ކެސަންގް ފެކްޓަރީތަކުގައި މަސައްކަތް މެދުކަނޑާލުމަކީ ހަނގުރާމަ އިއުލާންކުރުން: އުތުރު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮން އުން އާ ދެކޮޅަށް ދެކުނު ކޮރެއާގައި ބޭއްވި މުޒާހަރާއެއް -- ފޮޓޯ: ރޮއިޓާސް

ސޯލް (ފެބްރުއަރީ 11): އުތުރު ކޮރެއާއިން ރޮކެޓެއް ލޯންޗް ކުރުމާ ގުޅިގެން، ދެކޮރެއާ ގުޅިގެން ހިންގާ އިންޑަސްޓްރިއަލް ޒޯންގައި ހިމެނޭ ފެކްޓަރީތަކުގެ މަސައްކަތް ހުއްޓާލަން ދެކުނު ކޮރެއާއިން ނިންމުމަކީ ހަނގުރާމަ އިއުލާން ކުރުން ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.

ދެކުނު ކޮރެއާއިން ބުނާ ގޮތުގައި ފެކްޓަރީގެ މަސައްކަތް މެދުކަނޑާލީ ނިއުކްލިއާ އަދި މިސައިލް އުފެއްދުމުގެ މަސައްކަތް ކުރަން އުތުރު ކޮރެއާ އަށް ފައިސާ ހޯދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.

އުތުރު ކޮރެއާއަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރާ ކެސަންގް އިންޑަސްޓްރިއަލް ޒޯނުން ދެކުނު ކޮރެއާގެ މުވައްޒަފުންނާއި މުދާ އެގައުމަށް އަނބުރާ ގެންދަން ފެށުމުން އުތުރު ކޮރެއާއިން ވަނީ އެއީ "ހަނގުރާމަ އިއުލާން ކުރުން ކަމަށް ބުނެފަ" އެވެ. އަދި އުތުރު ކޮރެއާގައި ހުންނަ ކެސަންގުގައި މަސައްކަތް ކުރާ ހުރިހާ ދެކުނު ކޮރެއާގެ މުވައްޒަފުން ގައުމުން ބޭރުކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.

މީގެ އިތުރުން، ދެކޮރެއާގެ މެދުގައި އޮންނަ ހޮޓްލައިންތައް ކަނޑާލާނެ ކަމަށްވެސް އުތުރު ކޮރެއާއިން ބުނެފައިވާ ކަމަށް އެގައުމުގެ ރަސްމީ ހަބަރު އޭޖެންސީ، ކޭސީއެންއޭ އިން ބުންޏެވެ.

އާދިއްތަ ދުވަހު އުތުރު ކޮރެއާއިން ވަނީ ސެޓެލައިޓެއް ހިމެނޭ ކަމަށް އެގައުމުން ބުނާ ލޯންގް ރޭންޖް ރޮކެޓެއް ލޯންޗްކޮށްފަ އެވެ. ނަމަވެސް، އުތުރު ކޮރެއާގެ އަވަށްޓެރި ގައުމުތަކުންނާއި އެމެރިކާއިން ވަނީ އެއީ މިސައިލް ޓެސްޓެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެމެރިކާގެ ސެނެޓުން މިހާރު ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ. (ބީބީސީ)

comment ކޮމެންޓް