"މަސްތީޒާދޭ"ގެ މަންޒަރަކާ ގުޅިގެން ސަނީލިއޯން އާއި ވިރް ދާސް ހޫނުފެނަށް!

މަސްތީޒާދޭގެ އެކްޓަރު ވިރް ދާސް އަދި އެކްޓްރެސް ސަނީލިއޯން --

ބޮލީވުޑްގައި ދާދިފަހުން ރިލީޒްކުރި، ބޮޑެތި މީހުންނަށް ހާއްސަ ކޮމެޑީ ފިލްމް "މަސްތީޒާދޭ"ގައި ހިންދޫ ދީނުގެ މީހުން އަޅުކަންކުރާ ފައްޅިއެއްގެ ތެރޭގައި ނަގާފައިވާ މަންޒަރަކާ ގުޅިގެން އެ ފިލްމުގެ ކާސްޓުންނާ ދެކޮޅަށް ދިއްލީގެ އާރދާޝް ނަގަރުގެ ޕޮލިސް ސްޓޭޝަނަކަށް ފަސްޓް އިންފޮމޭޝަން ރިޕޯޓް (އެފްއާރުއައި)އެއް ހުށަހަޅައިފިއެވެ.

ފައްޅިއެއްގެ ތެރޭގައި ހުރަހެއް (ކޮންޑަމް) އެއް ގެންގުޅޭ މަންޒަރަކާ ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ، އެ ފިލްމުގައި ބޭއަދަބީ ގޮތެއްގައި ފައްޅިއެއްގެ ތެރޭގައި ހުރަސް އިސްތިހާރުކޮށްފައިވާކަމަށެވެ. އަދި އޭގެ ސަބަބުން ހިންދޫ ދީނަށް ފުރައްސާރަވެ އެ ދީނުގެ މީހުންގެ އިހުސާސްތަކާ ކުޅެފައިވާ ކަމަށެވެ.

އަދާރޝް ނަގަރު ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ މިހާރު ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށައިފައެވެ.

މަސްތީޒާދޭގެ ކާސްޓުންނާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ، މީގެ ކުރިން ކަލަރސް ޓީވީން ގެނެސްދިން ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ މަންޒަރަކާ ގުޅިގެން ޝާހްރުކް ޚާންއާއި ސަލްމާން ޚާނާ ދެކޮޅަށްވެސް މައްސަލަ ހުށަހެޅި، ގޯރަވް ގުލާތީ އެވެ. ޝާހްރުކާއި ސަލްމާނާ ދެކޮޅަށް އެފަހަރު މައްސަލަ ހުށަހެޅީ ބިގް ބޮސްގެ ޕްރޮމޯޝަނަލް މަންޒަރެއް ނަގަން، އެ ދެ ތަރިން ބޫޓަށް އަރައިގެން ތިބެ ފައްޅިއެއްގެ ތެރެއަށް ވަނުމުންނެވެ.

ފައްޅިތެރޭގައި ހުރަސް ގެންގުޅުނު މައްސަލައިގައި، ސަނީލިއޯން އާއި ވިރް ދާސްގެ އިތުރުން އެ ފިލްމުގެ ލީޑުރޯލުން ދެން ފެނިގެންދާ ތުޝާރު ކަޕޫރާއި ފިލްމުގެ ޑައިރެކްޓަރު މިލަޕް ޒަވެރީއަށް ވެސް ގާނޫނީ ފިއްތުންތަކެއް ކުރިމަތިވާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު މަސްތީޒާދޭ އިންޑިއާގައި ދެއްކުން މަނާކުރުމަށް ގޮވާލައި ހިންދޫންގެ ގިނަ ބަޔަކު ވަނީ ޕަންޖާބުގެ ސިޓީއެއް ކަމަށްވާ ލޫދިއާނާގައި މުޒާހަރާއެއްވެސް ކޮށްފައެވެ. އަދި އޭގެ އިތުރުން، އެ ފިލްމާ ދެކޮޅަށް އިންޑިއާގެ ނޭޝަނަލް ހިއުމަންރައިޓްސް ކޮމިޝަނާއި، އެގައުމުގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން އަށްވެސް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

comment ކޮމެންޓް