ތިމަރަފުށީގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް 27 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފި

ތިމަރަފުށީގަިއ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުން -- ސަން ފޮޓޯ: ޝަފްނާ ހުސައިން

ޑިޒައިން އެންޑް ބިލްޑު އުސޫލުން ތ. ތިމަރަފުށީގައި ފެނުގެ ނިޒާމު ގާއިމު ކުރުމަށް27 މިލިއަން ރުފިޔާ އަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ތިމަރަފުށި ފެނުގެ ނިޒާމް ގާއިމު ކުރުމަށް ހަވާލުކޮށްފައި ވަނީ ލަންކާގެ ޕިއުރިޓާޒް ޕްރައިވެޓް ލިމިޓެޑް އާ އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެވުނު އެ މަސައްކަތުގެ އަގަކީ 27،787،920.69 ރުފިޔާ އެވެ.

މިއަދު ވެވުނު ދެ އެއްބަސްވުމުގެ ދަށުން ފެނުގެ ނިޒާމް ގާއިމު ކުރުމަށް ބޭނުންވާ ސާރވޭ އަދި ޑިޒައިންގެ މަސައްކަތް ކުރެވި މުޅި ރަށުގައި ފެނުގެ ނިޒާމު ގާއިމު ކުރެވިގެންދާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މި އަހަރަކީ ފެނާއި ނަރުދަމާގެ އެންމެ ގިނަ އަދި ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އަހަރުކަމުގައި ވެގެންދާނެ ކަމަށެވެ.

އެގޮތުން މި މަހުގެ 16 ވަނަ ދުވަހު ޏ.ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށް ބިޑު ހުޅުވާލެވޭނެ ކަމަށާއި، އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީގެ ނަރުދަމާގެ މަސައްކަތް ޓެންޑާ އަށް ހުޅުވާލެވޭނެ ކަމަށެވެ.

މަސައްކަތް ހަވާލުކުރެވުނު ޕިއުރިޓާޒް ޕްރައިވެޓް ލިމިޓެޑް ކުންފުނިން ބުނީ، ދީފައިވާ މުއްދަތަށް ވުރެ ކުރިން މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް 10 ރަށެއްގެ ފެނާއި ނަރުދަމާ ވަނީ ގާއިމު ކުރެވިފަ އެވެ.

comment ކޮމެންޓް