އަދީބުގެ ވައިބާ އަދި ޓެލެގްރާމް ބަޔަކު ބޭންކުރާ ކަމަށް ތުހުމަތުކޮށްފި

ޝަރީއަތަށް ހާޒިރުކުރުމަށްޓަކައި ފުލުހުން އަދީބު މާލެ ގެނެސްފައި ---- ސަން ފައިލް ފޮޓޯ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ވައިބާ އަދި ޓެލެގްރާމް އެކައުންޓު ފުލުހުން ބޭނުންކުރާ ކަމަށް އެމަނިކުފާނު ތުހުމަތުކޮށްފި އެވެ.

ގާނޫނީ ވަކީލުން މެދުވެރިކުރައްވައި އަދީބު މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ އެމަނިކުފާނު ހައްޔަރުކުރި ދުވަހު ފުލުހުން ފޯނު އަތުލި ގޮތަށް އާއިލާގެ ބޭފުޅަކާ ވެސް ފޯނު ހަވާލުކޮށްފައިނުވާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ވައިބާ އަދި ޓެލެގްރާމް އެކައުންޓުން ފާއިތުވި އެކި ދުވަސްތަކުގައި އޮންލައިންވެފައިވާ ކަމަށް އެކި ފަރާތްތަކުން މައުލޫމާތުދީފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ފޯނު ބޭނުންކޮށްގެން ޓެލެގްރާމް އެކައުންޓުން އޮންލައިންވުމަކީ ފުލުހުންގެ ހުންނަން ޖެހޭ ސުލޫކާ ބީރައްޓެހި، ފުލުހުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުގެ ނަމުގައި އަޅުގަނޑުގެ ފޯނާއި އެ ފޯނުގައިވާ އެއްވެސް އެޕްލިކޭޝަނެއް ބޭނުންނުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ،" އަދީބުގެ ބަޔާނުގައިވެ އެވެ.

އަދީބުގެ އެ ތުހުމަތާ ގުޅިގެން ފުލުހުންނާ ގުޅުމުން ފުލުހުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

comment ކޮމެންޓް