މިދިޔަ އަހަރުގެ ފަހު ތިން މަސްތެރޭގައި ދެ މިލިއަން މީހުން ޓްވިޓާ ބޭނުންކުރުން ހުއްޓާލާފައިވޭ: ޓްވިޓާ

މިދިޔަ އަހަރުގެ ފަހު ތިން މަސްތެރޭގައި 2 މިލިއަން މީހުން ޓްވިޓާ ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސޯޝަލް މީޑިއާ ކުންފުންޏެއް ކަމަށްވާ ޓްވިޓާއިން ބުނީ މިދިޔަ އަހަރު ނިމުނު އިރު ޓްވިޓާގައި ހަރަކާތްތެރިވާ މީހުންގެ އަދަދަކީ 305 މިލިއަން ކަމަށެވެ. އެއާ އަޅާ ބަލާއިރު 1.6 ބިލިއަން މީހުން ފޭސްބުކް ބޭނުންކުރެ އެވެ. ގޫގުލްގެ އަށް ސޯޝަލް މީޑިއާ ޕްރޮޑަކްޓްތައް އެއް ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރެ އެވެ. އަދި ޓްވިޓާއަށް ވުރެ ހަތަރު އަހަރު ފަހުން ވުޖޫދަށް އައި އިންސްޓަގްރާމްވެސް މިހާރު ޓްވިޓާއަށް ވުރެ މަގުބޫލެވެ. އިންސްޓަގްރާމް އެކައުންޓްތަކުގެ އަދަދު މިދިޔަ އަހަރު ނިމުނު އިރު 400 މިލިއަނަށް އަރަ އެވެ.

ޓްވިޓާ ބޭނުން ކުރާ މީހުން އިތުރުނުވުމުގެ ސަބަބުން އެކުންފުނީގެ ހިއްސާގެ އަގުވެސް ވަނީ ދަށްވެފަ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ފަހު ތިން މަސްތެރޭގައި ޓްވިޓާއަށް 90 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް އެކުންފުނިން ބުންޏެވެ.

ޓްވިޓާ ބޭނުން ކުރާ މީހުން އިތުރު ކުރުމުގެ މަގުސަދުގައި އެކުންފުނިން މިހާރު ދަނީ ޓްވިޓާއަށް ތަފާތު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޓްވިޓާގެ ފީޑްތައް މިހާރަށްވުރެވެސް އަޕްޑޭޓް ކޮށް ގެނެސް ދޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްވިޓާގެ ޗީފް ޖެކް ޑޯސީ ވިދާޅުވި އެވެ. (ސީއެންއެން)

comment ކޮމެންޓް