200 މީޓަރު ދުވުމުން ސާއިދު ރިހި މެޑަލް ހޯދައިފި

ސައުތު އޭސިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ދެވަނަ ހޯދުމަށް ފަހު ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ގައުމީ ދިދަ ހިފައިގެން --- ސަން ފޮޓޯ: އިމޭޖަސް އެމްވީ/ ހުސެއިން ސިނާން

ސައުތް އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑަލް ހޯދައިފިއެވެ.

އިންޑިއާގެ ގުވާހަޓީގެ އިންދިރާ ގާންދީ އެތުލެޓިކްސް ސްޓޭޑިއަމުގައި އޮތް އެ އިވެންޓުން ސާއިދު ރިހި މެޑަލް ހޯދީ 21:15 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއްވަނަ އަށްދިޔަ ސްރީލަންކާގެ އެމްވީ ސުރންޖާޔާ ރޭސްނިއްމީ 21:00 ސިކުންތުންނެވެ. އެއީ ސެމީ ފައިނަލުގައި އޭނާ ދުވި ޓައިމިން އަށް ބަލާއިރު 0.45 ސިކުންތުގެ ކުރިއެރުމެކެވެ.

މިއީ ސާއިދު މި މުބާރާތުގައި ހޯދި ދެވަނަ ރިހި މެޑަލްއެވެ. އޭނާ ވަނީ ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދައިފަ އެވެ.

ސާއިދު ވަނީ މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 100 މީޓަރު ދުވުމުން ރަން މެޑަލް އާއި 200 މީޓަރު ދުވުމުން ރިހި މެޑަލް ވެސް ހޯދައިފައެވެ.

ސައުތު އޭޝިއަން ގޭމްސް އިން ރާއްޖެ އަށް މިހާތަނަށް ތިން ރިހި މެޑަލް ހޯދާފައިވާއިރު އޭގެ ތެރެއިން ދެ މެޑަލް ހޯދީ ސާއިދެވެ. ފުރަތަމަ ރިހި މެޑަލް ހޯދާފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުންނެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެއިން މިހާތަނަށް ތިން މެޑަލެއް ހޯދާފައިވާއިރު ސާއިދު ގެ އިތުރުން ދެން މެޑަލް ހޯދީ އަންހެނުންގެ 800 މީޓަރ ފްރީސްޓައިލް އިވެންޓުން ތިންވަނަ ހޯދައިގެން ފެތުންތެރިޔާ އައިމިނަތު ޝަޖަން އެވެ.

comment ކޮމެންޓް