މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯ: މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވަނީ ސްޓެލްކޯގެ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް އެ ކުންފުނިިން މައުލޫމާތުދޭ -- ސަން ފައިލް ފޮޓޯ

މާފަންނުގެ ބޮޑު ބައެއް ހިމެނޭގޮތަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިންފޮމޭޝަން އޮފިސަރު، ސީނިއަރ އިންޖިނިއަރ އިބްރާހީމް ރައުފު ވިދާޅުވީ، މާލޭގެ ބައެއް ހިސާބުތަކުން ކަރަންޓު ކެނޑިފައި ވަނީ، އެ ކުންފުނިން މާލެއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައާކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދެވޭނޭ ކަމަށްވެސް ރައުފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންކުރާ ބޮޑު އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން މީގެ ކުޑައިރުކޮޅެއް ކުރިން ކަރަންޓް ކެނޑިފައި ވަނީ. މިހާރު އެ މައްސަލަ ހައްލުކޮށް، ގާތްގަނޑަކަށް 15 ވަރަކަށް މިނިޓްތެރޭ އަލުން ކަރަންޓް ފޯރުކޮށްދެވޭ ވަރު ވާނެ،" ރައުފް ވިދާޅުވި އެވެ.

ހޫނު ގަދަ ދުވަސް ވަރުގައި މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެއެވެ.

މާލޭގެ އިތުރުން ހުޅުމާލޭން ވެސް މީގެ ހަފްތާއެއް ކުރީން ދޭތެރެ ދޭތެރޭން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވިއެވެ. އެގޮތުން ހުޅުމާލެއަށް ކަރަންޓުގެ މައްސަލަ ދިމާވީ، އެރަށަށް ކަރަންޓުދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އިންޖީނެއް ނިވޭތީއެވެ. ސްޓެލްކޯއިން ވަނީ މިހާރު އެ މައްސަލަ ހައްލުކޮށްފައި ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

comment ކޮމެންޓް