ތިނަދޫ އިންޖީނުގޭ ރޯވި މައްސަލާގެ ތަހުގީގް އަދިވެސް ނުނިމޭ

ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާންރޯވި ހާދިސާ: އެ ހާދިސާގައި އިންޖީނުގެ ވަނީ ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައި --- ފޮޓޯ: ކިޔުންތެރިއެއް

ގދ. ތިނަދޫގެ އިންޖީނުގޭގައި އަލިފާންރޯވެ އެނދި މައްސަލާގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފިއެވެ.

މީގެ 14 ވަރަކަށް ދުވަސް ކުރިން ހިނގި އެއަލިފާނުގެ ހާދިސާއާއި ގުޅިގެން ސަން އިން ކުރި ސުވާލަކަށް ޖަވާބްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމައްސަލާގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެމައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.

އެހާދިސާއާއި ގުޅޭގޮތުން އެރަށުގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. އެއީ ބަޔަކު ގަސްތުގައި ރޯކޮށްލި ރޯކޮށްލުމެއް ކަމަށް އެއް ބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަމުން ދަނީ އިންޖީނުގޭގެ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ރޯވީ ކަމަށެވެ.

ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ އިންޖީނުގޭ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. އެއާ އެކު އެރަށުން ވަނީ ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. އެރަށަށް އަލުން ކަރަންޓު ދޫކޮށްފައި ފަސް ދުވަސް ފަހުންނެވެ.

comment ކޮމެންޓް