އިންޑިއާ ހެލްތު އެކްސްޕޯ 2016 ފަށައިފި

އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތަހް ކުރުން: މި އެކްސްޕޯގައި އިންޑިއާގެ 18 ހޮސްޕިޓަލަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

"އިންޑިއާ - މޯލްޑިވްސް ހެލްތު އެންޑް ވެލްނެސް ވީކް" ގެ އެންމެ ބޮޑު ހަރަކާތް ކަމުގައިވާ "އިންޑިއާ ހެލްތު އެކްސްޕޯ 2016" މިރޭ ދަރުބާރުގޭގައި ފަށައިފި އެވެ.

މިރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އެ އެކްސްޕޯ ހުޅުވައިދެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ އެވެ.

ހެލްތު އެކްސްޕޯ އިފްތިތާހްކޮށްދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރު އިރުތިޝާމް ދެއްކެވި ވާހަކައިގައި، އިންޑިއާއިން ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި އިތުރަށް ތަރައްގީ ކުރުމަށް ލިބޭ އެހީތެރިކަމާ އެއްބާރުލުން ފާހަގަ ކުރައްވައި ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އަދި މި ދުވަސްވަރަކީ ރާއްޖެއިންވެސް ސިއްހީ ދާއިރާ ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް ރާވަމުން އަންނަ ދުވަސްވަރަކަށް ވުމުން އިންޑިއާއިން މިފަދަ އެކްސްޕޯއެއް ރާއްޖޭގައި ބޭއްވުމަށް އެދުނު ވަގުތަކީވެސް ވަރަށް ރަނގަޅު ވަގުތެއް ކަމުގައި މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތަހް ކުރުން: މި އެކްސްޕޯގައި އިންޑިއާގެ 18 ހޮސްޕިޓަލަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ، އިންޑިއާ އަދި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ދާއިރާ އަކީ ސިއްހީ ދާއިރާ ކަމަށާއި ރާއްޖެއަށް ސިއްހީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އިން ދެމި އޮންނާނެ ކަމަށެވެ.

އަދި އިންޑިއާއިން ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވަމުން، ސަފީރު ވިދާޅުވީ، އިންޑިއާ އަކީ ކޮންމެ އަހަރަކުވެސް އެތައް ޑޮކްޓަރުންނެއް ތަމްރީނު ކުރާ ގައުމެއް ކަމަށާއި، އިންޑިއާގެ ހޮސްޕިޓަލުތަކުގައި ތިބި ތަޖުރިބާކާރު ޑޮކްޓަރުންގެ އެހީ އާއި ތަޖުރިބާ އެހެން ފަރާތްތަކާ ހިއްސާ ކުރުމަކީ ލިބިގެންދާ އުފަލެއް ކަމަށެވެ.

ސިއްހީ ދާއިރާގައި ކޮންމެ ގައުމަކުންވެސް އަބަދުވެސް ކުރިއެރުމަށް ކޮންމެވެސް ކަމެއް ކުރަމުން އަންނާނެ ކަމަށާއި، އެންމެ ފުރިހަމަ ސިއްހީ ހިދުމަތެއް އެއްވެސް ގައުމަކުން ނުލިބޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.

އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތާހް ކުރުން: މި އެކްސްޕޯގައި އިންޑިއާގެ 18 ހޮސްޕިޓަލަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ސަފީރު ވިދާޅުވީ، ރައްޔިތުންނަށް އެންމެ އެކަށީގެންވާ ރަނގަޅު ސިއްހީ ހިދުމަތެއް ދެވޭނީ އެއް ގައުމު އަނެއް ގައުމަކަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި "އިންޑިއާ މޯލްޑިވްސް: ޕާޓްނަރޒް ފޮރ އަ ހެލްދިއަރ ފިއުޗަރ" ގެ ނަމުގައި ފޮތެއްވެސް ވަނީ އިފްތިތާހް ކޮށްފަ އެވެ. އެ ފޮތް އިފްތިތާހް ކޮށްދެއްވީ މިނިސްޓަރު އިރުތިޝާމް އެވެ.

މިނިސްޓަރު އިރުތިޝާމް "އިންޑިއާ މޯލްޑިވްސް: ޕާޓްނަރޒް ފޮރ އަ ހެލްދިއަރ ފިއުޗަރ" އިފްތިތާހް ކޮށްދެއްވަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ ހެލްތު އެކްސްޕޯ ކުރިއަށް ދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ. އިންޑިއާގެ 18 ހޮސްޕިޓަލަކުން 20ށް ވުރެ ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން މި އެކްސްޕޯގައި ބައިވެރިވާނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ ހޮސްޕިޓަލު ތަކުގެ ތެރޭގައި އެޕޯލޯ ހޮސްޕިޓަލްސް، އެންޔޫ ހޮސްޕިޓަލްސް، ކިމްސް ހޮސްޕިޓަލް، ކޮލަމްބިއާ އޭޝިޔާ، ބަސަވަންތަރަމް އިންޑިއާ އެމެރިކަން ކެންސަރ ހޮސްޕިޓަލް ހިމެނެ އެވެ.

މި އެކްސްޕޯގައި ހުރިހާ ދާއިރާއަކުން ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާނެ އެވެ.

އިންޑިއާ ހެލްތު އެކްސްޕޯ 2016 އިފްތިތާހް ކުރުން: މި އެކްސްޕޯގައި އިންޑިއާގެ 18 ހޮސްޕިޓަލަކުން ސްޕެޝަލިސްޓު ޑޮކްޓަރުން ބައިވެރިވާނެ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ހެލްތު އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނާއި ބިދޭސީންނަށްވެސް ވަނީ ހުޅުވާލާފަ އެވެ. ފީ އަކާ ނުލައި އެކްސްޕޯއަށް ވަދެވޭ އިރު ޑިސްކައުންޓާއެކު ޓްރީޓްމަންޓް ޕެކޭޖުތަކެއް ހިމެނިފައިވެ އެވެ. އެޕޮއިންޓްމަންޓް ހެއްދުމުގެ އިތުރުން ރަނގަޅު ސިއްހީ ފަރުވާ އާއި ހަރަދާ ގުޅޭގޮތުން މައުލޫމާތު ދިނުންވެސް މި އެކްސްޕޯގައި ކުރިއަށް ދާނެ އެވެ.

"އިންޑިއާ - މޯލްޑިވްސް ހެލްތު އެންޑް ވެލްނެސް ވީކް" ފާހަގަ ކުރުމަށް އައިޖީއެމްއެޗްގައި މެޑިކަލް ކޭމްޕު ތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އައިޖީއެމްއެޗްގެ މެޑިކަލް ކޭމްޕް ކުރިއަށްދާނީ މި މަހުގެ 14 ން 18 ށް އައިޖީއެމް ހޮސްޕިޓަލުގަ އެވެ. މި ކޭމްޕުގައި އިންޑިއާގެ ސްޕެޝަލިސްޓު ޑޮކްޓަރުން ބަލި މީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. ހިލޭ ކުރިއަށް ގެންދާ ކޭމްޕުތަކުގައި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކާއި، ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން ކުޑަކުދިންގެ ކަށީގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރަކުވެސް ބައިވެރިވާނެ އެވެ.

ހަމަ އެއާއެކު، "އިންޑިއާ - މޯލްޑިވްސް ހެލްތު ޕާޓްނަޝިޕް ޑައިލޮގް"ގެ ނަމުގައި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް