ [މާ ބޮޑަށް ފިކުރު ބޮޑުވީމާ] އެމީހާ ލައިފުގައި ފަންގްޝަން [ހަރަކާތް] ވާން ޖެހޭ ގޮތަކަށް ނުވެވޭނެ، އޭގެ ސަބަބުން ނިދުމަށް އަސަރުކުރާނެ، އެޕަޓައިޓަށް އަސަރުކުރާނެ، އެމީހުންގެ މުސްތަގުބަލަށް އެބަ އަސަރުކުރޭ." ސައުދާ ވިދާޅުވި އެވެ.

އަވަހަށް ސިއްހީ ފަރުވާ ހޯދާ

ފުރަތަމަ ކަމަކަށް މިއީ ތިމާއަށް ކުރިމަތިވެފައިވާ މައްސަލައެއް ކަން ނުވަތަ ބައްޔެއްކަން ގަބޫލްކުރާށެވެ. ބޭސް ނުކައި މައްސަލަ ހައްލުކުރަން މަސައްކަތް ކުރާށެވެ. ކައުންސިލިންދޭ މީހެއްގެ ހައިސިއްޔަތު ސައުދާ ފުރަތަމަ ބަލަން ބޭނުން ވަނީ އެކަން ދިމާވެފައިވާ ގޮތެވެ. ސެލްފް ޑިފެންސް ވަރުގަދަ ކުރަންވީތޯ ނުވަތަ "ނެގަޓިވް ޓޯޓްސް" އިން ސަލާމަތްވުމަށްތޯ ސަމާލުކަންދޭންވީތޯ އެވެ. އެގޮތުން އެކަމެއް ދިމާވެފައިވާ ފަރާތެއްގެ ހާލަތު ބަލައި ފިޔަވަޅުއެޅުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދާ ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެންމެ ރަނގަޅު ނަފްސާނީ ފަރުވާއަކީ ކޮގްނަޓިވް ބިހޭވިއާ ތެރަޕީ އެވެ. އެތެރަޕީގެ ބޭނުންކޮށްގެން މީހާ ކަމަކާ މެދު ވިސްނާ ވިސްނުން ބަދަލުކޮށްލާނެ އެވެ. ހަމައެހެންމެ ވިސްނުން ބަދަލު ކުރަމުންދާވަރަކަށް މީހާ ފިޔަވަޅުއަޅާނީ ކިހިނެއްތޯ ކިޔައިދޭނެ އެވެ. ހަމައެއާ އެކު އެވަގުތެއްގައި ނަގަން އެންމެ ރަނގަޅު ފިޔަވަޅެއް އެޅުމަށް ދަސްކޮށްދެ އެވެ.

ގާނޫނީ ގޮތުން ވެސް ބޮޑުކުށެއް

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަކީ، ވަޒީފާ އަދާކުރާ ‏‏ތަންތަނާއި ތަޢުލީމުދޭ ތަންތަނާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި މިނޫން ވެސް އިޖްތިމާޢީ ‏‏ޚިދުމަތްދޭ އެހެނިހެން ތަންތަނުގައި ދިމާވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލުތައް ‏‏ހުއްޓުވުމަށް ބާރު އަޅާފައިވާ ގާނޫނެކެވެ. އެގާނޫނު ބުނާ ގޮތުން ދައްކާ ޖިންސީ ވާހަކައަކުން ނުވަތަ ލިޔާލިޔުމަކުން ނުވަތަ ކުރާއިޝާރާތަކުން ނުވަތަ ބަލާބެލުމަކުން ވެސް ގޯނާއެއް ކަމަށްބެލެ އެވެ.

އެފަދަ ގޯނާތައް ކުރިމަތިވާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް އެފަދަ އިދާރާތަކުގައި ކޮމެޓީއެއް އެކުލަވާލާފައި އޮންނަންޖެހެ އެވެ. އެ ޝަކުވާތައް ބެލުމަށް ފަހު ޖިންސީ ގޯނާކުރި ފަރާތަށް ނަސޭހަތް ދިނުމާއި ސަސްޕެންޑު ކުރުމުގެ އިތުރުން ވަޒީފާ އިން ވަކިކުރުމުގެ ބާރު ވެސް ކޮމެޓީ އަށް ލިބިގެންވެ އެވެ.

އެފަދަ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ފުލުހުންނަށް ނުވަތަ ޖެންޑާ އަށް ހުށައެޅުމުން ވެސް އެފަރާތްތަކުން ވެސް އެމައްސަލަތައް ބަލައި ކުށްވެރިވާ ފަރާތްތަކާ މެދުފިޔަވަޅު އަޅާނެެ އެވެ.

ސަމާސާއަކަށްވެ މިއަދު މުޖުތަމައުގައި އާންމުވެފައިމިވާ މައްސަލައަކީ ބައެއް މީހުންނަށް މާކަބޮޑު ކަމަކަށްނުވެދާނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މީގެ ނޭދެވޭ އަސަރު އެތައް ބަޔަކަށް އެބަކުރެ އެވެ. ހާއްސަކޮށް އެތައް ޖިންސުންލަތީފުންނެއް އަނދަވަޅުތަކަކަށް އެބަވައްޓާލަ އެވެ.

----------------------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން އަށް ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.

comment ކޮމެންޓް