79 މިލިއަން ޑޮލަރުގެ ހިޔާނާތާ ގުޅިގެން ފިޔަވަޅުއަޅައި ދިނުމަށް ރިޔާޒު ހުށަހަޅުއްވައިފި

ރިޔާޒު(މ) މަޖިލީހުގެ ޖަލީހުގެ ކޮމެޓީއެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.22 ބިލިއަން ރުފިޔާ ނޫނީ 79 މިލިއަން ޑޮލަރުގެ ބޮޑު ހިޔާނާތާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން ބަލައި ދިނުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރިޔާޒު މިއަދު ރައްޔިތުންގެ މަޖިލީހުގެ މަލިއްޔަތު ކޮމެޓީ އަށް ފޮނުއްވި ސިޓީގެ ކޮޕީ ވަނީ މީޑިއާއާ ހިއްސާ ކުރައްވައިފަ އެވެ. އެ ސިޓީގައި ވިދާޅުވެފައި ވަނީ "އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އަމިއްލަ ފަރާތްތަކުން ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާ އިން ޖުމްލަ 79.37 މިލިއަން ޑޮލަރު (1.22 ބިލިއަން ރުފިޔާ) ދައުލަތަށް ހޯދަން ޖެހިފައިވާ" ކަމަށެވެ.

އަދި އޭގެ އިތުރުން އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ރަށް ރަށާއި ފަޅު އަދި ބިންތައް ކުއްޔަށް ދީފައި ވަނީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ނޫން ކަމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާތީވެ، އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަން އެ ކޮމެޓީ އިން ބަލައި ދިނުމަށް އެދޭ ކަމަށެވެ.

އެމްއެމްޕީއާރުސީ އޮޑިޓް ކުރުމަށް ފަހު އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބުނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖުމްލަ 1.22 ބިލިއަން ރުފިޔާ (79 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ.

comment ކޮމެންޓް