ތިނަދޫ އިސްލާމީ މަރުުކަޒު ބިނާ ކުރުމަށް 34.4 މިލިއަން ރުފިޔާއަށް އެމްއާރްޑީސީ އާ ހަވާލުކޮށްފި

ތިނަދޫ އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔަތު ތެރެއިން --- ސަން ފޮޓޯ: ފަރުލީނާ ހުސައިން

ގދ.ތިނަދޫ ގައި އިސްލާމީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް 34.4 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމިކު މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކު މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ. އަދި އެމްއާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓު މެނޭޖަރު ހަސަން ރިފްއީ ބުޝްރީ އެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔަތު ތެރެއިން --- ސަން ފޮޓޯ: ފަރުލީނާ ހުސައިން

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކު މިނިސްޓަރު ވިދާޅުވީ، ތިނަދޫގައި ބިނާ ކުރާ އިސްލާމިކު މަރުކަޒަކީ ދެކުނުގެ އަތޮޅުތަކުގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުތަކުގެ ތެރެއިން އިމާރާތް ކުރެވޭ ފުރަތަމަ މަރުކަޒު ކަމަށެވެ.

"...ދިވެހިރާއްޖޭގައި އިސްލާމު ދީން ފެތުރުމާއި އިސްލާމީ ވިސްނުމާއި އިސްލާމީ ފިކުރު ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމު ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ވިސްނުން ފުޅުގެ މަތިން ދެކުނުގެ އަތޮޅުތަކުގައި އިމަރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުތަކުގެ ތެރެއިން މާލެ ފިޔަވައި ދިވެހިރާއްޖޭގެ ރަށެއްގައި އިސްލާމިކު މަރުކަޒެއް ބިނަ ކުރެވޭ ފުރަތަމަ ފަހަރު"، މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ތިނަދޫ އިސްލާމީ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތް ހަތް ވަރަކަށް މަސް ދުވަސްތެރޭގައި އަޅުގަނޑުމެންގެ އުއްމީދަކީ މި ބޮޑު މަޝްރޫއު ނިމުން..."، މިނިސްޓަރު ވިދާޅުވިއެވެ.

ތިނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ގެ ހިލޭގެ އެހީގެ ދަށުންނާއި، ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ މަރުކަޒެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ނައިބު ހުސެއިން ތޯރިގު ފާއިޒު ވިދާޅުވީ، ސައުދީ އަރަބިއްޔާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 210 އިސްލާމީ މަރުކަޒު ބިނާ ކޮށްފައިވާ ކަަމަށެވެ.

"...މިއީ ސައުދީ ރަސްގެފަނު، ރާއްޖޭގައި ބިނާ ކުރުމަށް ނިންމި 10 މިސްކިތުގެ ތެރެއިން އެއް މިސްކިތް..."، ސައުދީ އެމްބަސީގެ ނައިބު ވިދާޅުވިއެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ބިނާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔަތު ތެރެއިން --- ސަން/ފޮޓޯ

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކު މިނިސްޓްރީ އިން ވަނީ ދީނީ ހޭލުންތެރި ކުރުވުގެ ގޮތުން ހަތަރު ފޮތެއްވެސް ނެރެފައެވެެ. އެ ހަތަރު ފޮތް ނެރެދެއްވީ ސައުދީ އެމްބަސީގެ ނައިބު ހުސެއިން ތޯރިގު ފާއިޒު އެވެ.

ތިނަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގައި 500 މީހުންގެ ކޮންފަރެންސް ހޯލަކާއި، 30 މީހުންގެ ޖާގައިގެ ހަތަރު ކުލާސް ރޫމާއި ލައިބްރަރީ އެއްގެ އިތުރުން ވުޟޫ ކުރާ ތަނަކާއި އޮފީސް ބައެއް ވެސް ހިމެނެއެވެ. އަދި އެ މަރުކަޒުގެ ފުރަތަމަ ފްލޯގައި 1000 މީހުންގެ ޖާގައިގެ ނަމާދު ކުރާ ހޯލެއް ވެސް ހިމެނެއެވެ.

comment ކޮމެންޓް