ފޫޒޯއަށް ފެށި ދަތުރުތަކާ އެކު ވިޒިޓް މޯލްޑިވްސް އިޔާގެ ޓާގެޓް ހާސިލްވާނެ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިޝް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު، ނުވަތަ ވިޒިޓް މޯލްޑިވްސް އިޔާ 2016ގެ ޓާގެޓް، މިއަދު މޯލްޑިވިއަން އިން ޗައިނާގެ ފޫޒޯއަށް ފެށި ދަތުރުތަކާ އެކު ހާސިލްވުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

އެއާޕޯޓުގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ، ދުނިޔޭގެ ތަފާތު މަންޒިލްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ކަންކަން ވަރަށް ހަލުވި ސްޕީޑެއްގައި ކުރަމުން އަންނަ ކަމަށެވެ.

މޯލްޑިވިއަން އިން މިއަދު ވަނީ، ޗައިނާގެ ފޫޒޯ ސިޓީއަށް ދަތުރުތައް ފަށާފަ އެވެ. ހާރިޝް ވިދާޅުވީ، ޗައިނާ އަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އެއް ގައުމު ކަމަށެވެ. އެހެންކަމުން ޗައިނާގެ އިތުރު ސިޓީއަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާ އެކު ޓޫރިސްޓް އެރައިވަލް އިތުރުވާނެ ކަމަށް ހާރިޝް ވިދާޅުވި އެވެ.

"މޯލްޑިވިއަން އިން މިއަދު ފެށި ދަތުރުތަކުގެ ސަބަބުން އެ އުންމީދު ހާސިލްކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑަށް ހަބަރު ލިބޭގޮތުގައި ހަމަ އެކަނި ޗައިނާއިން މޯލްޑިވިއަންގައި ހަފްތާއަކު 1100 ފަތުރުވެރިން ރާއްޖެއަށް އާދޭ،" ހާރިޝް ވިދާޅުވި އެވެ.

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންފޫކަން ވިދާޅުވި ގޮތުގައި މިއަހަރު އެ ގައުމުން ރާއްޖެއަށް 500،000 ފަތުރުވެރިން ރާއްޖެއަށް އަންނާނެ އެވެ.

އެހެންކަމުން ރާއްޖޭގެ ޓޫރިޒަމް މާކެޓްގެ ބޮޑު މެޖޯރިޓީއެއް އޮންނަ ޔޫރަޕްގެ ގައުމުތަކުން އަންނަ ޓޫރިސްޓުން އިތުރުވެއްޖެ ނަމަ ވިޒިޓް މޯލްޑިވްސް އިޔާގެ ޓާގެޓް ހާސިލްވާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި މިއަހަރު ފާހަގަކުރަމުން އަންނަ އިރު، ޓޫރިސްޓް އެރައިވަލްގެ ޓާގެޓަކީ 1.5 މިލިއަން ޓޫރިސްޓުންނެވެ. ހާރިޝް ވިދާޅުވި ގޮތުގައި ދުނިޔޭގެ ތަފާތު މަންޒިލްތަކުގައި ރާއްޖެ އިޝްތިހާރު ކުރުން ދަނީ ކުރިއަށެވެ. އަދި އޭގެ ނަތީޖާ ފެންނަކަމަށް ހާރިޝް ވިދާޅުވިއެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދު ވަނީ ޗައިނާގެ ފޫޒޯ އަށް ދަތުރުތައް ރަސްމީކޮށް ފަށާފަ އެވެ. އެގޮތުން ކޮންމެ ހަފްތާއަކު އެއް ފްލައިޓް ބާއްވާއިރު، ޑިމާންޑަށް ބަލައި ފްލައިޓް އިތުރުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެ އެވެ.

comment ކޮމެންޓް