މިނިވަންކަމާއި މިނިވަންކަން ރައްކާތެރިކުރުމުގެ ސުވާލު

27، ނޮވެމްބަރ 2015: އެމްޑީޕީ އިސްނަގައިގެން "މިންޖުވާން" ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ސަން ފައިލްފޮޓޯ

އިންސާނާއަށް ޓަކައި، މިނިވަންކަމަކީ ތަބީއީ ކަމެކެވެ. ފިތުރީ ކަމެކެވެ. އަޅުވެތިކަމަށް ނުރުހުންތެރި ވެ ނަފްރަތު ކުރުމާއި، އަޅުވެތިކަމުގެ ކަސްތޮޅުތައް ދެކެ ބިރު ގަތުމަކީ އިންސާނީ ސިފައެކެވެ. ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި، މިނިވަންކަމުގެ ގާނޫނަކީ އިންސާނީ ނަސްލަށް ޓަކައި މާތްރަސްކަލާނގެ އެންމެ ފުރަތަމަ ކަނޑައެޅުއްވި ފިތުރީ އަދި އިލާހީ އެއް ގާނޫނެވެ. އާދަމްގެފާނާއި ޙައްވާގެފާނު ޚަލްގު ކުރައްވައި، ބަގީޗާގެ ތެރޭގައި ލެއްވުމަށް ފަހު، އެ ދެކަނބަލުންނަށް އެކަލާނގެ އެންމެ ފުރަތަމަ ދެއްވި އެއް ނިއުމަތަކީ މިނިވަންކަމުގެ ނިއުމަތެވެ. ޚާއްސަ ކުރެވުނު ވަކި ގަހެއް ފިޔަވައި، ބަގީޗާގެ އެހެން ކޮންމެ ގަހަކުން ފަރީކުޅުއްވައި، ބަގީޗާގެ ތެރޭގައި ހާއުފާވެރިކަމާ އެކު އުޅުއްވުމުގެ ފުރިހަމަ މިނިވަންކަމެވެ.

އެއް ނަޒަރަކުން ބަލާ ނަމަ، މިނިވަންކަމުގެ މައިގަނޑު ދެ ވައްތަރެއް ވާ ކަމަށް ބުނެވިދާނެއެވެ. އެއް ވައްތަރަކީ ކޮންމެ އިންސާނީ ފަރުދަކަށް ތަބީއީ ގޮތުން ހައްގު ވެގެން ވާ ފަރުދީ މިނިވަންކަމެވެ. ދެވަނަ ވައްތަރަކީ ގައުމަކަށް ނުވަތަ ދައުލަތަކަށް، ސިޔާދަތުގެ އަސާސުގެ މަތީގައި ލިބިގެން ދާ މިނިވަންކަމެވެ. ފަރުދީ މިނިވަންކަމަށް ހުއްރިއްޔަތު މި ލަފުޒު ވެސް ބޭނުން ކުރެވެއެވެ. ގައުމީ ނުވަތަ ދައުލީ މިނިވަންކަމަށް ނިސްބަތް ކޮށް ބޭނުން ކުރެވޭ އެހެން ލަފުޒުތަކުގެ ތެރޭގައި އިސްތިގުލާލު، ހުއްރިއްޔަތު، އަދި އާޒާދީ ފަދަ ލަފުޒުތައް ހިމެނެއެވެ.

ފަރުދީ މިނިވަންކަން

ފަރުދީ މިނިވަންކަމަކީ ތިމާގެ ހިތަށް އައިހައި ބަހެއް ބުނެ އިއްވައި، ތިމާގެ ހިތަށް އެރިހައި ކަމެއް ކޮށް، ތިމާގެ ހަވާނަފުސުގެ ކޮންމެ ގޮވައިލުމަކާއިގެން އާސްމާނަށް އަރައި އުދުހިގެން ދިޔުން ކަމަށް ދެކޭ މީހުން މިއަދު ވަރަށް ގިނައެވެ. މި ފިކުރު ދަނީ ދުނިޔޭގައި ނުހަނު ބާރަށް ފެތުރެމުން ވެސް މެއެވެ. ނަމަވެސް މިއީ ކުށް ވިސްނުމެކެވެ. މިނިވަންކަމަކީ އިންސާނީ އަގުތަކާއި ހަމަތައް ބޮލާލައި ޖަހައިފައި، ރާމާ މަކުނުގެ މަގަށް އިންސާނާ ވެއްޓިގަތުމެއް ނޫނެވެ. މިނިވަންކަމަކީ ތިމާ އިހުތިރާމު ކުރާ އަދި ތަބައަ ވާ އިންސާނީ އުސޫލުތަކެއް، އަޚްލާގެއް، ހަމައެއް ނަމައެއް ނެތުމެއް ނޫނެވެ.

މިނިވަންކަމުގެ ހަގީގީ ހުދޫދުތައް ފުނޑުފުނޑު ކުރަމުން، މިނިވަންކަމުގެ ދާއިރާ ކަނޑައަޅައިދޭ ތަބީއީ އަދި ފިތުރީ ގާނޫނުގެ އިންތައް ކޮއްޕައި ގަޅުވައި އެ ދާއިރާ ފުޅާ ކުރަމުން ދާ މުޖުތަމައުތަކުގައި ވެސް، އެތައް މުފައްކިރުންނެއް ވަނީ ހަގީގީ މިނިވަންކަމާއި، ހަމަނެތުމާ މިއީ ދޭއްޗެއް ކަމުގެ ބަސް އިއްވަވައިފައެވެ. އިނގިރޭސި ވިލާތުގެ މަޝްހޫރު އިލްމީ ބޭފުޅެއް ކަމަށް ވާ ޖޯން ޑެލްބަރގް އެކްޓަން ވިދާޅުވެފައި ވެއެވެ. "މިނިވަންކަން ނުވަތަ ހުއްރިއްޔަތަކީ ތިމާ ގަޔާވާ ހައި ކަމެއް ކުރުމުގެ ބާރު އޮތުމެއް ނޫނެވެ. މިނިވަންކަމަކީ ހެޔޮ ގޮތް މަތީން އަދި ހެޔޮކަމުގެ މަގުގައި ތިމާގެ މައްޗަށް ވާޖިބު ވެ ލާޒިމު ވެގެން ވާ ކަންކަން ކުރުމުގެ އަމިއްލަ އިޚްތިޔާރު ތިމާޔަށް ލިބި ކަށަވަރު ވެފައި އޮތުމެވެ."

އިސްލާމީ ސިޔާގެއްގައި މި މަފްހޫމު އިތުރަށް ފުރިހަމަ ވެގެން ދެއެވެ. އިސްލާމް ދީނުގެ މަތިވެރި ފިކުރުގައި، ފަރުދީ މިނިވަންކަމަކީ ހަވާނަފުސާއި، ޝައިތާނިއްޔަތާއި، ފިސްގާއި، ފަސާދަ އާއި، އަނިޔާވެރިކަމުގެ އެންމެހައި ބާރުތަކުގެ އަޅުވެތިކަމުން އިންސާނާ ސަލާމަތް ވުމެވެ. އިންސާނާގެ ހެޔޮ ބުއްދި އާއި ހެޔޮ ވިސްނުމުގެ އެހީގައި ދިރިއުޅުން ބައްޓަން ކޮށް ބިނާ ކުރުމުގައި ފުރިހަމަ އަމިއްލަ އިޚްތިޔާރު އޭނާއަށް ލިބޭ ލިބުމެވެ. ތިމާ އުޅޭނެ ދީނެއް ކަނޑައެޅުމުގެ ސުވާލުން ފެށިގެން ގޮސް ދިރިއުޅުމުގެ އެންމެ ކުދިކުދި ކަންކަމާ ހަމަޔަށް، އެހެން އެއްވެސް އިންސާނެއްގެ ނުވަތަ އިންސާނީ ޖަމާއަތެއްގެ ފަރާތުން އަންނަ މަޖުބޫރީއެއް ނެތި، އަމިއްލަ ބުއްދި އާއި ޒަމީރުގެ ނިންމުމަށް ހެޔޮ ގޮތުގައި، އިންސާނީ ކަރާމާތާއި ހުރުމަތާއި ޝަރާފަތާ އެކު، ތަބައަ ވުމުގައި ފުރިހަމަ އަމިއްލަ އިޚްތިޔާރު ތިމާއަށް ލިބިފައި އޮތުމެވެ. ތިމާގެ އަމިއްލަ ބުއްދި އާއި ޒަމީރުގެ ހެޔޮ ނިޔާގެ އަލީގައި، އިންސާނީ އަގުތަކާއި އަޚްލާގުގެ މަގުގައި ތިމާގެ ދިރިއުޅުން ބިނާ ކުރުމުގެ ހުއްރިއްޔަތު ތިމާޔަށް އޮތުމެވެ. އެކަމުގައި ތިމާގެ މައްޗަށް އެހެން އިންސާނެއްގެ ފަރާތުން މަޖުބޫރާއި ބިރު ދެއްކުމާއި ނާޖާއިޒު ނުފޫޒު ކުރިމަތި ނުވުމެވެ.

އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަރސަން ވިދާޅުވެފައި ވެއެވެ. "އަހަރެމެން އިންސާނުންނަށް އެންމެ މަތިވެރި ދަރަޖައިގެ ހިތްހަމަޖެހުމާއި ހަގީގީ އުފާ ލިބުން ބިނާ ވެގެން ވަނީ ހެޔޮ ނަސީބުގެ ނަތީޖާއެއްގެ ގޮތުން އަހަރެމެންނަށް މާއްދީ ފަސޭހަތަކާއި މަންފާތައް ތަނަވަސް ވެފައި ހުންނަ ހުރުމުގެ މައްޗަކަށެއް ނޫނެވެ. އަދި ކީއް ހެއްޔެވެ! ހަގީގީ ހިތްހަމަޖެހުމާ އުފަލުގެ ސިއްރަކީ އަދި ސަބަބަކީ ސާފުތާހިރު އަދި ހެޔޮ ޒަމީރަކާއި، ފުރިހަމަ ސިއްހަތާއި، އީމާންދާރީ އާ އެކު ހެޔޮ ގޮތުގައި ކުރާ މަސައްކަތާއި، އަދުލުވެރި އަދި ހެޔޮ އެންމެހައި ކަންކަން ކުރުމުގެ ހުއްރިއްޔަތާއި މިނިވަންކަން ލިބި ކަށަވަރު ވެފައި އޮންނަ އޮތުމެވެ."

ހަގީގަތް ވަރަށް ސާފެވެ. ބަޔަކު ގަބޫލު ނުކުރިޔަސް މިނިވަންކަމާއި، ހަމައެއް ނަމައެއް ނެތި ހަވާނަފުސުގެ މަގުން ހިނގައި ތިމާ ހިތަށް އެރިހައި ކަމެއް ކުރުމުގެ ދޮރު ހުޅުވިފައި ހުރުން، މިއީ މުޅީން ތަފާތު ދޭއްޗެކެވެ.

ގައުމީ އިސްތިގުލާލް

ދެން އޮތީ ދައުލަތްތަކުގެ މިނިވަންކަން، ނުވަތަ ގައުމީ އިސްތިގުލާލުގެ ވާހަކައެވެ.

އަޅުގަނޑުގެ ނަޒަރުގައި، ގައުމީ އިސްތިގުލާލުގެ އަސާސީ ފަސް އުންސުރެއް ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ހަތަރު އުންސުރަކީ ފިކުރީ މިނިވަންކަމާއި، ސަގާފީ މިނިވަންކަމާއި، އިގުތިސާދީ މިނިވަންކަމާއި، ސިޔާސީ މިނިވަންކަމެވެ. ފަސްވަނަ އުންސުރަކީ ގައުމުގެ ރައްޔިތުންނަށް މިނިވަންކަމުގެ މޭވާ ފުރިހަމަ މާނައިގައި ލިބިފައި ވުމެވެ.

ގައުމީ އިސްތިގުލާލުގެ ފުރަތަމަ އުންސުރަކީ، އަދި ގައުމީ އިސްތިގުލާލުގެ މައި ދޮރޯށްޓަކީ ފިކުރީ މިނިވަންކަމެވެ. ފިކުރީ މިނިވަންކަން ފެށެނީ އަދި ފުރިހަމަ ވަނީ އަފްރާދުންނާ ހަމައިންނެވެ. ގައުމެއްގެ ފަރުދުންގެ ފިކުރު މިނިވަން ނުވެ، އެ ގައުމު ފިކުރީ ގޮތުން މިނިވަނެއް ނުވާނެއެވެ. ގައުމު ފިކުރީ ގޮތުން މިނިވަން ނުވެ، އެހެން އެއްވެސް ގޮތަކުން މިނިވަނެއް ނުވާނެއެވެ. ގައުމީ ސިޔާގެއްގައި، ފިކުރީ މިނިވަންކަމަކީ ގައުމުގެ ރައްޔިތުން އެބައިމީހުންގެ ހެޔޮ ބުއްދި އާއި ސާފު ޒަމީރުގެ ބުންޔާދުގެ މަތީގައި ތިބޭ ހާލު ގަބޫލު ކުރާ އަގީދާތަކާއި ފަލްސަފާތަކަށް، ގައުމުގެ އިޖުތިމާއީ ހަޔާތުގެ ހުރިހާ ކަމެއްގައި ވެސް އެކަށޭނަ މަގާމެއް އޮތުމެވެ. ގައުމުގެ ސިޔާސީ ނިޒާމާއި، އިގުތިސާދީ ނިޒާމާއި، ތައުލީމީ ނިޒާމާއި، ފަންނުވެރިކަމާއި، އަދަބިއްޔާތާއި، މީޑިޔާ ފަދަ އެންމެހައި ދާއިރާތައް، މި ދެންނެވި އަގީދާތަކާއި ފަލްސަފާތަކުގެ މައްޗަށް ބިނާ ކުރެވިފައި އޮތުމެވެ.

ގައުމެއްގައި ފިކުރީ މިނިވަންކަމުގެ ގަސް ހެދި ފޯދިއްޖެ ނަމަ، އެ ގަހުގައި އަޅާނީ ސަގާފީ މިނިވަންކަމުގެ މޭވާއެވެ. ސަގާފީ މިނިވަންކަމަކީ އެ މުޖުތަމައެއްގެ ފިކުރާއި ފަލްސަފާގެ ތެރެއިން އުފެދިގެން އަންނަ، އެ ގައުމެއްގެ އަމިއްލަ އާދަކާދަތަކާއި އުރުފާއި އިޖުތިމާއީ ޝަޚްސިއްޔަތުގެ ސިފަތަކަށް، އެ ގައުމެއްގައި އޮންނާން ޖެހޭ މަގާމު އޮތުމެވެ. ދީނާއި ބަސް ފަދަ މުހިއްމު އަސާސްތަކުން ފެށިގެން ގޮސް، އަދަބިއްޔާތާއި، ފަންނުތަކާއި، އަތްތެރި މަސައްކަތާއި، ކެއިންބުއިމާއި، ހެދުން އެޅުމުގެ ވައްޓަފާޅި ފަދަ ކަންކަމާ ހަމަޔަށް، މިއީ ސަގާފަތެވެ. މި ކަންކަމުގައި ތިމާމެންގެ ކާބަފައިންގެ ފުށުން އައި ހެޔޮ އަދި ރިވެތި ގޮތްތައް ދަމަހައްޓައި، ބިދޭސީ ދަޅަތަކަށް ނުހެއްލި، ތިމާމެން ތިމާމެންގެ ގޮތުގައި ތިބުމަކީ ސަގާފީ މިނިވަންކަމެވެ.

ދެން އޮތީ އިގުތިސާދީ މިނިވަންކަމެވެ. އިގުތިސާދީ މިނިވަންކަމަކީ އިގުތިސާދީ ޒަރޫރަތްތަކާއި، ހާޖަތްތަކާއި، ތަހްސީނީ ބޭނުންތައް ފުއްދުމަށް ޓަކައި އެހެން ގައުމުތަކަށް ބަރޯސާ ވެ ރޭރު ވާ ބައެއްގެ ގޮތުގައި ތިބުމުގެ ބަދަލުގައި، މި ކަންކަމުގައި އަމިއްލަ ފައިމައްޗަށް ތެދު ވެތިބި ބަޔަކަށް ވުމެވެ. ދުނިޔޭގެ އެއްވެސް ގައުމަކީ އެ ގައުމެއްގެ ހުރިހާ އިގުތިސާދީ ބޭނުންތަކެއް އަމިއްލައަށް ފުއްދޭ ފަދަ ގައުމެއް ނޫނެވެ. ގައުމުތަކުގެ މެދުގައި ވިޔަފާރި އާއި މާލީ މުއާމަލާތްތައް ކުރެވެމުން ދިޔުމަކީ ތަބީއީ ގާނޫނެވެ. މި ގާނޫނުން އެއްވެސް ބަޔަކު އިސްތިސްނާއެއް ނުވެއެވެ. ނަމަވެސް އެހެން ގައުމުތަކަށް ރޭރު ވާ ދަރަޖަޔަށް ވެއްޓުމަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ނެތިދިޔުމެވެ. އަމިއްލަ އަތްފައިން ކުރާ މަސައްކަތުން، އުފައްދާ އެއްޗަކުން ބަނޑުފުރާނަ މުއްތި ނުކުރެވޭ، ލަނގޮޓި ނުމެރޭ، ބޯހިޔާވަހިކަން ނުހޯދޭ މީހެއް ނަމަ އުޅެނީ ސަލާން ޖަހާ މީހެއްގެ ގޮތުގައެވެ. ވީއިރު، އެފަދަ ގައުމެއް ވާނީ ކޮންފަދަ ގައުމަކަށް ތޯއެވެ؟

ގައުމަކަށް ފިކުރީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އިގުތިސާދީ ގޮތުން، މިނިވަންކަން ލިބިއްޖެ ނަމަ، ސިޔާސީ ގޮތުން މިނިވަންކަން ލިބުމުގެ ހުރިހާ ދޮރުތަކެއް ހުންނާނީ ހުޅުވިފައެވެ. ހަގީގަތުގައި، ސިޔާސީ މިނިވަންކަން އިސްތިހާގު ވެގެން ވަނީ މި ދެންނެވި ތިން ބާވަތުގެ މިނިވަންކަން ލިބިގެން ވާ ގައުމުތަކާއި މީހުންނަށެވެ.

ސިޔާސީ މިނިވަންކަމަކީ، ދައުލަތުގެ ސިޔާދަތު ކަށަވަރު ވެގެން ވާ ހާލު، އެ ދައުލަތެއްގެ ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ނަންމަތީގައި، ރައްޔިތުންގެ އަގީދާތަކާއި ރައްޔިތުން ގަބޫލު ކުރާ ފަލްސަފާތަކާއި އަގުތަކާ އެއްގޮތަށް، ދައުލަތުގެ ދާޚިލީ އެންމެހައި ކަންކަން ހިންގުމާއި، އެ ދައުލަތެއްގެ ޚާރިޖީ އެންމެހައި ގުޅުންތަކާއި މުއާމަލާތުތައް ވެސް މި ދެންނެވި ބީދައިން ކުރިޔަށް ގެންދިޔުމުގެ ފުރިހަމަ ބާރާއި އިޚްތިޔާރު، ފުރިހަމަ މާނައިގައި، އެ ދައުލަތަކަށް ލިބިފައި އޮތުމެވެ. އަދި މި ކަންކަމުގައި ބިދޭސީ އެއްވެސް ފަރާތެއް ނުވަތަ އެހެން ދައުލަތެއްގެ އަމުރާއި ކިޔަމަނުގެ ދަށުގައި ނުވަތަ ސިޔާދަތީ އަދި ޤާނޫނީ އިޚްތިޞާޞުގެ ދަށުގައި އެއްވެސް ސިފައެއްގައި، އެއްވެސް މިންވަރަކަށް އެ ދައުލަތް ނެތުމެވެ.

ގައުމީ އިސްތިގުލާލު ފުރިހަމަ ވާނީ މި ހަތަރު ބައި ވެސް ފުރިހަމަ ވެގެންނެވެ. މި ހަތަރު އުންސުރުގެ ތެރެއިން އެއްވެސް އުންސުރެއް ނެތި ހިނގައްޖެ ނަމަ، ގައުމީ އިސްތިގުލާލު ގެއްލުނީއެވެ.

ހަމަ އެހެންމެ، އިސް ވެ ދެންނެވި ހަތަރު އުންސުރު ފުރިހަމަ ވުމަކުން، އަދި ގައުމީ އިސްތިގުލާލު ފުރިހަމަ ވީ ކަމަކަށް ވެސް ނުބެލެވޭނެއެވެ. ގައުމީ އިސްތިގުލާލު ފުރިހަމަ ވަނީ، ގައުމުގެ ރައްޔިތުންނަށް ފުރިހަމަ މާނައިގައި މިނިވަންކަމުގެ މޭވާ ލިބި، އިޖުތިމާއީ އަދާލަތާއި އިގުތިސާދީ އެ ތަނެއްގައި ގާއިމު ކުރެވިފައި އޮތުމެވެ. ރައްޔިތުންނަކީ ހެޔޮގޮތުގައި ދެވޭ، އަދި ހެޔޮގޮތުގައި ލިބިގަނެވޭ މިނިވަންކަމެއްގެ ހިޔަލުގައި، ހުއްރިއްޔަތާ އެކު ދިރިއުޅޭ ރައްޔިތުންތަކަކަށް ވެގެންނެވެ. ނުބައި ބާރުތަކުގެ އަޅުވެތިކަމުން ރައްޔިތުން މިނިވަން ވެގެންނެވެ. ރައްޔިތުންނަކީ ފަރުދީ ފެންވަރުގައި، ފިކުރީ މިނިވަންކަމާއި، ސަގާފީ މިނިވަންކަމާއި، އިގުތިސާދީ މިނިވަންކަމާއި، ސިޔާސީ މިނިވަންކަން ލިބިގެން ވާ ބަޔަކަށް ވެގެންނެވެ. އެހެނީ، ޖަލެއްގެ ތެރޭގައި އުޅޭ ބަޔަކީ، އެ ޖަލުގެ ކަންކަން ހިންގާނެ ގޮތް ޖަލުގެ އިސް މީހަކަށް ހުންނަ ޖޭލަރަށް ބުނެދީ އޭނާގެ މައްޗަށް އަމުރު ހިންގާނެ ބަޔަކު ބޭރުން ނައެއް ކަމަކު، މިނިވަން ބަޔަކަށެއް ނުވާނެއެވެ.

ވިސްނާން ޖެހޭ ކަންތައްތައް

އަޅުގަނޑުމެންގެ ފަރުދީ މިނިވަންކަމާއި ގައުމީ އިސްތިގުލާލާ ގުޅިގެން އުފެދިފައި ވާ މައްސަލަ އަކީ، އަޅުގަނޑުގެ ނަޒަރުގައި، މި ވަގުތު ދިވެހި ކޮންމެ މުވާތިނަކު ވެސް ވިސްނައި ފިކުރު ކުރާން ޖެހިފައި އޮތް އެންމެ ޚުތޫރަތްތެރި އެއް މައްސަލައެވެ. މި މައްސަލަޔަށް ދޭން ވާ އަހައްމިއްޔަތު ނުދެވިއްޖެ ނަމަ، އަދި މި މައްސަލަތަކާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތައް ހަލި ގޮތެއްގައި ނޭޅިއްޖެ ނަމަ، މިނިވަން ދިވެހިރާއްޖެއެއް މާދަމާޔަކު ނޯންނާނެއެވެ.

މި ވަގުތު އަޅުގަނޑުމެން ކުރާން ޖެހޭ ވަރަށް މުހިއްމު ސުވާލެކެވެ. ފިކުރީ ގޮތުންނާއި ސަގާފީ ގޮތުންނާއި އިގުތިސާދީ ގޮތުން، ދިވެހީންނަށް ވުރެ އަޅުވެތި އެހެން ބަޔަކު މި ބިންމަތީގައި އެބަ ތިބި ބާވައެވެ! ފިކުރީ ގޮތުންނާއި ސަގާފީ ގޮތުން ވިސްނާ ނަމަ، ބަލާލި ކޮންމެ ދިމާޔަކުން ފެންނަ މަންޒަރަކީ، ދިވެހި ހަށިގަނޑުތަކެއްގައި ފުރެއްދެ ނުވަތަ ފަރަންޖީ ސިކުނޑިތަކެއް ފައްކާ ކުރެވެމުން ދާ މަންޒަރެވެ. އިގުތިސާދީ ގޮތުން ބަލާ އިރު، ދޮޅަހަކަށް މަހުޖަނުންގެ މުށުތެރޭގައި ގައުމުގެ މުއްސަނދިކަން އޮތް އިރު، ގިނަ ރައްޔިތުންތަކެއް ދިރިއުޅޭން މަޖުބޫރު ވެފައި ވަނީ ލިބޭ މުސާރަ އެއްކޮށް، މާލޭގައި ގެދޮރު ހުރި މީހުންނަށް ދީގެން، މާލީ އަޅުވެތިކަމެއްގައެވެ. ނުހަނު ބޮޑު މިންވަރެއްގެ ރިބާ ދައްކައިގެން، އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން ނޫން ގޮތަކަށް އަމިއްލަ ގެދޮރު ހޯދޭނެ ގޮތެއް ނެތަތީ، އާދައިގެ ރައްޔިތަކަށް ގެދޮރުވެރި ވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ފައިސާ ހޯދުމަށް ޓަކައި ހަރާމެއް ހަލާލެއް ނުބަލައި، ރިބާ އާއި ވައްކަމާއި ޓެކުން ފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުން އާއްމު ވެގެން ގޮސްފައި އޮތުމާ އެކު، ރޫހާނީ އަދި އަޚްލާގީ ބަނގުރޫޓުވުމެއްގައި މުޅި ގައުމު ވަނީ އަޅުވެތި ވެފައެވެ.

ސިޔާސީ މިނިވަންކަމުގެ ވާހަކަ ދެއްކިޔަސް، ހިތަށް ފިނިކަމެއް ލިބޭނޭ ގޮތެއް ނެތެވެ. ދިވެހީންގެ ސިޔާސީ ލީޑަރުންނަށް ކަޅު މުޙައްމަދު ރަސްގެފާނާއި ޙަސަން ރަސްގެފާނާއި އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ބޭފުޅުންގެ އިބުރަތްތެރި ތާރީޚުން ފިލާވަޅެއް ލިބިގަންނާކަށެއް ނޭނގުނެވެ. އެ ބައެއްގެ ހަލާކުގެ އޮށް އިންދަނީ އަބަދުވެސް އެ ބައެއްގެ އަމިއްލަ އަތުންނޭ ބުނެވޭ ބުނުމާ އެއްގޮތަށް، އަޅުގަނޑުމެންގެ އަމިއްލަ އަތްތަކުން އަޅުގަނޑުމެންގެ މުސްތަގުބަލުން ޖުވާ ކުޅޭ ތަން ނޫނީ ނުފެނެއެވެ. އެވެސް އަމިއްލަ އެދުމާއި ބާރުގެ ދަހިވެތިކަން ފިޔަވައި އެހެން ކަމަކަށް ޓަކައެއް ނޫނެވެ.

ގްރަހަމް އީ. ފުލަރ ލިޔުއްވި "އަ ވޯރލްޑް ވިތައުޓް އިސްލާމް" މި ފޮތުގެ ތައާރަފުގައި އޭނާ ލިޔުއްވައިފައި ވެއެވެ. "ބައިނަލްއަގުވާމީ ސިޔާސަތަކީ ޖަންގަލީގެ އުސޫލާ އެހައި ތަފާތު އެއްޗެއް ނޫނެވެ. ކުދިކުދި ޖަނަވާރުތަކަށް އެސޮރުމެންގެ ޖާނާއި ފުރާނަ ރައްކައުތެރި ކުރެވޭނީ އާދަޔާ ޚިލާފު ވިސްނުންތެރިކަމަކާއި، ހިއްސީ ތޫނުކަމާއި، ފިޔަވަޅުގެ ހަލުވިކަން ބޭނުން ކޮށްގެންނެވެ. ނީލަގެރި އެތް ފަދަ ވަރުގަދަ، ބާރުގަދަ ޖަނަވާރުތަކަށް، ވަށައިގެން ހިނގާ ކަންކަމާ މެދު ތަންކޮޅެއް ފަރުވާ ކުޑަ ކޮށްލައިގެން ވެސް އުޅެވިދާނެއެވެ. ގިނަ ފަހަރު، އެސޮރުމެން ހިތް އެދޭ ގޮތަކަށް ކަންކަން ކުރެވިދާނެއެވެ. އެހެނީ އެހެން ޖަނަވާރުތައް އެ ސޮރުމެންގެ މަގުން އަމިއްލަޔަށް އެއްފަރާތް ވާނެއެވެ."

މިއީ ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ވަރަށް މުހިއްމު ފިލާވަޅެކެވެ. އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ރައްކައުތެރި ކުރާން އަޅުގަނޑުމެން ބޭނުން ނަމަ، އަޅުގަނޑުމެންނަކީ ޖަންގަލީގެ އެންމެ ކުދި ޖަނަވާރުތަކުގެ ހާލަތުގައި ތިބި ބައެއް ކަން އަބަދުވެސް ހަނދާނުގައި ބަހައްޓާން ޖެހެއެވެ. ހިކުމަތުއަމަލީ އާއި ހަގީގީ ވިސްނުންތެރިކަމުގެ އަހައްމިއްޔަތު އަޅުގަނޑުމެންނަށް ވަރަށް ބޮޑެވެ. އަޅުގަނޑުމެން ތާއަބަދު މެ އުޅޭން ޖެހެނީ ހުރިހާ ހިއްސުތަކެއްގެ ބޭނުން އެންމެ މަތީ ދަރަޖައިގައި ހިފައިގެންނެވެ. ފަހަތުން އަންނަ ޝިކާރަވެރި ސިންގާގެ ހިލަންހުވަން ވުމާ އެކު، ފަޅި ސުކޫތެއްގެ ތެރޭގައި ފުންމައިގެން ގޮސް ސިންގާގެ ވަކިތަކުން ސަލާމަތް ވެވޭހައި ފިޔަވަޅު ހަލުވިކޮށެވެ.

"އިނގިރޭސީންގެ ހިމާޔަތޭ" ކިޔުނު އަޅުވެތިކަމެއްގެ ދަށުގައި 80 ވަރަކަށް އަހަރު އޮތުމަށް ފަހު، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ ބައިގަރުނު ވެއްޖެއެވެ. ނަމަވެސް މި ހިސާބުން، އިސްތިއުމާރާއި އަޅުވެތި ކުރުމުގެ ޒަމާން ނިމުނީ ކަމަށް އަޅުގަނޑުމެން ބަލައިގެން ނުވާނެއެވެ. ދުނިޔެ އަކީ ދުނިޔެއެވެ. އިސްތިއުމާރަކީ ތާރީޚުގެ ބާބެއް ނޫނެވެ. އެއީ މިއަދުގެ ވެސް ހަގީގަތެކެވެ.

ހަގީގީ މިނިވަންކަމަކީ ޕިކްނިކެއް ނޫނެވެ. ކުލަބޮކިތަކާއި ނާޗަރަންގީގެ މެހެފިލެއް ނޫނެވެ. ކުޅިމަޖަލުގެ މަސްކަރެއް ނޫނެވެ. މިނިވަންކަމަކީ ދަތުރެކެވެ. ގަދަ ކަނޑެއްގައި، ގިނަ ފަހަރު އޮޔާއި ވަޔާ ދެކޮޅަށް، ބަނޑަށް ދަމައިލައިފައި އޮންނަ ބޯ ކަޅުވިލާތަކުން ވެހޭ ވާރެއާއި ޖަހާ ގުގުރިއާއި ވިދާ ވިދުވަރުގެ ތެރޭގައި ކުރާން ޖެހޭ ދަތުރެކެވެ. ޚާއްސަކޮށް، އަދަދު މަދު، ބަލިކަށި، ފަގީރު، ސައްތައިން ސައްތަ މުސްލިމު ގައުމަކަށް މި ޒަމާނުގައި، ބިލްޑަރބާރގާއި "ނިއު ވޯރލްޑް އޯރޑަރ" ގެ ދުނިޔޭގައި، ކަން އޮންނާނީ މިހެންނެވެ. ދަންނަވާން މި އުޅެނީ ގައުމީ އިސްތިގުލާލުގެ މުނާސަބަތު ފާހަގަ ނުކުރާށެކޭ ނޫނެވެ. އެއީ ފާހަގަ ކުރާން ޖެހޭ މުނާސަބަތެކެވެ. މިނިވަންކަމުގެ ހަގީގީ މަފްހޫމާއި މަތިވެރިކަމާއި ހައިބަތު ގެއްލިނުދާނެ ފަދަ ގޮތެއްގެ މަތީން، މިނިވަންކަމުގެ މުނާސަބަތު ފާހަގަ ކުރާން ވާނެއެވެ. އެ ދުވަހުގެ އަސަރުތަކާއި ކުލަތައް، އަޅުގަނޑުމެންގެ ޅަދަރީންނަށް ދައްކުވައިދޭން ވާނެއެވެ. ނަމަވެސް، މިނިވަންކަމަކީ ކުޅިމަޖާގަނޑަކުން ފެށޭ، ކުޅިމަޖާގަނޑަކުން ނިމޭ އެއްޗެއް ކަމުގެ ފިކުރު ޅަދަރީންގެ ހިތްތަކުގައި އުފެދޭ ގޮތަށް އަމަލު ކުރުމަކީ ގޯހެއްކަން އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެއެވެ.

އެއިސޮޕްގެ ވާހަކައެއްގައި ވެއެވެ. ބަނޑުހައިކަމުގެ ސަބަބުން އަރިކަށީގެ ކަށިތައް ބޭރަށް ނުކުމެދާ ހިސާބުގައި އޮތް ސާރިދޯޅަކާ އެ ސޮރުގެ ރަހުމަތްތެރި ކުއްތާއަކާ ބައްދަލު ވިއެވެ. ކުއްތާ އޮތީ ނިކަން ފަލަކޮށް ވަރުގަދަކޮށެވެ. އެ ސޮރަށް ސާރިދޯޅު އޮތް ހާލު ފެނުމުން، ސާރިދޯޅުގެ ނިކަމެތިކަމާ މެދު ހަމްދަރުދީ ފާޅު ކުރިއެވެ. ހާލުއަހުވާލުގެ ޚަބަރު އޮޅުންފިލުވައި ހަދައިފައި، ކުއްތާ ބުންޏެވެ. "އަހަރެންގެ ސާހިބާއަށް ނޯކިރީ ކޮށްދޭން، އަހަރެން އުޅޭ ގެއަށް އަންނާން ވީ ނޫން ހެއްޔެވެ؟ އެއިރުން ކާން ނުލިބި، ތިޔަ ފަދަ ނިކަމެތި ހާލުގައި އޮންނާކަށެއް ނުޖެހޭނެއެވެ." ކުއްތާގެ ދައުވަތު، ސާރިދޯޅު ގަބޫލު ކުރިއެވެ. ދެން ދެވެރީން އެކުގައި ކުއްތާގެ ސާހިބުމީހާގެ ގެއަށް ދާން އެބަ ދެއެވެ. ދިޔަ މަގުމަތީގައި، ސާރިދޯޅަށް ފާހަގަ ކުރެވުނީ ކުއްތާގެ ކަނދުރާމަތީން ތަންގަނޑަކުން ކެހެރި ގޮސްފައި ހުރި ކަމެވެ. އެއީ ކީއްވެގެން ތޯ، ސާރިދޯޅު ސުވާލު ކުރިއެވެ. ޖަވާބުގައި ކުއްތާ ބުންޏެވެ. "އެއީ އެއްވެސް ކަމެއް ނޫނެވެ. ރޭގަނޑު އަހަރެންގެ ސާހިބާ އަހަރެން ބާއްވަނީ ކަރުގައި ޗޭނެއް ޖަހައިފައި ގޭގެ ތަނބަކަށް އައްސައިފައެވެ. ކަނދުރާމަތީން ކެހެރި ގޮސް އޮމާން ވެފައި އެ ހުންނަނީ އެ ޗޭނު ޖެހޭ ތަނެވެ." ކުއްތާގެ ޖަވާބު އިވުމުން، ސާރިދޯޅު "އެހެން ހެއްޔޭ، އެހެން ވިއްޔާ އަހަރެން ތިޔަ ނޯކިރީއަށް ސަލާމޭ" ބުނެފައި އެ ސޮރުގެ ހާލުގެ މަގަށް އެނބުރި ހިނގައްޖެއެވެ.

މަސްފަލަ އަޅަކަށް ވުމަށް ވުރެ މިނިވަނެއްގެ ގޮތުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރުން ވެސް މާ ހެވެވެ. މިއަދު ދިވެހި ގައުމު ލިބިގަންނާން ވީ އިބުރަތަކީ މިއީއެވެ.

comment ކޮމެންޓް