ދިރާގު 123ގެ ހިދުމަތް ޒަމާނީކޮށް 24ގަޑިއިރުގެ ލައިވް ޗެޓްގެ ހިދުމަތް ތައާރަފްކޮށްފި

'ދިރާގު ލައިވްޗެޓް'ގެ ހިދުމަތް ތައާރަފް ކުރުމަށް މިއަދު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން އެ ކުންފުނީގެ ކަސްޓަމަރ ސަރވިސްގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުން ގެންދާ 123ގެ ހިދުމަތް އޮންލައިންކޮށް، 'ދިރާގު ލައިވްޗެޓް'ގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

އެކުންފުނީގެ ކަސްޓަމަރުންނަށް ވަގުތުން ދިރާގު ކަސްޓަމަރ ސާރވިސް އެޖެންޓުންނާއި މުއާމަލާތް ކުރެވޭނެގޮތް ހަމަޖައްސައި ދިނުމަށް ދިރާގުގެ ވެބްސައިޓުގައިވާ 'ދިރާގު ލައިވްޗެޓް'ގެ ހިދުމަތް ހަފްތާގެ 7 ދުވަހު 24 ގަޑިއިރުދިނުމަށް ނިންމަވާފައިވާކަން އިއުލާން ކޮށްފައިވަނީ މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

ދިރާގުން ބުނީ އެ ކުންފުނިން ދެމުންގެންދާ 123 ގެ ހިދުމަތް ޒަމާނީ ގޮތަކަށް، އޮންލައިން ކުރުމުން ދިރާގުގެ މުވައްޒަފަކާ 'ޗެޓް' ކޮށްލައިގެން އެ ކަސްޓަމަރެއް ބޭނުންފުޅުވާ ހިދުމަތެއް ނުވަތަ އެނޫންވެސް ދިރާގާއި ގުޅުންހުރި ކަމެއް ހައްލުކޮށް ނުވަތަ ސުވާލެއް އޮޅުން ފިލުވުމުގެ ފުރުސަތު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހުޅުވިފައިވާ ކަމަށެވެ.

އެގޮތުން އެ ކަސްޓަމަރަކަށް ފަސޭހަ ބަހަކުން، އިނގިރޭސި ނުވަތަ ދިވެހިބަހުން (ލެޓިންއިން) ކަމުގައި ވީނަމަވެސް ދިރާގު ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ކަސްޓަމަރުންނާއި މުއާމަލާތް ކުރާނެ ކަމަށާއި ކަސްޓަމަރުންގެ ސުވާލުތައް އޮޅުން ފިލުވައިދޭނެ ކަމުގެ ޔަގީންކަން ހުރިހާ ކަސްޓަމަރުންނަށް ވެސް އެކުންފުނިން ވަނީ ދީފައެވެ.

މި ހިދުމަތް ބޭނުންކުރުމަށް ދިރާގުގެ ވެބްސައިޓުގެ ހޯމްޕޭޖުގެ މަތީގައިވާ 'ލައިވްޗެޓް' އަށް ފިތާލުމަށް ފަހު ނަމާއި އީމެއިލް އެޑްރެސް ޖެއްސެވުމުން، އެ ވަގުތު ޑިއުޓީގައި އިންނަ ކަސްޓަމަރ ސާވިސް ރެޕްރެސެންޓޭޓިވްއެއް ޖަވާބުދޭނޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މިއަދު އަލަށް ތައާރަފްކުރި ޚިދުމަތާ ގުޅޭގޮތުން ދިރާގުގެ ކޮންޓެކްޓް ސެންޓަރ މެނޭޖަރ މުހަންމަދު އަޒްލީމް ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ދިރާގުގެ ކަސްޓަމަރ ސާވިސް އިތުރަށް ފުޅާވެ، ކަސްޓަމަރުންނަށްވެސް އެބޭފުޅުން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނޭ ކަމަށެވެ.

" ދިރާގުގެ ކުޅުދުއްފުށީ އޮފީހާއި މާލޭގައި ހުންނަ ހެޑްއޮފީސް މެދުވެރިކޮށްވެސް މި ހިދުމަތް ދެމުންގެންދާއިރު ކަމަށް ޤާބިލް މުވައްޒަފުން މިކަމަށް އަޅުގަނޑުމެންވާނީ ތަމްރީން ކޮށްފައި. ހަމަ އެއާއިއެކު މީގެ ސަބަބުން ކަސްޓަމަރުންނަށް 123 އަށް ގުޅުމުގެ އިތުރުން އެހެން އޮޕްޝަނެއްވެސް މިވަނީ ހުޅުވިގެންގޮސްފައި،" އަޒްލީމް ވިދާޅުވިއެވެ.

މިއަދު ތާއާރަފްކުރި ޚިދުމަތުގެ އިތުރުން މިހާރުވެސް ދިރާގު 'މައި އެކައުންޓު' މެދިވެރިކޮށް ކަސްޓަމަރުންގެ ބިލުތަކަށް ބަންދު ދުވަސްތަކާއި އޮފީސް ބަންދުވަގުތުތަކުގައިވެސް ވަގުތުން ފައިސާދެއްކުމާއި، އެހެނިހެން ދިރާގުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ ފުރުސަތުވަނީ ތައާރަފްކޮށްފައެވެ.

comment ކޮމެންޓް