ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދިނުމަށް އިންޑިއާގެ މަތިންދާބޯޓު އުފުލާ މަނަވަރު ރާއްޖެއަށް

އައިއެންއެސް ވިކްރަމަދިތްޔާ ފޮޓޯ--އިންޑިއަން ނޭވީ

ދިވެހިރާއްޖެ އާއި އިންޑިއާއާއި ދެމެދު ގޮތް ގާތް ގުޅުން ރަމްޒުކޮށްދިނުމަށް އިންޑިއާގެ ކަނޑުގެ ސިފައިން ބޭނުން ކުރާ، މަތިންދާބޯޓު އުފުލާ މަނަވަރު އަންނަ ހަފުތާގައި ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއަން ހައި ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިޔާ ކަނޑުގެ ސިފައިންގެ މަނަވަރެއްކަމަށްވާ އައިއެންއެސް ވިކްރަމަދިތްޔާ ރާއްޖެ އަންނާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގައި ކަމަށެވެ.

ދިގުމިނުގައި 285 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ އައިއެންއެސް ވިކްރަމަދިތްޔާއަކީ، އިންޑިއާގެ އަސްކަރިއްޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކުގެ ތެރެއިން އެންމެ ފަހުން ހިދުމަތާއި ގުޅުނު މަނަވަރެވެ.

މި މަހުގެ ހަތަކުން ނުވައަކަށް އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއުގައި ވެސް އެ މަނަވަރު ބައިވެރިވި އިރު، ރާއްޖެ އަށް ކުރާ ދަތުރަކީ އެ މަނަވަރުން ބޭރު ގައުމަކަށް ކުރާ ފުރަތަމަ ދަތުރުކަން ހައި ކޮމިޝަނުން ފާހަގަ ކުރި އެވެ.

އައިއެންއެސް ވިކްރަމަދިތްޔާ ރާއްޖެއަށް ކުރާ ދަތުރުގައި، އައިއެންއެސް މައިސޫރާ އައިއެންއެސް ދީޕަކް ވެސް ބައިވެރިވާނެ އެވެ. އައިއެންއެސް ދީޕަކް އަކީ މާލެއަށް ދިމާވި ފެނުގެ ކާރިސާއާ ގުޅިގެން އެހީ ފޯރުކޮށްދިނުމަށް ރާއްޖެ އައި މަނަވަރެކެވެ.

ހައި ކޮމިޝަނުން ބުނި ގޮތުގައި މަނަވަރުތަކުގެ ދަތުރުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، އަސްކަރީ ގޮތުން އެއް ގައުމު އަނެއް ގައުމަށް ދެމުންދާ ފުރިހަމަ އެއްބާރުލުން ރަމްޒުކޮށްދޭނެ އެވެ.

މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އައިއެންއެސް ވިކްރަމަދިތްޔާ ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާ އިރު، އެ މަނަވަރަށް ޒިޔާރަތް ކުރުމުގެ ފުރުސަތު 16 އަދި 17 ވަނަ ދުވަހު އާންމުކޮށް ވަނީ ހުޅުވާލެވިފަ އެވެ.

comment ކޮމެންޓް