އުތުރު ކޮރެޔާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ލީ ޔުންގް ގިލް އަށް މަރުގެ އަދަބު ދީފި

އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން އާއި އެގައުމުގެ ބޮޑުން


ޕިޔޮންގްޔަންގް (ފެބްރުއަރީ 10) : އުތުރު ކޮރެޔާގެ ސިފައިންގެ ވެރިޔާ އަދި އެގައުމުގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ޖެނެރަލް ލީ ޔުންގް ގިލް އަށް މަރުގެ އަދަބު ދީފި އެވެ.

އުތުރުކޮރެޔާއާ ގާތްގުޅުންތަކެއް އޮންނަ ޗައިނާގެ އެންމެ ބޮޑު ނޫސްއެޖެންސީ ކަމަށްވާ ޒިންހުވާ އިން ބުނި ގޮތުގައި ލީ ޔުންގް ގިލްއަށް މަރުގެ އަދަބު ދިނީ ކޮރަޕްޝަންގެ ތުހުމަތާއި އަމިއްލަ މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި މަގާމުގެ ބޭނުން ކުރުމުގެ ތުހުމަތުގަ އެވެ. އަދި އޭނާއަށް މަރުގެ އަދަބު ދިނީ އުތުރު ކޮރެޔާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއްގައި ކަމަށާ މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ގައުމުގެ ރައީސް އަދި ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ ކިމް ޖޮންގް އުން ކަމުގަ އެވެ.

އުތުރު ކޮރެޔާގެ ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ޖެނެރަލް ލީ ޔުންގް އައްޔަންކޮށްފައި ވަނީ 2013 ވަނައަހަރުގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެގައުމުގެ ސެންޓްރަލް ކޮމާންޑްގެ އެންމެ އިސް ކޮމާންޑަރުކަމުގެ މަގާމުގަ އެވެ. އުތުރު ކޮރެޔާގެ ސިފައިންގެ ލަޝްކަރުތަކުގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް އާދެވެނީ އެގައުމުގެ ރައީސް ވަރަށް އިތުބާރު ކުރައްވާ ޖެނެރަލުންނަށެވެ.

މިގޮތުން މަރުގެ އަދަބު ދެވުނު ޖެނެރަލް ލީ ޔުންގް އަކީ އުތުރުކޮރެޔާގެ ޒައީމް ކިމް ޖޮންގް އުން ވަރަށް ގާތް ގުޅުންތަކެއް އޮތް އަދި އޭނާ ވަރަށް އިތުބާރު ކުރައްވާ ޖެނެރަލެއް ކަމަށް ޚަބަރު ލިބެ އެވެ. މިގޮތުން ރައީސް ކިމް އަސްކަރީ ތަންތަނަށް ކުރައްވާ ވަރަށް ގިނަ ދަތުރުފުޅުތަކުގައި ލީޔުންގް ބައިވެރި ކުރައްވަ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި އުތުރުކޮރެޔާ އިން ތަޖްރިބާކުރި ދުރުރާސްތާގެ ބެލަސްޓިކް މިސައިލް އުދުއްސާލި ރަސްމިއްޔާތުން ޖެނެރަލް ލީ ޔުންގް ފެނިފައެއް ނުވެ އެވެ.
ޒިންހުވާ ބުނާގޮތުން ޖެނެރަލް ލީ ޔުންގް އަށް މަރުގެ އަދަބު ދިނުމަށްފަހު އެމަގާމަށް ރައީސް ކިމް އައްޔަން ކުރެއްވީ އުތުރުކޮރެޔާ ގެ ޕީޕަލްސް އާމީގެ ކޮމާންޑަރު ޖެނެރަލް ލީ މިންގް ސޫ އެވެ. ރިޕޯޓްތައް ބުޏާގޮތުން އުތުރުކޮރެޔާއިން މިދިޔަ އެޕްރީލްމަހު ވަނީ ޕީޕަލްސް އާމީގެ ކުރީގެ އިސް ކޮމާންޑަރު ޖެނެރަލް ހިޔުން ޔުންގް ޗޫލް އަށްވެސް މަރުގެ އަދަބު ދީފައެވެ. (އާރުޓީ)

comment ކޮމެންޓް