ގެސްޓްހައުސް ތަކުގެ މައުލޫމާތު ހިމެނޭ މެގަޒިން އާންމުކޮށްފި

ގެސްޓްހައުސެސް މޯލްޑިވްސްގެ މެގަޒިން ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ އެކި ރަށްރަށުގައި ޓޫރިޒަމް ވިޔަފާރި ފުޅާކުރަމުން އަންނަ ގެސްޓްހައުސްތަކުގެ މައުލޫމާތު ހިމަނައިގެން އާންމުކުރާ "ގެސްޓްހައުސެސް މޯލްޑިވްސް" މެގަޒިން މިއަދު އާންމުކޮށްފި އެވެ.

އެ މެގަޒިން އަކީ މޯލްޑިވްސް ގެޓްއަވޭގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ނެރެން ނިންމާފައިވާ މެގަޒިނެކެވެ. އެގޮތުން ގެސްޓްހައުސެސް މޯލްޑިވްސްގެ ފުރަތަމަ މެގަޒިން އާންމުކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެ މެގަޒިންގައި ރާއްޖެއާ ގުޅޭ ތަފާތު މައުލޫމާތުތަކާއި ގެސްޓްހައުސްތަކުގެ ގެސްޓްހައުސް ތަކުގެ މައުލޫމާތުތައް ހިމެނެ އެވެ.

ނޮވެލް ގްރިލް އެންޑް ރެސްޓޯރެންޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ މެގަޒިން ރަސްމީކޮށް އާންމުކޮށްދެއްވީ މޯލްޑިވްސް ގެޓްއަވޭގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ މުހައްމަދު އެވެ.

މޯލްޑިވްސް ގެޓްއަވޭގެ ޑިރެކްޓަރު ހުސައިން ސަނީ "ސަން" އަށް ވިދާޅުވީ، މިއަހަރުގެ މެގަޒިންގައި ރާއްޖޭގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް 300 ޕާޓްނަރުން ބައިވެރިވާ ކަމަށާއި އޭގެ ތެރެއިން 100 ވަރަކަށް ޕާޓްނަރުންގެ މައުލޫމާތު މެގަޒިންގައި ހިމަނާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ މެގަޒިނެއް އާންމުކުރުމުގެ ބޭނުމަކީ ގެސްޓްހައުސް ތަކަށް އިންޓަނޭޝަނަލް މާކެޓް ފުޅާކުރުން ކަމަށެވެ.

"މީގަ ބޭނުންވަނީ ލޯކަލީ ވެސް އަދި އިންޓަނޭޝަނަލްކޮށް ވެސް ގެސްޓްހައުސް ތަކަކީ އޮތް މާކެޓެއް ކަމާއި މީގެ ޕޮޓެންޝިއަލް ދައްކައިދިނުން. ރާއްޖޭގައި އެބަހުރި ގެސްޓްހައުސް ވިޔަފާރި ވަރަށް ރަނގަޅަށް ކުރިއަރާނެ ވަރަށް ރީތި ރަށްރަށް. އެ ތަންތަން އިންޓަނޭޝަނަލީ މާކެޓް ކުރުން ބޭނުމަކީ،" ސަނީ ވިދާޅުވި އެވެ.

މާކެޓް ކުރުމުގެ ގޮތުން އެއާޕޯޓް ފަދަ ތަންތަނާއި އިންޓަނޭޝަނަލް މާކެޓްތަކަށް މޯލްޑިވްސް ގެޓްއަވޭގެ ފަރާތުން އެ މެގަޒިން ބަހާނެ އެވެ.

ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަރަމުން އަންނަ އިރު، އެ ވިޔަފާރިން ގިނަ ރައްތަކަކަށް ދަނީ އާމްދަނީ ލިބެމުންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރުވެސް ގެސްޓްހައުސްތަކުގެ އޮކިއުޕެންސީ 30 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް