އިންޑިއާ އަތުން ބަލިވި ނަމަވެސް ގުރޫޕްގެ އެއް ވަނައިގައި ރާއްޖެ ސެމީއަށް

ސައުތު އޭސިއަން ގޭމްސްގައި އިންޑިއާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގައި ހަސަން ނާއިޒް ކައިރިން ބޯޅަ ހޯދުމަށް އިންޑިއާ ކުޅުންތެރިން މަސަތްކަތް ކުރަނީ --- ސަންފޮޓޯ: އިމޭޖަސް އެމްވީ/ހުސެން ސިނާން

ސައުތު އޭޝިއަން ގޭމްސްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާއަތުން 3-2 ގެ ނަތީޖާއަކުން ބަލިވިނަމަވެސް ގުރޫޕް އެއް ވަނއިގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެ ނަތީޖާއިން އިންޑިއާ މޮޅުވުމުން ގުރޫޕްގެ ސެމީގެ ދެ ވަނަ ޖާގަ ލިބުނީ އިންޑިއާއަށެވެ.

ޕޮއިންޓްގެ ގޮތުން ގުރޫޕްގެ ތިން ޓީމު ހަމަހަމަ ވިނަމަވެސް ރާއްޖެއަށް އެއް ވަނަ ލިބެނީ ތިން ޕޮއޮިންޓާއެކު ފައިދާ އެއް ގޯލް އޮތުމުންނެވެ. އިންޑިއާއަށް ގުރޫޕްގެ ދެ ވަނަ ލިބެނީ ފައިދާ އަދި ގެއްލުން ގޯލެއްވެސް ނެތް އިރު ލަންކާއަށް ގެއްލުނު އެއް ގޯލް އޮތުމުންނެވެ.

މިއަދު ކުޅުނު މެޗްގައި ފުރަތަމަ ލީޑް ނެގީ އިންޑިއާ އިންނެވެ. އެ ލަނޑު މެޗް ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔަބު ކުރީ ކްމާމް އުދަންތާއެވެ.

އިންޑިއާއިން ލީޑް ނެގިތާ ހަ މިނެޓްފަހުން މެޗްގެ ދިހަ ވަނަ މިނެޓްގައި ރާއްޖޭގެ ޑިފެންޑަރު މުރުތަޟާ އަދުނާނު ވަނީ ރާއްޖެއަށް ނަތިޖާ ހަމަހަމަކޮށްދީފައެވެ.

އޭގެ ދެ މިނެޓްފަހުން އިންޑިއާއިން ވަނީ އަލުން ލީޑް ނަގާފައެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕްރިތަމް ކޯޓާލްއެވެ.

ރާއްޖެއިން އަލުން ނަތީޖާ ހަމަހަމަ ކުރީ 42 ވަނަ ފޮޓޯ ޕްރިތަމް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ރާއްޖޭގޭ އަޙްމަދު ނާޝިދު (ނާއްޓޭ) އިންޑިއާގެ ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅަ ޕްރިތަމް ދިފާއުކުރަން އުޅުމުން ބޯޅަ ގޯލަށް ވަނީ އޭނާގެ ފައިގައި ޖެހިފައެވެ.

މެޗްގެ 57 ވަނަ މިނެޓްގައި އިންޑީއާ މޮޅުވި ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރި ކްމާމްއެވެ.

މެޗްގައި ގިނަ ހަމަލާތައް އުފައްދާ ގޯލަށް ނުރައްކާ ކުރީ ރާއްޖެއިންނެވެ.

ގުރޫޕް އެއް ވަނައިގައި ރާއްޖެ ސެމިއަށް ދިއުމުން ސެމީގައި ރާއްޖެ ވާދަ ކުރަން ޖެހޭނީ ގުރޫޕް 'ބީ' ގެ ދެ ވަނަ ޓީމާ ދެކޮޅަށެވެ. ގުރޫޕް 'ބީ' އިން ސެމީއަށްދާނެ ޓީމުތައް ފައިނަލް ވާނީ މާދަމާ ކުޅޭ މެޗްތަކުންނެވެ.

comment ކޮމެންޓް