ފުރިހަމަ މެސެޖަކާ އެކު، އުރީދޫގެ ބްރޭންޑް އެމްބެސަޑަރަކަށް ދަގަނޑޭ

މަވެސް އުރީދޫ ކެމްޕޭން ޕްރޮމޯޓްކުރުމަށް އުރީދޫ އިން ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ފޮޓޯއެއް --

އުރީދޫ އިން ހިންގާ މަވެސް އުރީދޫ ކެމްޕޭނަކީ އެތައް ބައެއްގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ކެމްޕޭނެކެވެ. މަޝްހޫރު ލަވަކިޔުންތެރިންނާއި އެހެނިހެން ދާއިރާގެ ފަރާތްތައް ހިމަނައިގެން އަންނަނީ އެ ކެމްޕޭނުގައި ކުލަޖައްސަމުންނެވެ. މިފަހަރު އެ ކެމްޕޭން މިވަނީ ތަފާތު ގޮތަކަށް ދިވެހިންގެ ހިތްތައް ދަމައިގެންފަ އެވެ.

ރާއްޖޭގައި ފުޓްބޯޅައިގެ ވާހަކަ ދައްކާނަމަ ކޮންމެ މީހެއްގެ ވެސް ހިތަށް، ސިކުނޑިއަށް އަދި ދުލަށްވެސް އަންނަ ފުރަތަމަ ނަމަކީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ދަގަނޑޭގެ މެޗެއްނަމަ ކޮންމެ ގޮތަކުން ނަމަވެސް އެ މެޗެއް ބަލާނުލައި ހިތްހަމަ ނުޖެހޭ މީހުން އެބަތިއްބެވެ. އޭނާ މެޗެއްގައި ގޯލެއް ޖަހައިފިނަމަ އެދެން ނިމުނީ އެވެ. އެފަދަ ކުޅުންތެރިއެއް ހިމަނައިގެން ހަދާފައިވާ ފުރިހަމަ އިޝްތިހާރަކުން އުރީދޫއިން ގިނަ ވާހަކަތަކެއް ބުނެދީފި އެވެ.

އިޝްތިހާރުން ފެނިގެންދަނީ ދަގަނޑޭ ބުނެދޭ ވާހަކަތަކެކެވެ. އޭނާ ފުޓްބޯޅައިގެ ކެރިއަރުގައި ހޯދި ކުރިއެރުންތައް ހޯދި ގޮތުގެ ވާހަކަ އެވެ. އޭނާގެ ލަނޑުދަނޑިތަކާ ދިމާލަށް، ނުވަތަ ގޯލާ ދިމާލަށް ބޯޅަ ފޮނުވާލުމުގައި ލިބުނު ހިތްވަރުގެ ވާހަކަ އެވެ.

ދަގަނޑޭގެ ހުރިހާ ޝުކުރެއް ހައްގުވެފައި ވަނީ އޭނާގެ މަންމައަށެވެ. މަންމަގެ އެހީއާ ނުލައި އެހިސާބަށް ނާދެވޭނެ ކަމަށް ދަގަނޑޭގެ އިޝްތިހާރުން ދައްކުވައިދެ އެވެ.

ނަމަވެސް އިޝްތިހާރުން ދައްކުވައިދޭ ގޮތުގައި ވެސް އަދި ހަގީގަތަށް ބަލާނަމަ ވެސް ދަގަނޑޭ އަށް މިހާރު އެ ހިތްވަރު ލިބިގަތުމުގައި މުހިންމީ ފުރިހަމަ ނެޓްވޯކެކެވެ. މިހާރު އުޅެނީ އަމިއްލަ ވަޒަން ދޫކޮށް އެހެން ގައުމެއްގައެވެ. އޭނާގެ ކެރިއަރުގައި އިތުރު ހަރުފަތަކަށް ޖެހިލި ހިސާބުގަ އެވެ. ނަމަވެސް އަދިވެސް އިޝްތިހާރުން ބުނެދޭ ގޮތުގައި މަންމަގެ އެހީ އޭނާއަށް މުހިންމެވެ.

މަންމަގެ އަޑު އަބަދުވެސް އޭނާގެ ކަންފަތުގައި ހަރުލާފައި ހުންނަ ކަމަށް ދަގަނޑޭ ބުންޏެވެ. އަދި ދުރުގައި ހުއްޓަސް އޭނާ އަބަދުވެސް ހުންނަނީ އޭނާގެ މަންމައާ އެކުގައި ކަމަށް ދަގަނޑޭ ބުންޏެވެ. އެގޮތަށް ދަގަނޑޭ އާއި އޭނާގެ މަންމަ މިހާރު ގުޅުވައިދެނީ އުރީދޫ ކަމަށް އިޝްތިހާރުން ދައްކުވައިދެ އެވެ.

އުރީދޫ އިން މިހާރު ވަނީ އެ ކުންފުނީގެ މަވެސް އުރީދޫ ކެމްޕޭނުގެ އެމްބެސެޑަރަކަށް ދަގަނޑޭ ހަމަޖައްސައި އެއް އަހަރު ދުވަހަށް އުރީދޫގެ ބްރޭންޑް އެމްބެސަޑަރަކަށް އޭނާ ހަމަޖައްސައިފަ އެވެ. ދަގަނޑޭ އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖްގައި ވަނީ އެ ވީޑިއޯ ޝެއާކޮށްފަ އެވެ. ދަގަނޑޭ ބުނެފައި ވަނީ "އުރީދޫ ފެމިލީ" ގައި ހިމެނުމަކީ އޭނާއަށް ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

ކޮންމެއަކަސް ފުޓްބޯޅަ ކެރިއަރުގައި މަންމަގެ ހިތްވަރު ލިބިގަނެގެން ކުރިއަށްދާން ހުރި ދަގަނޑޭ ބުނަނީ "މަވެސް އުރީދޫ" ކަމަށެވެ.

comment ކޮމެންޓް