ގޭ ބަންދުން ސަލާމަތްކޮށްދިން އާ ބީޗު

އާ ބީޗުގެ ކުޑައެއްގެ ހިޔަލުގައި ބަޔަކު އިށީނދެ ލައިގެން-- އެތަން ވެފައި ވަނީ އެތައް ބަޔަކު އުފާވެރިކޮށްދިން މަންޒިލަކަށް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ޖަމީލާ އަބުލްރަހުމާނު އޭނާގެ ތިން މާމަދަރިން ބެލުމުގެ ޒިންމާ އަދާކުރަމުންދާ އިރު އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިވެފައި ވަނީ އެ ކުދިން ފޫހިވެގެން ކުރާ ޝަކުވާ އެވެ. އިމާރާތްތަކުން ފުރިފައިވާ މި މާލޭގައި ގޭތެރޭ އަބަދު ތިބެންޖެހުމަކީ އޭނާ މާމަދަރިންގެ އެންމެ ބޮޑު ޝަކުވާ އެވެ. އެކަން އެހެންއޮންނަތާ އެތައް އަހަރެއްގެ ފަހުން ޖަމީލާ އަށް މިއަދު އެ ވަނީ ހިތްހަމަޖެހުމުގެ ނޭވާއެއްލެވިފަ އެވެ. އެއީ މާލޭގެ ހުޅަނގު ފަރާތުގައި ހެދި އާޓިފިޝަލް ބީޗު ހުލުވިގެންދިއުމެވެ.

"މިހާރު ވަރަށް ފަސޭހަ އެކުދިން ގެނެސް މިތާ ކުޅެން ބައިންދާފައި އަޅުގަނޑު މިއިންނަނީ މިތާއިށީދެ ލައިގެން. އެކުދިންނަށް ވެސް އަޅުގަނޑަށް ވެސް ފަސޭހަ." ޖަމީލާ ބުންޏެވެ.

އިމާރާތްތަކުގައި ބަންދުވެ ދަރިން ބެލުމުގެ ޒިންމާ އަދާކުރަމުން ދިޔަ އެމާމަ އަށް މިއަދު އެވަނީ އެތައް ލުއިފަސޭހަތަކެއް ލިބިފަ އެވެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ މާމަދަރިންގެ ފޫހިފިލައި އުފާކޮށްލުމުގެ ފުރުސަތު ލިބިގެންދިއުމެވެ. ހަމައެއާ އެކު އެ ކުދިން ކުޅެ އުފާކުރާ މަންޒަރު ބަލާލަން ޖޯލިފައްޗެއްގައި އިނުމުގެ އުފަލަކީ ވެސް ޖަމީލާ އެކަމާ ޝުކުރު އަދާ ކުރާކަމެކެވެ.

"ކުދިން ސްކޫލަށް ގެންދަން ވަންދެން މިތާ އުޅެނީ. މިއީ ވަރަށް ރަނގަޅު ކަމެއް." ޖަމީލާ ބުންޏެވެ.

ރަށެއްގެ މަލަ މަތި ފަދަ ރީތި ހިތްގައިމު ގޮނޑުދޮށެއްގައި ހޮޅުއަށި ނުވަތަ ޖޯލިފަތީގައި ނުވަތަ ކުޑައެއްގެ ހިޔަލުގައި ބެލެނިވެރިންތިބެ އެމީހުންގެ ދަރިން ހިތް އުފާކޮށް ޝަކަރާތްޖަހައި އުޅޭ މަންޒަރު ބަލާލުމަކީ ކޮން ފަދަ އުފަލެއްތޯ އެވެ. ރީތި ސާފުވައިން އެބެލެނިވެރިންގެ ހިތްތަކަށް އަތޮޅުތެރޭ އުފާ ގެނެސްދޭ އިރު އެކުދިންގެ މޫނުތަކުން ވެސް ފެންނަމުން އެދަނީ އުފާވެރިކަމާއި ޝުކުރެވެ.

"ކުރިން ޓީވީ ބަލަނީ ގޭގައި، މިހާރު ބީޗުއަށް އަންނަނީ، ބީޗް މާ ރަނގަޅު." ހަތަރު އަހަރުގެ ސަނާބިންތު ބުންޏެވެ.

އެ ހެދިގޮނޑުދޮށުގައި މޫދަށް އެރި ފަތާހެދޭނެ އިންތިޒާމާއި މަސް ބާނައި މަސް ފިހެ ހެދޭނެ އިންތިޒާމް ވެސް ވަނީ ބީޗުގައި ގާއިމުކޮށްފަ އެވެ. ކަސްރަތުކުރުމާއި ފެންވެރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ހަމައެހެންމެ ހޮޅުއަށިތަކާއި ޖޯލިތަކުގެ އިތުރުން ދިގު އަށިތަކާއި ކުޑަތައް ވަނީ ބަހައްޓައިފަ އެވެ. އެ ސަރަހައްދުގައި ފާހާނާ އާއި ކުޑަކުދިން ބަލަހައްޓާ ތަނެއްގެ އިތުރުން ރެސްޓޯރެންޓަކާ އެކު ޕެވިލިއަނެއް ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އިއްޔެ އާންމުންނަށް ހުޅުވާލި އެ ބީޗު ކައިރިއަށް ކޮންމެ ވަގުތެއްގައި ދިޔަ ނަމަވެސް ގިނަ ބަޔަކު އެތަނުގައި ހަރަކާތްތެރިވާ މަންޒަރުދަނީ ފެންނަމުންނެވެ. ވަކި އުމުރެއްނެތެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލަން ޖެހޭ ހަގީގަތަކީ އެ އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ޝުކުރުވެރި އުފަލެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މީގެ ކުރިން ވީރާނާކަން ފެންނަން އޮތް އެ ސަރަހައްދުން ދިރުމާއި އުފާވެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"މި މައިދާނުން ދަށްކުވައިދޭނީ ދެ ޒަމާން، އިހާއި ފަސް، ދުރުން ފެންނަ އިރު މިއަތިރިމަތިން ސޫރަކޮށްދޭނީ ރާއްޖޭގެ ރަށެއްގެ އަތިރިމަތި،" މިނިސްޓަރު ވިދާޅުވި އެވެ.

ހިތްއުފާކޮށް މަޖާ ކުރުމުގެ އެމައިދާނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކޮށްފައިވާ އިރު އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ފުލުހުން ދަނީ ބަލަހައްޓަމުންނެވެ. އެގޮތުން ސީސީޓީވީތައް ބޭނުންކޮށްގެން އެތަން ބެލެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.

އެސަރަހައްދުގެ 4623 އަކަ މީޓަރުގެ ސަރަހައްދެން ތިން މީޓަރަށް ފުން ކުރުމާއި 2547 އަކަ މީޓަރުގެ ގޮނޑުދޮށެއް ހެދައި ރައްޔިތުންނަށް ހުޅުވާލާފައިވާ އެ ބީޗު ވެގެންގޮސްފައި އެ ވަނީ އެތައް ބަޔަކު ހިތްއުފާކޮށް އަބަދު ގޭތެރޭގައި އިނަންޖެހުމަށް ނިމުންގެނެސްދިން އުފާވެރި ތަނަކަށެވެ.

comment ކޮމެންޓް