މި މަހުގެ ނިޔަލަށް ތިން ރުއް ޕާކް ތަރައްގީކޮށް ނިމޭނެ: ހައުސިން

ތިން ރުއް ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ސުނާމީ ބިނާ މާލެ އިރު ދެކުނު ފަރާތުން ތިން ރުއް ޕާކަށް ބަދަލުކޮށް އެސަރަހައްދު ޕާކެއްގެ ގޮތަށް ތަރައްގީކޮށް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ތިން ރުއް ޕާކަށް ސުނާމީ ބިނާ ގެންދިޔައީ ރޭގަ އެވެ. އެ ބިނާ ހުރި ސަރަހައްދުގެ ބޮޑު ބައެއް އަދި ނުނިމެ އެވެ.


ސުނާމީ ބިނާ ތިން ރުއް ޕާކް ސަރަހައްދުގައި-- ސަން ފޮޓޯ: މުއާވިޔަތު އަންވަރު

ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ މިހާރު ކުރަމުން އަންނަ މަސައްކަތަކީ ސުނާމީ ބިނާ އެސަރަހައްދުގައި ބެހެއްޓުން ކަމަށާއި މިމަހުގެ ނިޔަލަށް އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

"މިމަހުގެ ނިޔަލަށް މަސައްކަތް ނިމެން އޮތީ، ރަސްމިއްޔާތަކާއެކު ހުޅުވިގެންދާނީ، އަޅުގަނޑަށް ހީވަނީ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަހެން ހުޅުވިގެންދާނީ،" އޮފިޝަލް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުވާގޮތަށް ކުރިން އޮތް އެޕާކުގެ މަސައްކަތް ލަސްވުމާއި ގުޅޭގޮތުން އޮފިޝަލް ވިދާޅުވީ މަސައްކަތް ލަސްވަން ދިމާވީ އެސަރަހައްދުގައި މަސައްކަތް ކުރި ފަރާތްތައް އަލަށްހެދި ހެދިގޮނޑުދޮށުގެ މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޕަބްލިކް ވޯކް ސާވިސަސްގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު އަފީފް ހުސައިން "ސަން"އަށް ކުރިން ވިދާޅުވީ އެ ސަރަހައްދު ޕާކެއްގެ ގޮތަށް ތަރައްގީކޮށް ނިންމާލާ އިރު އެ ސަރަހައްދަކީ ހިތް އުފާކޮށްލަން ދެވޭ ސަރަހައްދަކަށް ހެދިގެންދާނެ ކަމަށެވެ.

"ސުނާމީ ބިނާ ތިން ރުއް ޕާކް ސަރަހައްދުގައި ބަހައްޓާ އިރު ރަނގަޅު ފެންވަރަކަށް އެތަން ތަރައްގީ ކުރެވިފައި، އާންމުނަށް ފަސޭހައިން ވަދެ ނިކުމެ އުޅެވޭ ހިތް އުފާކޮށްލެވޭ ކަހަލަ ޕާކެއްގެ ގޮތުގައި އެތަން ތަރައްގީ ކުރެވިގެންދާނީ،" އަފީފު ވިދާޅުވި އެވެ.

ސުނާމީ ބިނާ ތިން ރުއް ޕާކް ސަރަހައްދުގައި ބަހައްޓާ އިރު އެބިނާ ވެސް ދިއްލާލާފައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.

ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރަނީ މާލެ-ހުޅުލެ ބްރިޖް މާލެއާ ގުޅިވައިދޭ ސަރަހައްދަކީ މާލެ އިރު ދެކުނު ފަރާތު ކަމަށް ވާތީ އެވެ. ބްރިޖް އަޅަނީ ހުޅުލޭ ދެކުނު ފަރާތުން ރަންވޭ ކޮޅުން ފެށިގެން މާލޭ އިރު ދެކުނު ފަރާތަށެވެ.

comment ކޮމެންޓް