ނަޝީދުގެ ވާހަކަތަކުން، ރާއްޖެއަށް ބޭއިންސާފުން ގެއްލުން ލިބޭ: ރައީސް

ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ނަޝީދު ދައްކަވާ ވާހަކަފުޅުން ގައުމަށް ގެއްލުންވޭ -- ފައިލް ފޮޓޯ

މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސި ވިލާތަށް ވަޑައިގެން ހުންނަވައި، ދިވެހި ރާއްޖެ ބަދުނާމުކޮށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ "ހޮޅި ވާހަކަ"ފުޅުތަކުގެ ނޭދެވޭ އަސަރާއި ގެއްލުން، ދިވެހި ރައްޔިތުން ނޫން އެހެން ބަޔަކަށް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

"ވޮޝިންގްޓަން ޓައިމްސް"ގައި އިއްޔެ ޝާއިޢު ކޮށްފައިވާ، ރައީސް ޔާމީން ލިޔުއްވި ލިޔުއްވުމެއްގައި އެމަނިކުފާނު ވަނީ ރައީސް މުހައްމަދު ނަޝީދަށާއި އެމަނިކުފާނުގެ ވަކީލުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސްކަމުގައި ހުންނަވައި، ރައީސް ނަޝީދު މަސައްކަތް ކުރެއްވީ އަމިއްލަ އެޖެންޑާއެއް ކުރިއަރުވައި، ގިނަ ބައެއްގެ ސަމާލުކަން ހޯދެއްވުމަށް ކަމަށެވެ. އެގޮތުން، އަމިއްލަ ފުޅު މަސައްކަތާ ގުޅޭ ޑޮކިއުމެންޓަރީއެއް ވެސް ރައީސް ނަޝީދު ހައްދަވާފައިވާ އިރު، މިހާރު އެމަނިކުފާނު ފެންނަނީ ސަމާލުކަން ހޯއްދެވުމަށް ކުރިޔަށް ވުރެ ބުރަ މަސައްކަތްތަކެއް ކުރައްވާ މަންޒަރު ކަމަށެވެ.

"މިފަހަރު ސަމާލުކަން ލިބުނީ އެމަނިކުފާނުގެ ކަނޑު އަޑީގެ ކެބިނެޓު ބައްދަލުވުމެއް ނޫން. މިފަހަރުގެ ވާހަކައަކީ ބޭސްފަރުވާ ކުރެއްވުމަށް ޓަކައި ވަގުތީ ގޮތުން ޖަލުން މިނިވަން ކުރުމުން އިނގިރޭސި ވިލާތަށް ވަޑައިގެން، ވަކީލު އަމާލް ކްލޫނީގެ ސީދާ ބެލުމުގެ ދަށުން ހިންގާ މީޑިޔާ ކެމްޕޭނުގެ ވާހަކަ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެން ބޭރުގެ ބޭފުޅުންނާއި މީޑިޔާއާ ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނު ވަނީ ދިވެހި ރާއްޖޭގެ ވެރިންނާ މެދު ފިޔަވަޅު އެޅުމަށް ބާރު އަޅުއްވައި ރާއްޖެއަކީ ޓެރަރިޒަމްގެ ބިރު އޮތް ތަނެއްގެ ގޮތުގައި ސިފަ ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ގައުމުގެ ވެރިޔާގެ ހައިސިއްޔަތުން އަޅުގަނޑުގެ ބޮލުގައި އެޅުވޭނީ އަޅުގަނޑުގެ އަމަލުތަކާއި، އަޅުގަނޑުމެންވީ ވައުދުތައް ފުއްދައިދިނުމުގެ ގާބިލިއްޔަތުގެ ޒިންމާ. އެކަމަކު މިދިޔަ މަހު ހިނގައިދިޔަ ކަންކަމާއި މެދު ކަންބޮޑުވޭ. ކަންބޮޑުވަނީ ސިޔާސީ ގޮތުން އަޅުގަނޑުގެ ސަރުކާރު ބަލައިގަންނަން އުނދަގޫ ވެދާނެތީއެއް ނޫން. ކަންބޮޑުވަނީ، ރައީސް ނަޝީދު އެއް އިރަކު ރައީސްކަން ކުރައްވައި، ލޯބިފުޅު ވެވަޑައިގަންނަވާ ކަމަށް ވިދާޅުވާ ގައުމަށް އިންސާފުވެރި ނޫން ގޮތަކަށް އަދަބު ދެއްވާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ ކަންކަން ހަމަ މަގުންދާ ނަމަ ރާއްޖޭގެ "ބަތަލަކަށް" ރައީސް ނަޝީދަށް ވެވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ބޮއްސުން ލައިގެން ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވަނީ މި ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެބަ ވިދާޅުވޭ ރާއްޖޭގައި ޓެރަރިޒަމްގެ ބިރު އޮތް ކަމަށް. އެކަމަކު މިއީ ފަތުރުވެރިންނަށް އެންމެ ރައްކާތެރި އެއް މަންޒިލު. ޓެރަރިޒަމްގެ ބިރެއް އަތުވެދާނެ ކަމަށްޓަކައި މި ސަރުކާރު މި އޮތީ ހޭލައި،" ރައީސް ލިޔުއްވުމުގައި ވިދާޅުވި އެވެ.

comment ކޮމެންޓް