ކޮންސްޓްރަކްޝަން މަސައްކަތަށް ބިދޭސީން ގެނައުމާ ގުޅޭގޮތުން އިމިގްރޭޝަނުން ނިންމި ނިންމުމަށް މަސީން މަރުހަބާ ކިޔައިފި

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ---- ސަން ފައިލް ފޮޓޯ

މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އާއި ހައުސިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ފިޔަވައި އެހެން ކުންފުނިތަކަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރަން ބިދޭސީން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ނުދޭން އިމިގްރޭޝަނުން ނިންމުމުން މަސީން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ސޮއިކުރައްވައި މިރޭ ނެރުނު ބަޔާނެއްގައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިމިގްރޭޝަނުން ގެނައި އެ ބަދަލަކީ ހަރުދަނާ ފިޔަވަޅެއް ކަމަށާއި އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"މި އެސޯސިއޭޝަނުން ގަބޫލުކުރާގޮތުގައި މި ފިޔަވަޅުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މައްސަލަތައް ހައްލުކުރުމަށް މި އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކާއި ހިތްވަރެއް ލިބި އަދި ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައިވެސް މި އެސޯސިއޭޝަންގެ ދައުރު ފުޅާވެގެންދާނެ އެވެ،" މަސީގެ ބަޔާނުގައި ވެއެވެ.

ލޭބާ މެނޭޖުކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވައި ގާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ނުކުރުވުމަށް މަސީގެ މެމްބަރުންނަށާއި ކޮންޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ އިމިގްރޭޝަނުން އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުވެގެންދާނެ ކަމަށެވެ.

"އިމިގްރޭޝަނުން އަލަށް މި ހަމަޖެއްސި އުސޫލުގައި ވަނީ މަސީ އަދި ހައުސިން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް ނޫން ކުންފުނިތަކަކަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބިދޭސީން ނުގެނެވޭނެ ކަމަށް. އެހެންކަމުން މިކަމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުވެގެންދާނެ،" ޚަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް