މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ދިނުމަށް ކުރާ ދިރާސާއެއް ފަށައިފި

މާލޭގެ ގެތަކުން ކުނިނެގުމުގެ ހިދުމަތް ދިނުމަށް ކުރާ ދިރާސާ އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ލޯންޗްކޮށްދެއްވަނީ. ސަން ފޮޓޯ: މުޙައްމަދު އަފްރާޙު

ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ދިނުމަށްޓަކައި ކުރާ ދިރާސާއެއް ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް ( ވެމްކޯ) އިން މިއަދު އިފްތިތާހުކޮށްފިއެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދިރާސާ އިފްތިތާޙުކޮށްދެއްވީ އެންވަޔަރަންމެންޓް މިނިސްޓަރު ތާރިގު އިބުރާހީމެވެ.

ކުނި ނެގުމަށް ކުރާ ދިރާސާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: މުޙައްމަދު އަފްރާޙު

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތާރިގު ވިދާޅުވީ، އެ ދިރާސާގައި މައުލޫމާތު ހޯދާނީ ގޭގޭގައި ކުނި އުފެދޭ މިންވަރާއި އުފެދެނީ ކޮންބާވަތްތަކެއްގެ ކުންޏެއްކަމާއި ކުނި ގެއިން ބޭރުކުރާ ގަޑިތަކާއި އެކަމަށް ހަރަދުކުރާ މިންވަރާ ބެހޭ ގޮތުން ކަމަށެވެ.

"... އަޅުގަނޑުމެން މިދަނީ ، ސަރުކާރުންނާއި އަދި ވެމްކޯގެ ފަރާތުން މިދަނީ މިއަހަރު ނިމޭ އިރު މާލޭގައި ހުރި ހުރިހާ ގޭގެއަކުން ކުނި ކަލެކްޓް ކުރެވޭނެ އިންތިޒާމުތައް ހަމަ ޖައްސަމުން. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އަޅުގަނޑުމެން މި މަސައްކަތްކުރަނީ ގޭގޭން މިދަންނަވާ މައުލޫމާތު ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޭގެއިން ކުނީގެ އެކިބާވަތްތައް ވަކިކުރޭތޯ ނުވަތަ ނޫންތޯ ވެސް ދިރާސާގައި ބަލާނެ ކަމަށެވެ.

މައުލޫމާތު އެއްކުރުމަށް ވެމްކޯއިން ކުރާ ސާވޭގައި މާލޭގެ ހުރިހާ ރައްޔިތުން ވެސް ބައިވެރިވަޑައިގެންނެވުމަށް ތާރިގު އިލްތިމާސް ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ ކަލެކްޝަން ސާވިސް މެނޭޖަރު އިސްމާއީލް އުބައިދު ވިދާޅުވީ ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ބެހޭ ސާވޭ އެ ކޯޕަރޭޝަނުން މިހާރު ކޮށް ނިންމާފައިވާ ކަމަށެވެ.

"... އެބައި އަޅުގަނޑުމެން މިވަނީ މިދިޔަ މަސްތެރޭގައި ނިންމާލާފައި. އޭގެ ތެރެއިން ވަރަށް ބައިވަރު މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް