މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕެއިނެއް ފައްޓައިފި

މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށް ހިންގާ ގައުމީ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

"މަދިރި އުފެދޭ ތަންތަން ނައްތާލުން- ފަރުދީ ޒިންމާއެއް ކަމަށް ހައްދަވާ"، ޝިއާރުގެ ދަށުން ކުރިއަށް ގެންދާ އެ ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިއަދު ތައިސޭކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މަދިރި ކޮންޓްރޯލް ކުރުމުގެ ގައުމީ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ތެރެއިން --- ސަން/ފޮޓޯ: މުހައްމަދު އަފްރާހު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މިއަދު އިފްތިތާހު ކުރި ކެމްޕެއިނުގެ ތަފާތަކީ ކުރީގެ އަހަރުތަކާ ހިލާފަށް ދުރާލާ މަސައްކަތްތަކެއް ފެށުން ކަމަށެވެ.

"މި ކެމްޕެއިނަކީ އަޅުގަނޑުމެން ތަކުރާރުކޮށް އެ ބޭފުޅުންގެ ހާޒިރުގަ އަދި އެބޭފުޅުން ކުރައްވާ މަސައްކަތްތަކުގައި މީޑިއާގެ ޒަރިއްޔާއިންނާއި އަދި އެކިއެކި ގޮތްގޮތުން ފާހަގަކޮށް ހިތްވަރުދީ އަދި ކުރިއަށް ގެންދާނެ ކަމެއް ކަމުގައި ދަންނަވަން." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހިތްވަރުން ރާއްޖެ އިން މެލޭރިއާ ވެސް ނައްތާލެވިފައިވާ ކަމަށެވެ. އަދި ފައިލޭރިއާ ވެސް ރާއްޖެ އިން ނައްތާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފައިލޭރިއާގެ އެއްވެސް އިންޑިއކޭޝަން އެއް ޑިޓެކްޓު ވެފައި ހުރިތޯ ނުވަތަ ނެތްތޯ ބެލުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަށް ޑެންގީ އައުޓް ބެރޭކު ގެނައުން ހުއްޓާލައި އެ ބަލި ރާއްޖެ އިން ނައްތާލުމަކީ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ. އަދި އެ ފަދަ މަދިރި ނައްތާލައި އާލާވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަމައެހެންމެ، އެއީ އަމިއްލަ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން މަދިރި ނައްތާލުމަށް މަސައްކަތް ކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރެއްވި އެވެ.

މިއަދު އިފްތިތާހު ކުރި ކެމްޕެއިން މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުންޏެވެ.

އެގޮތުން މިއަދު ކުރިއަށް ގެންދާ ހަރަކާތުގައި ގޭގެއަށް ގޮސް މަދިރި އާލާވާ ތަންތަން ނައްތާލާ، އެކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ. އަދި އެކަމުގައި ހަރަކާތްތެރިވާނީ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކާއި ރަށުފެންވަރުގައި އަދި އަތޮޅު ފެންވަރުގައި އެކުލަވާލާފައިވާ ޓާސްކްފޯސްތަކުންނާއި ކުންފުނިތަކުން ކަމަށް ވެސް މިނިސްޓްރީ އިން ބުނެ އެވެ.

comment ކޮމެންޓް