އުއްމުހާތުލް މުއުމިނީންގެ ތެރެއިން އުއްމުލް މުއުމިނީން: އައްސައްޔިދާ ޙަފްސާ ބިންތި ޢުމަރު ރަޟިޔަ ﷲ އަންހާ (ހަވަނަ ބައި)

(08 ފެބްރުއަރީގެ އަދަދާގުޅޭ)

ކާވެނިފުޅު ރޫޅުމާއި އަލުން ރުޖޫޢަކުރެއްވުން

أمّ المؤمنين السّيّدة حفصة رضى اللّـه عنــها އަކީ ނުހަނު ތަޤްވާވެރި، އަދަބުވެރި، ޚުލުޤުފުޅު ހެޔޮބޭކަނބަލެކެވެ. ގިނަގިނައިން ރޯދަ ހިއްޕަވައި، ރޭއަޅުކަން ކުރައްވައި އުޅުއްވި ބޭކަނބަލެކެވެ. ނަމަވެސް، فاروق الأعظم ގެ ދަރިކަނބަލެއްގެ ޙައިޘިއްޔަތުން މިޒާޖުފުޅު ތަންކޮޅެއް ހޫނެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ވާހަކަފުޅަށް ބައެއްފަހަރު ރައްދު ޖަވާބު ދެއްވައެވެ. މިކަމާބެހޭގޮތުން ޚުދު عمر بن الخطّاب رضى اللّـه عنــه ވިދާޅުވެފައިވެއެވެ.

"ޤުރައިޝުވަންހައިގެ އަންހެނުންނަކީ، އެކަނބަލުންގެ ފިރިންނާ ހަރިއަރުވައި ވާހަކަދައްކައި އުޅޭބައެއް ނޫނެވެ. ފިރިންނަށް ގޮތްކިޔައިދޭ ބައެއް ނޫނެވެ. އެއްދުވަހަކު އަހަރެން ކަމަކާ ވިސްނަމުން ދަނިކޮށް، އަހަރެންގެ އަންހެނުން އަހަރެންގާތު ބުނެއްޕެވެ. "ތިޔަކަމާ އެވެނި މިވެނިހެން ހަދާށެވެ. އޭރުން ރަނގަޅުވާނެއެވެ." އަހަރެން ބުނެފީމެވެ. ކަމަނާއާ މަޝްވަރާދިނުމާ ކީކީހެއްޔެވެ؟ އެކަމަނާ ޖަވާބު ދިނެވެ. "ކަލޭގެފާނާމެދު އަޖާއިބުވެއްޖައީމެވެ. އަޅުގަނޑު މިވަރުގެ އެއްޗެއް ބުނެލުމުންވެސް، ކަލޭގެފާނަކަށް ކަމަކު ނުދިޔައެވެ. އެކަމަކު، ކަލޭގެފާނުގެ ދަރިކަނބަލުން حفصة، رسول اللّـه صلّى اللّـه عليه وسلّم ދައްކަވާ ވާހަކަފުޅަށް ހަރިއަރުވައި ޖަވާބު ދެއްވައެވެ. ކޮންމެކަމަކާމެދު އެކަމަނާގެ ޚިޔާލުފާޅު ކުރައްވައެވެ."

އެވާހަކަ އިވުމުން، އަހަރެން ސީދާ ދިޔައީ އަހަރެންގެ ދަރިފުޅު حفصة ގެ ގާތަށެވެ. އަހަރެން ބުނީމެވެ. ތެދެއްހެއްޔެވެ؟ ކައުސާހިބާ صلّى اللّـه عليه وسلّم އާ ދަރިފުޅު ހަރިއަރުވައި ވާހަކަދައްކައި އުޅެމުހެއްޔެވެ؟

حفصة ޖަވާބު ދެއްވިއެވެ.

"އާދޭހެވެ! ބައްޕާފުޅާއެވެ! އަޅުގަނޑުމެން އެހެން ހަދަމުއެވެ."

އަހަރެން ބުނީމެވެ. ޚަބަރުދާރެވެ! ކަނބުލޮ، މާތް اللّـه ގެ ޢަޒާބަށް ބިރުވެތިވާށެވެ. މާތް اللّـه ގެ ރަސޫލާއާ ދެކޮޅަށް ވާހަކަދައްކައި، ސުވާލުކޮށް، ޖަވާބުދީ ނަހަދާށެވެ. އެހެންނޫނީ، ދަރިފުޅަށް ދެރަގޮތެއް ދިމާވެދާނެއެވެ."

އަނބީންނާއި ފިރީން ހަމަހަމަގޮތެއްގައި، އެކަކު އަނެކަކާ ވާހަކަ ދައްކައި، އެކަކު އަނެކަކަށް ޚިޔާލާއި މަޝްވަރާދީ، ކަންކަމުގައި ފާޑުކިޔައި ހެދުމަކީވެސް، އިސްލާމްދީން އަންހެނުންނަށް ލިބިދިން ފުރުޞަތެކެވެ. ހޯދައިދިން ޙައްޤެކެވެ. މިކަމާބެހޭގޮތުން ޚުދު عمر رضى اللّـه عنه ގެ އަރިހުން ރިވާވެފައިވެއެވެ.

"އަހެރެމެން ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަށް ކުޑަވެސް އަހައްމިއްޔަތެއް ނުދެމުއެވެ. ނަމަވެސް، އިސްލާމްދީން އަންހެނުންގެ ދަރަޖަ މަތިވެރިކޮށް، އަންހެނުންނަށް ޢިއްޒަތާއި ޝަރަފު ހޯދައިދިނެވެ."

أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ ހޫނު މިޒާޖުފުޅުގެ ސަބަބުން ދިމާވި ކަމެކެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެއްދުވަހަކު ބޭރުން ވަޑައިގެންނެވިއިރު، أمّ المؤمنين السّيّدة صفيّة رضى اللّـه عنــها އިންނެވީ ކީރިތި ކުރައްވާށެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާ ކީރިތިކުރައްވަނީ ކީއްވެތޯ ސުވާލު ކުރެއްވުމުން ވިދާޅުވިއެވެ. حفصة އާއި عائشة އާ ދެބޭކަނބަލުން އަޅުގަނޑާ ދިމާޔަށް ވިދާޅުވިއެވެ. "ތިމަންމެންނީ رسول اللّـه صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންގެ އިތުރަށް، އެކަލޭގެފާނުގެ ބޮޑުބޭބޭފުޅުންގެ ބޭފުޅުންނީމުއެވެ. ކަމަނާއަކީ ޔަހޫދީއެއްގެ ދަރިޔަކީމުއެވެ."

އިތުރު ސާހިބާ حفصة ގެފާނާއި عائشة ގެފާނު ނަސޭހަތް ދެއްވިއެވެ. ޙަދީޘު ކުރެއްވިއެވެ. "ތިޔަ ދެބޭކަނބަލުން މާތް اللّـه އަށް ބިރުވެތިވެވަޑައިގަންނަވާށެވެ!" އެއަށްފަހު صفيّة ގެފާނަށް ހިތްވަރު ދެއްވުމަށްޓަކައި ވިދާޅުވިއެވެ. حفصة އާއި عائشة ގެ ވާހަކަފުޅުގެ ޖަވާބުގައި، ކަމަނާ މިފަދައިން ވިދާޅުނުވީ ކީއްވެތޯއެވެ؟ "ތިމަންގެ ބައްޕައަކީ ނަބީބޭކަލެކެވެ. ތިމަންގެ ބޮޑުބޭބެއަކީ ނަބީބޭކަލެކެވެ. ތިމަންގެ ފިރިކަލަކީ، محمّد (صلّى اللّـه عليه وسلّم) އެވެ. އެހެންވީއިރު، ތިޔަބޭކަނބަލުންނަށް ތިމަންގެ މައްޗަށް ލިބިވަޑައިގަންނަވާނީ ކޮން ޝަރަފެއްތޯއެވެ." أمّ المؤمنين السّيّدة صفيّة بنت حُيَيّ އަކީ، هارون عليه السّلام ގެ ނަސްލުން ވަޑައިގެން އިންނެވި ބޭކަނބަލެކެވެ.

أمّ المؤمنين السّيّدة حفصة بنت عمر رضى اللّـه عنــها ގެ މިޒާޖުފުޅުގެ ހޫނުކަމުގެ ސަބަބުން، ކައުސާހިބާ صلّى اللّـه عليه وسلّم އެއްފަހަރަކު އެކަމަނާ ވަރިކުރެއްވިއެވެ. عقبة بن عامر رضى اللّـه عنــه ރިވާކުރެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެއްފަހަރަކު އެކަމަނާ ވަރިކުރެއްވިއެވެ. عمر الفاروق رضى اللّـه عنــه އަށް އެ ޚަބަރު ލިބިވަޑައިގަތުމުން، އެކަލޭގެފާނު އިސްތަށިފުޅުގައި ދެއަތްޕުޅުން ހިއްޕަވައިގެން އިށީނދެވަޑައިގެންނެވިއެވެ. ހިތާމަފުޅުން ފޯވެވަޑައިގެން، އަމިއްލަ ނަފްސާ ވާހަކަ ދައްކަވާގޮތަށް ވިދާޅުވިއެވެ. "ހިތާމަ ހުއްޓެވެ. އަހަރެންގެ ދަރިފުޅުގެ ނިމުން މިއައިގޮތެކެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މިއަޅާއާމެދު މިވީ ކީއްތޯއެވެ؟"

އެހެން ރިވާޔަތެއްގައި ވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، السّيّدة حفصة رضى اللّـه عنــها ވަރިކުރެއްވި ދުވަހާ ވިދިގެންއައި ދުވަހު، އެކަމަނާގެ ދެ މާބެއިން ކަމުގައިވާ قدامة بن مظعون رضى اللّـه عنــه އާއި، عثمان بن مظعون رضى اللّـه عنــه (عثمان بن مظعون رضى اللّـه عنــه ވަނީ ބަދުރު ހަނގުރާމައިގެ ފަހުން މާގިނަ ދުވަސްތަކެއްނުވެ އަވަހާރަވެފައެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، حفصة ގެފާނުގެ ކުރީގެ ފިރިކަލުން ފަސްދާނުލުމަށް އަމުރުކުރެއްވީ، عثمان بن مظعون رضى اللّـه عنــه ގެ މަހާނަފުޅާ ޖެހިގެންނެވެ. އެހެންކަމުން، قدامة ގެ އަރިހުގައި ދެން ވަޑައިގަތީ، عبد اللّـه بن مظعون ކަމުގައި ބެލެވެއެވެ.) އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭރު އެކަމަނާ އިންނެވީ، ކީރިތި ކުރައްވާށެވެ. އެބޭކަލުން ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. "މާތް اللّـه ގަންދެއްވަމެވެ. رسول اللّـه صلّى اللّـه عليه وسلّم އަޅުގަނޑު ވަރިކުރެއްވީ، އެއްވެސް އައިބެއްގެ ސަބަބަކުންނެއް ނޫނެވެ." އެވަގުތު ކައުސާހިބާ صلّى اللّـه عليه وسلّم ވެސް އެތަނަށް ވަޑައިގެންފިއެވެ. އިތުރު ސާހިބާ ވަޑައިގެންނެވުމުން، أمّ المؤمنين ފަރުދާކުރެއްވިއެވެ. އިތުރު ސާހިބާ ޙަދީޘު ކުރެއްވިއެވެ.

جبريل الأمين އަހުރެންގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ.

އޭ محمّد (صلّى اللّـه عليه وسلّم) އެވެ. ކަލޭގެފާނު السّيّدة حفصة ވަރިކުރެއްވީތޯއެވެ؟ ހަމަކަށަވަރުން އެކަމަނާއަކީ ގިނަގިނައިން ރޯދަ ހިއްޕަވައި، ގިނަގިނައިން ނަމާދުކުރައްވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ސުވަރުގޭގައިވެސް ކަލޭގެފާނުގެ އަނބިކަނބަލެކެވެ. އަރަހުށި މާތް اللّـه އަމުރުކުރައްވަނީ، އެކަމަނާގެ ކާވެނިފުޅު ރުޖޫޢަ ކުރެއްވުމަށެވެ. އިތުރު ސާހިބާ އެވަގުތު، އަލުން ކާވެނިފުޅު ރުޖޫޢަކުރެއްވިއެވެ. ކޮންމެވެސް އިންސާނީ މައްސަލައެއްގައި، ކައުސާހިބާ صلّى اللّـه عليه وسلّم، السّيّدة حفصة ވަރިކުރެއްވުމުން، އެކާވެނިފުޅު ރުޖޫޢަކުރެއްވުމަށް، އަރަހުށި މާތް اللّـه އަމުރުކުރެއްވިކަމީ، ޝައްކެއްނެތް ގޮތުގައި، السّيّدة حفصة رضى اللّـه عنــها ގެ މާތްކަމާއި ތަޤްވާވެރިކަމާއި ދަރަޖަ މަތިވެރިކަމުގެ މުގުރައިނުލެވޭނެ ހެތްކެކެވެ.

އަވަހާރަވުން

أمّ المؤمنين السّيّدة حفصة رضى اللّـه عنــها ފުރައުއްތަވި އަހަރަކާމެދު އިސްލާމީ ތާރީޚުގެ އެދުރުންގެ މެދުގައި ޚިލާފު ހުރެއެވެ. އެކަމަނާ އަވަހާރަވީ، ހިޖްރައިން 41 ވަނަ އަހަރު ކަމުގައްޔާއި، 45 ވަނަ އަހަރު ކަމުގައްޔާއި، އަދި މިނޫން ގޮތްގޮތަށްވެސް ބަޔާންކުރެވިފައި ހުރެއެވެ. އަވަހާރަވީއިރުވެސް އެކަމަނާ އިންނެވީ ރޯދަފުޅަށެވެ. عابدة، زاهدة، صائمة، أديبة، محدّثة އަދި ކީރިތި ޤުރްއާނުގެ ފާރަވެރިޔާ أمّ المؤمنين السّيّدة حفصة رضى اللّـه عنــها ގެ މައްޗަށް ކަށުނަމާދުކުރެއްވީ އެދުވަސްވަރު މަދީނާގެ ގަވަރުނަރަކަށް ހުންނެވި مروان بن الحكم އެވެ. ފަސްދާނުލެވުނީ ޖަންނަތުލްބަޤީޢުގައެވެ. ފަސްދާނު ލެއްވުމަށްޓަކައި އެކަމަނާގެ ހަށިކޮޅު އުފުއްލެވުމުގައި އޭރު މަދީނާގައި ތިއްބެވި ޞަޙާބީންގެ ތެރެއިން أبو هريرة އާއި، أبو سعيد الخدرى ބައިވެރިވެވަޑައިގެންނެވިއެވެ. މަދީނާގެ ގަވަރނަރ مروان ވެސް ވަކިހިސާބަކަށް އެމާތް ހަށިކޮޅު އުފުއްލެވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ ލަހްދުގައި ހަށިކޮޅު ވެޑުއްވީ، އެކަމަނާގެ ދެ އަޚުން ކަމުގައިވާ عبد اللّـه بن عمر އާއި عاصم بن عمر އެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުން ކަމުގައިވާ سالم އާއި، حمزة އާއި، عبد اللّـه ގެ އެހީފުޅާއެކުގައެވެ.

ޢިލްމުވެރިކަން

މި މަޒުމޫނުގެ އިސްވެދިޔަތާނގައި ބަޔާންކުރެވިފައިވާ ފަދައިން، أمّ المؤمنين السّيّدة حفصة رضى اللّـه عنــها އަކީ ނުހަނު ދަރަޖަ މަތިވެރި ޢާލިމާއެކެވެ. ކީރިތި ޤުރްއާން ހިތްޕުޅުދަސް ބޭކަނބަލެކެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބެއްލެވުމުގެ ދަށުން، ކީރިތި ޤުރްއާން ލިޔެވިފައިހުރި ތަކެތި ތަރުތީބު ކުރައްވައި ރައްކައުކުރެއްވީ އެކަމަނާއެވެ. އެކަމަނާއަކީ، ކީރިތި ޤުރްއާނުގެ މާނައާއި މަފްހޫމްތަކާއި އަސްބާބުއްނުޒުލުގެ ވަރަށްބޮޑު ޢާލިމާއެކެވެ. أمير المؤمنين أبوبكر الصّدّيق رضى اللّـه عنه ގެ އަމުރުފުޅަށް ޖަމާކުރެވުނު ކީރިތި ޤުރްއާނުގެ ރަސްމީ މުޞްޙަފު أمير المؤمنين عمر الفاروق رضى اللّـه عنه ޝަހީދުވުމަށްފަހު، ރައްކާތެރިކުރައްވައި ބެލެހެއްޓެވީ އެކަމަނާއެވެ.

أمير المؤمنين عثمان ذوالنّوين رضى اللّـه عنه ގެ ޚަލީފާކަމުގައި، އިސްލާމީ ދައުލަތުގެ އެކި ސަރަޙައްދުތަކަށް ފޮނުއްވި ކީރިތި ޤުރްއާނުގެ ރަސްމީ ކޮޕީތައް ލިޔުއްވުމުގައި އަސްލަކަށް ބެއްލެވުމަށްޓަކައި عثمان ގެފާނު އެ އަސްލު ގެންނަވައި ކޮޕީތައް ހެއްދެވުމަށްފަހު، އަނެއްކާވެސް އެ އަސްލު ފޮނުއްވީ، އެކަމަނާގެ އަތްޕުޅަށެވެ. އެކަމަނާ އަވަހާރަވަންދެން އެ އަސްލު ރައްކާކުރައްވައި ބެލެހެއްޓެވީ އެކަމަނާއެވެ.

އެކަމަނާގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވި ޞަޙާބީންނާއި، ޠާބިޢީންގެ ޢަދަދު ވަރަށްގިނައެވެ. އޭގެތެރޭގައި، عبد اللّـه بن عمر އާއި، حمزة بن عبد اللّـه بن عمر އާއި، صفيّة بنت أبى عبيدة އާއި، حارثة بن وهب އާއި، المطّلب بن أبى وداعة އާއި، أمّ بشر އާއި، عبد الرّحمن بن الحارث އާއި، عبد اللّـه بن صفوان އާއި، شُتَيْرُ އާއި، إبن شَكَل ފަދަ އެތައް އެތައް ބޭބޭކައުކަނބަލަކު ހިމެނެއެވެ.

فاروقى خلافة ގައި ވަރަށްގިނަ މައްސަލަތަކެއްގައި އެކަމަނާގެ އަރިހުން ފަތުވާ އައްސަވައެވެ. އެކަމަނާގެ އަރިހުން ފަސްދޮޅަސް ޙަދީޘު ރިވާވެފައިވެއެވެ.

ޞަދަޤާތް ކުރެއްވުން

السّيّدة حفصة رضى اللّـه عنــها ގެ ލޮބުވެތި ބައްޕާފުޅު އެކަމަނާއާ ޙަވާލުކުރައްވައިފައިވާ ބަގީޗާއެއް ޣާބާއެވެ ކިޔުނު ތަނުގައި އޮތެވެ. އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި، އެކަމަނާގެ ކޮއްކޯފުޅު عبد اللّـه بن عمر رضى اللّـه عنــه ބަލާފޮނުއްވައިގެން ގެންނަވައި، އެ ބަގީޗާ، ޞަދަޤާތެއްގެގޮތުން ވަޤުފުކުރެއްވުމަށް ވަޞިއްޔަތް ކުރެއްވިއެވެ.

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ތިންވަނަ އަހަރުއެވެ.
  2. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ބާވީސް އަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޢުމުރުފުޅަކީ، ފަންސާސްފަސް އަހަރުފުޅެވެ.
  4. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ އަށްއަހަރުއެވެ.
  5. އެކަމަނާ އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅު ނުވަތަ ފަސްދޮޅަސްތިން އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން 41 ވަނަ އަހަރު ނުވަތަ 45 ވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މަދީނަތުލްމުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ.

އަރަހުށި މާތް اللّـه، أمّ المؤمنين السّيّدة حفصة بنت عمر އަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

  1. ރަޙްމަތުއްލިލްޢާލަމީން ޤާޟީ މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ
  2. އުރުދޫ އެންސައިކްލޮޕީޑިޔާ އޮފް އިސްލާމް ޕަންޖާބު ޔުނިވަރސިޓީ - ޕާކިސްތާން
  3. ތިޒްކާރެ ޞަޙާބިޔާތު ޠާލިބުލްހާޝިމީ
  4. އައްރަޙީޤުލްމަޚްތޫމި މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ
  5. އުއްމަހާތުލްމުއުމިނީން ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު
  6. އުއްމަހާތުލްމުއުމިނީން ޕްރޮފެސަރ ޚާލިދު ޕަރުވޭޒު
  7. ޞަޙާބިއްޔާތެ މުބައްޝިރާތު މަޙްމޫދު އަޙްމަދު ޣަޟަންފަރު
  8. ތަފުހީމުލްޤުރްއާން ސައްޔިދު އަބުލްއަޢުލާ މައުދޫދީ
  9. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________

comment ކޮމެންޓް