ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތްތަކާބެހޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

ދެމެހެއްޓެނިވި ތަރައްގީގެ ތެރެއިން ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރާނެ ގޮތްތަކާގުޅޭ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި އެވެ.

ވިހިތިރީހުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑި ހިމެނެ އެވެ. އޭގެތެރެއިން ހަ ލަނޑުދަނޑިއަކީ ސީދާގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީއާ ގުޅުންހުރި ލަނޑުދަނޑިތަކެވެ. އެ ބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގް އިބްރާހިމް އެވެ.

ވިހިތިރީހުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަކީ 2000 ވަނަ އަހަރު ފާސްކުރި ސާސްކަފްގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ މުއްދަތު 2015 އަށް ހަމަވުމާ ގުޅިގެން އެކުލަވާލި އާ ލަނޑުދަނޑިތަކެކެވެ.

މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ތިމާވެއްޓާ ގުޅުންހުރި ލަނޑުދަނޑިތަކާ ބެހޭގޮތުންނެވެ. އެ އެކި ދާއިރާތަކުން 20 ފަރާތަކުން ބައިވެރިވެ ވަނީ އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ފަންނީ މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޠާރިގް ވިދާޅުވީ، ސާސްކަފްގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވެސް ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައި ދެކުނު އޭޝިއާގައި ވެސް އެންމެ ބޮޑު ކާމިޔާބު ހޯދި ގައުމުގެ ފަހްރު ހާސިލްކޮށްފައި ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ހަމަވާ އަލަށް އެކުލަވާލި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވެސް މިފަދަ ކާމިޔާބީއެއް ހޯދުން. މިގޮތުން އަޅުގަނޑު މިއަދު މިފަށާ މަސައްކަތަކީ އަޅުގަނޑުގެ މިނިސްޓްރީއާ ގުޅުންހުރި ލަނޑުދަނޑިތައް އިސްވެ ރާވައި އެ އަމާޒަށް މަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެކިއެކި ގޮތްގޮތުން ހުރި ގޮންޖެހުންތަކާ ކުރިމަތިލައި ދެމެހެއްޓެނިވި ތަރައްގީ ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް