ޖަރުމަނު ސަފީރު ކޮންޓަރޯލަ ޖެނެރަލް އޮފް އިމިގްރޭޝަނާ ބައްދަލު ކުރައްވައިފި

ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑު ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނާ ބައްދަލު ކުރައްވަނީ ---- ފޮޓޯ: އިމިގްރޭޝަން

ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑު ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަންވަރާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވަނީ ދެގައުމުގެ އިމިގްރޭޝަނާ އެކު ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި އަދި ޖަރުމަނަށް ދަތުރުކުރުމުގައި ވިސާ ހޯދުމުގައި ދިވެހީންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދާ ދިނުމާ ގުޅޭ ގޮތުންނެވެ.

އެ ބައްދަލުވުމުގައި ޖަރުމަނު ސަފީރު ވިދާޅުވީ ރާއްޖެއިން އަލަށް ތައާރަފު ކުރި ޕާސްޕޯޓު ތައްޔާރު ކޮށްދީފައިވާ ޑާމޮލޯގު ކުންފުންޏަކީ ފިންގަރޕްރިންޓު ޓެކުނޮލޮޖީގެ ދާއިރާ އިން ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ކުންފުންޏަކަށް ވެފައި، ޕާސްޕޯޓު ތައްޔާރު ކޮށްފައި ވަނީ ސަލާމަތީގޮތުން ވަރުގަދަ ފިޔަވަޅުތަކާ އެކުގައި ކަމުން ދިވެހި ޕާސްޕޯޓަށާއި އިިމިގްރޭޝަން ގައި ގާއިމްކޮށްފައިވާ ނިޒާމަށް ވަރަށް ބޮޑަށް އިތުބާރު ކުރެވޭ ކަމަށެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑަށް ހަދިޔާއެއް ދެއްވަނީ ---- ފޮޓޯ: އިމިގްރޭޝަން

އޭނާ ގަބޫލުކުރައްވާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގެ އިތުބާރު ވެސް ދިވެހި ޕާސްޕޯޓަށާއި އިމިގްރޭޝަން ނިޒާމަށް ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބޭނުންކުރާ ބައޮމެޓުރިކު ސިސްޓަމާ އަދި އޮޓޮމޭޓެޑު ފިންގަރޕްރިންޓު އިޑެންޓިފިކޭޝަން ސިސްޓަމް (އެފިސް) ގެ އަކީ އެންމެފަހުގެ ޒަމާނީ ޓެކުނޮލިޖީ ކަމުން ޔޫރަޕިއަން ވިސާ ސިސްޓަމާ މޯލްޑިވްސް އިމިގްރޭޝަނާގެ ސިސްޓަމާ އިންޓަގުރޭޓު ކުރުމަށް ފަސޭހަ ވާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމުގައި ވެސް ޖަރުމަނު ސަފީރު ވިދާޅުވެފައިވެއެވެ.

ޔޫރަޕަށް ދަތުރުކުރުމަށް ވިސާ ނެގުމުގައި ފިންގަޕްރިންޓު ސާމްޕަލު ދިނުމަށް ކަަލަމްބޯ އެމްބަސީ އަށް ދިއުމުގެ ބަދަލުގައި، ވިސާ ހޯދަން ބޭނުންވާ ފަރާތްތަަކަށް ރާއްެޖެއިން ފިންގަޕްރިންޓު ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގައި އިމިގްރޭޝަނުން ފޯރުކޮށްދެވި ދާނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަންވަރު ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑަށް ހަދިޔާއެއް ދެއްވަނީ ---- ފޮޓޯ: އިމިގްރޭޝަން

ޖަރުމަނުގެ ސަފީރު ވިދާޅުވީ ކޮލަމްބޯ އެމްބަސީއަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ދިވެހީންނަށް ޔޫރަޕަށް ދިއުމުގައި ވިސާ ހޯދޭނެ އިންތިޒާމު ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މި ގޮތުން ވަރަށް ޚާއްސަ ބައްދަލުވުމެއް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު ބާއްވާފައިވާ ކަމުގައި ވެސް ސަފީރު ވިދާޅުވެފައިވެއެވެ.

ޖަރުމަނު ސަރުކާރުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ޔުއެގެން މޮހާޑު ---- ފޮޓޯ: އިމިގްރޭޝަން

ޔޫރަޕުގެ ގައުމުތަކަށް ވިސާ ހޯދުމުގައި ފިންގާ ޕްރިންޓު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 އިން ފެށިގެންނެވެ. މި ގޮތުން ފިންގާ ޕްރިންޓު ދިނުމަށްފަހު ދެވަނަ ފަހަރަށް ވިސާ ހޯދާނަމަ އެންމެ ފަހުން ފިންގަޕްރިންޓު ސާމްޕަލް ދިންތާ ފަސް އަހަރު ނުވާނަމަ ފިންގަޕްރިންޓު ސާމްޕަލް ދޭން ނުޖެހޭނެއެވެ.

comment ކޮމެންޓް