"ޑޮލަރު" ފޮޓޯކޮޕީ މަގުތަކަށް އެޅިމައްސަލާގައި ފިޔަވަޅު އަޅަން ވިސްނަނީ

މެމްބަރު އީވާ އާއި މަހުލޫފް ކަރުދާސްތައް މަގުމައްޗަށް އުކަނީ-- ފޮޓޯ: އެމްޑީޕީ

ޑޮލަރުތަކެއްގެ ފޮޓޯކޮޕީތަކެއް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެ ކޮޅު ކައިރިއަށް އެޅި މައްސަލާގައި ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މަޖިލިސް މެމްބަރު އީވާ އަބްދުﷲ އާއި އަހުމަދު މަހުލޫފް މިއަދު ވަނީ ރައީސްގެ ގެކޮޅު ހުންނަ ސަރަހައްދަށް ރައީސް ޔާމީންގެ ފޮޓޯޖަހައިގެން ހަދާފައި ހުރި ޑޮލަރުތަކެއް އަޅައިފަ އެވެ.

ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އަބްދުﷲ ޝަރީފް މިއަދު ސަން އަށް ވިދާޅުވީ މާލޭގެ މަގުތަކަށް ކުނިއަޅާ ނަމަ އެއީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށާއި އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ވިސްނަމުން އަންނަ ކަމަށެވެ.

"އާންމު އިޖުތިމާއީ މިންގަނޑުގެ ދަށުން އެބޭފުޅުންނާއި މެދު ފިޔަވަޅު ވެސް އެޅޭނެ އިނގޭތޯ، އެއީ ސީދާ މަނާކަމެއް، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ގާނޫނީ ގޮތުން އެކުރީ ކުށެއް." ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމިނިސްޓްރީގެ މުވައްޒިފުން ބޭނުންކޮށްގެން އެކުނިތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު އެސަރަހައްދުގެ ފަރާތްތަކުން ކުނީގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މަޖިލިސް ދެ މެމްބަރުން އިސްކޮށް ތިބެ އެފަދަ ކަމެއް ހިންގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި ކަންބޮޑުވުމެއް އޮންނަ ނަމަ އެ އޮންނަ އުސޫލެއްގެ މަތިން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.

comment ކޮމެންޓް